11 މާޗް 2024 - 14:31
އެމްޓީސީސީގެ ބޮޑު ޑްރެޖަރު "މަހާ ޖައްރާފު" ހަލާކުވެ އަހަރަކަށް ވުރެ ގިނަ ދުވަހު ގްރައުންޑުވެފައި އޮތުމަށް ފަހު މަރާމާތުކޮށް އޮޕަރޭޝަނަށް ނެރެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، މަހާ ޖައްރާފު ގްރައުންޑު ކުރިތާ 20 މަސް ދުވަސްވެފައިވާ ކަމަށެވެ. މަހާ ޖައްރާފު ގްރައުންޑުކޮށްފައި އޮތުމުން، އެމްޓީސީސީން ކުރިއަށް ގެންދިޔަ ބިންހިއްކުމުގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނީ އެ މުއްދަތުގެ ތެރޭގައި ބޭރުން ޑްރެޖަރެއް ބޮޑުއަގުގައި ލީޒްކޮށްގެން ގެނެސް ބައެއް ބިން ހިއްކުމުގެ މަސައްކަތްތައް ކުރަން މަޖުބޫރުވެ، ބިން ހިއްކުމުގެ މަޝްރޫއުތަކުން ކުންފުންޏަށް ލިބެން އޮތް ފައިދާ ވަރަށް ބޮޑަށް ދަށްވިކަމަށެވެ.
މަހާ ޖައްރާފު ގްރައުންޑްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅަށް ޝެޑިއުލްކޮށް މެއިންޓެނަންސް ނުކޮށް އޮތުން ކަމަށާއި އެފަދަ އަގުބޮޑު އުޅަނދަކަށް ބަލަންޖެހޭ މިންވަރަށް ނުބަލާ ކުރީގެ މެނޭޖްމަންޓުން އިހުމާލުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަހާ ޖައްރާފު ބޭނުން ނުކުރެވި 571 ދުވަސް ހޭދެވެފައި ވާއިރ،ު 47 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިންގުމުގެ ހަރަދުގެގޮތުގައި މި މުއްދަތުގައި ހޭދަކުރަން ޖެހުނު ކަމަށް ވެސް ބުންޏެވެ. އަދި މިކަމުގެ ސަބަބުން އާމްދަނީން 510 މިލިޔަން ރުފިޔާ ގެއްލިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކާކަމަށް ވެސް ބުންޏެވެ.
ބިން ހިއްކުމަކީ އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީ ލިބެން އޮތް މަގަށް ވާއިރު، އާ މެނޭޖްމަންޓުން މަހާ ޖައްރާފު އަވަހަށް އޮޕަރޭޝަނަށް ނެރުމަށް އިސްކަން ދީ، ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެތަނުން ބުނި ގޮތުގައި، އެ މަސައްކަތްތަތުގެ ދަށުން ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި މަރާމާތުތައް ނިންމައި މިދިޔަ ޖެނުއަރީ މަހު މަހާ ޖައްރާފު އޮޕަރޭޝަނަށް ވަނީ ނެރެފަ އެވެ.
މަހާ ޖައްރާފު މިހާރު އަންނަނީ އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަމުންނެވެ. މިއީ 71 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 13.07 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އުނގޫފާރު މަޝްރޫއު އަކީ މި ސަރުކާރުގެ މަޝްރޫއެކެވެ. މި މަޝްރޫއު މިހާރު ނިމުމަކާއި ގާތްވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިލޫ
12 March 2024
ބޮޑު ބޭކާރު ހަރެދެކޭ ކިޔާފަ މިހާ ދަށު ދަރަޖައިގެ ކަމެއް ކޮށްފަ މި އޮތީ އެއީ ޔާމީން ގެނައި އެއްޗަކަށް ވީމަ. ރައްޔިތުންގެ ފައިސާއަށް ބޭނުންހާ އެއްޗެސް ހަދަމުން ދިޔައީ. ،މި ހީވާ ކަހަލަ މި މީހުންގެ ހަރު މުދަލޭ މީ ބޭނުންހާ ގޮތެއް ހަދަން
ބަސްތިގް
12 March 2024
އެމްޑީޕީ ސަރުކާރުން ޖެހި ހުރިހާ ސަކަރާތެއް މިއޮތްގެން ރެޑުވަނީނު މި. ހާދަހާވާ ފަރުވާ ކުޑަ ބައެކޭ، ހިތުން ވަރަށް މޮޅު ވެރިކަމެއް ކޮށްފަ ފައިބައިން އެ ދިޔައީ
މުހައްމަދު އިސްމާއިލް
12 March 2024
މިއަދު މި އިނގެނީ އެމްޓީސީސީ މިދިޔަ ސަރުކާރުން ބަގުރޫޓްކޮށްލި ގޮތް. ފައިދާ ނުވި ގޮތް. ގައިމު މަހާޖައްރާފު އޮތް ނަމަ ކުންފުންޔަށް ގެއްލުމެއް ނުވާނެ.
ފައްސާން ވަލީދު
12 March 2024
މި ގްރައުންޑް ކޮށްލީ ކުރީ ސަރުކާރުން. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ވަރަށް ދެރަކޮށް ކުރި ކަމެއް.
މޫސާ ޔައިޝް
12 March 2024
ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފް ވިޔެކެ ރައީސް މުއިއްޒް ނުދޭނެ.
މުހައްމަދު އަފްސަލް
12 March 2024
ޖައްރާފަކީ ވަރަށް ބޭނުންތެރި އެއްޗެއް. އިބޫމެން މި ހަލާކުވާން ދޫކޮށްލީ ލަދު ހަޔާތް ކުޑަކަމުން. ޝުކުރިއްޔާ މި މަރާމާތު ކޮށްދިނީތީ.
މުޝައްރަފް
12 March 2024
މަހާޖައްރާފުން ފައިދާ ހޯދާނެ ގޮތްވެސަ ދައްކާނީ ރައީސް މުއިއްޒް. ބަލަން ތިބޭ.
ޝައްމާހް މުހައްމަދު
12 March 2024
މުއިއްޒްގެ ތަފާތު މިފެންނަނީ. ވަކި ސަރުކާރެއްގެ އެސެޓެއްވީމަ ދޫކޮށްނުލާނެ ހަލާކުވާނެ. ދަންނާނެ މިއީ ރައްޔިތުންގެ މުދާކަން.
ނިމާލް ހަސަން
12 March 2024
ޔާމީން ގެނައި އެއްޗެއް ވީމަ އިބޫ ވަނީ މިޔަށް އަޅާ ނުލާ ވީރާނާ ވާން ދޫކޮށްލާފަ.
ބަޑިތަކުރު
12 March 2024
މަހާޖައްރާފް އޮޕަރޭޝަނަށް ނެރުނެއްކަމަކު ވޭތުވީ އަހަރުތަކުގައި ކުންފުނިން ރަނގަޅު ފައިދާއެއް ބަހާފައިވާއިރު ކުންފުނި މި 5 އަހަރު އޮންނާނީ "ގްރައުންޑް" ވެފައިކަމަށް އިހަށްދުވަހު އާ މެނޭޖްމަންޓުން ދެއްވި ނިއުސްކޮންފަރެންސުން އެނގިގެން ދިއައީމާ ހިއްސާދާރުންނަށް ލިބޭނެ އުފަލެއް ނެތެވެ.