އުމަރުޖަނޯވް (މ) ގޯލެއް ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
06 ފެބުރުއަރީ 2024 - 18:52
ކުއާޓާ ފައިނަލްގައި 8-0 އިން ކްލަބް ޕީކޭ ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ސެމީ ފައިނަލްގައި ނިއު ވާދަކުރަން ޖެހޭނީ މާދަމާ ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލަށް ދާ ދެ ޓީމު ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެ އެވެ.
އެންމެ މަތީ ފަންތީގައި 2018 ވަނަ އަހަރާ ހަމައަށް ކުޅުނު ނިއު ރޭޑިއަންޓް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ އެޓީމަށް ކުރިމަތިވި ސަސްޕެންޝަނާ ގުޅިގެންނެވެ. ސަސްޕެންޝަނުން ސަލާމަތްވެ އެޓީމު އެނބުރި އައީ 2022 ވަނަ އަހަރުގެ ދެވަނަ ޑިވިޝަނުގަ އެވެ. އެފަހަރު ނިއު ކެޓީ ސެމީ ފައިނަލްގައި ޕެނަލްޓީން ބަލިވެގެންނެވެ.
ޕީކޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ސަނޫނޫ އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ފާފުގައި ނިއު އިން ހަ ގޯލު ޖެހި އެވެ. މެޗުގެ ހަތަރުވަނަ މިނިޓުގައި އިސްމާއިލް ވިފާގު ނިއު އަށް ލީޑު ނަގައިދިން އިރު، ތިން މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ އުމަރުޖަނޯވް އަކްރޯރެވެ. އަދި 16 ވަނަ މިނިޓުގައި ކޯފީ އޮވޫސޫ ނިއުގެ ތިންވަނަ ލަނޑު ޖަހައިދިން އިރު، އޭނާ ވަނީ 25 ވަނަ މިނިޓުގައި ނިއުގެ ހަތަރުވަނަ ގޯލު ވެސް ޖަހައިދީފަ އެވެ. ފަސްވަނަ ލަނޑު އޭގެ 10 މިނިޓު ފަހުން ޖަހައިދިނީ އުމަރުޖަނޯވް އެވެ.
ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ނިއުގެ ހަވަނަ ގޯލު ޖަހައިދިނީ އަބޫ ސަނޫނޫ އެވެ. ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ސަނޫނޫ، މެޗުގައި އޭނާގެ ދެވަނަ ގޯލު ޖަހައިދިން އިރު، މެޗުގައި އެޓީމުން ޖެހި ފަހު ގޯލު 75 ވަނަ މިނިޓުގައި ޖަހައިދިނީ އާދަމް ޝިޔާން މުހައްމަދެވެ.
މިފަހަރުގެ ދެވަނަ ޑިވިޝަންގެ ގުރޫޕް ސްޓޭޖުގައި ނިއުގެ ފުރަތަމަ މެޗު ކުޅެން އޮތް ދުވަހު ވިއްސާރައިގެ ސަބަބުން މެޗު ފަސްކުރަން ޖެހުނެވެ. ދެވަނަ މެޗަށް އިދިކޮޅުން ވާދަކުރަން އޮތް ކްލަބް ޓީނޭޖް ދަނޑަށް ހާޒިރު ނުވުމުން ނިއު އަށް ވަނީ 2-0 ގެ ނަތީޖާއަކުން މެޗު ލިބިފަ އެވެ. އެއަށް ފަހު، ފަސްކުރި މެޗުގައި ވަނީ 3-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
ނިއު އިން ކުއާޓާގެ ޖާގަ ޔަގީން ކުރީ ބީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ. ބީޖީ ބަލިކުރީ 4-0 އިންނެވެ. އަދި ފަހު މެޗުގައި 4-1 އިން ޓެންޓް ސްޕޯޓްސް ކްލަބް ބަލިކޮށްގެން ގުރޫޕް ސްޓޭޖް ނިންމާލީ ވާދަކުރި ގުރޫޕްގެ އެންމެ ކުރީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނު
06 February 2024
އުންމީދަކީ އަދި ދުޢާއަކީ ވެސް އަންނަ ސީޒަނުގައި ފަސްޓް ޑިވިޝަނުން ނިއު ފެނުން. އަދި އެނބުރި ކުރީގެ މަގާމަށް ދިއުން.