20 ފެބުރުއަރީ 2024 - 11:37
ނޭޕްލްސް (ފެބްރުއަރީ 20) - ނަޕޯލީއަށް މި ސީޒަނުގައި އިރުޝާދު ދޭން ތިންވަނަ ކޯޗަކާ ހަވާލުކޮށްފި އެވެ.
މި ސީޒަން ފެށިއިރު ނަޕޯލީއަށް އިރުޝާދު ދިނީ ފްރާންސްގެ ރޫޑީ ގާސިއާ އެވެ. ނޮވެމްބަރު މަހު އޭނާ ކޯޗުކަމުން ވަކިކޮށް، މަގާމު ހަވާލު ކުރީ ވޯލްޓާ މަޒާރީއަށެވެ.
އިއްޔެ އޭނާ ވަކިކޮށް، އިޓަލީގެ ޗެމްޕިއަން ޓީމަށް ހަމަޖެއްސީ ސްލޮވޭކިއާގެ ގައުމީ ޓީމުގެ ކޯޗު ފްރާންސެސްކޯ ކަލްޒޯނާ އެވެ.
އޭނާއާ އެކު ނަޕޯލީން ކޮންޓްރެކްޓް ހެދީ މި ސީޒަނުގެ ނިޔަލަށެވެ. ކްލަބްގެ މަގާމު އަދާ ކުރިޔަސް ގައުމީ ޓީމުގެ ވަޒީފާގައި، އިޓަލީއަށް ނިސްބަތްވާ ކަލްޒާނޯ ދެމިހުންނާނެ އެވެ.
ނަޕޯލީގައި މައުރީޒިއޯ ސާރީ އަދި ލުސިއާނޯ ސްޕަލޭޓީގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި ކަލްޒާނޯ، ސްލޮވޭކިއާގެ ޓީމާ ހަވާލުވީ އޯގަސްޓް 2022 ގަ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްލޮވޭކިއާ ވަނީ ކޮލިފައިކޮށް ދީފަ އެވެ.
ނަޕޯލީގެ ކޯޗުކަމާ ކަލްޒާނޯ ހަވާލުވީ، މުހިންމު މެޗަކަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާއާ ދެކޮޅަށް މި ހަފުތާގައި ނަޕޯލީ ކުޅޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy