އިމްރާން އަބްދުﷲ: އޭނާ މަކުނުދޫ ދާއިރާއަށް ވާދަކުރައްވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދިނުމަށް - ފޮޓޯ: ނިޝާން އަލީ / މިހާރު
02 އެޕްރީލް 2024 - 12:10
ސިޔާސީ މަސައްކަތާ މިވަގުތަށް ދުރުގައި ހުންނަވަން ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިސްނެވި އެވެ. އެކަމަކު އޭނާއަށް ހެޔޮއެދޭ މީހުންނާއި ކުރިމަތިލައްވާ ދާއިރާ އިން ލަފާ ލިބުނު ގޮތުގައި އަދި އެ ވަގުތު ނުޖެހެ އެވެ. މަކުނުދޫ ދާއިރާގެ ރައްޔިތުންނަށް މަޖިލީހުގައި އޭނާ މުހިއްމެވެ. ދީނީ އަދި ގައުމީ މަސްލަހަތު އިސްކުރައްވައި އެ ރައްޔިތުންގެ އަޑު އުފުއްލަވައިދޭނެ ކަމުގެ ޔަގީންކަން އެ މީހުންނަށް އެބައޮތެވެ. އިމްރާންގެ ވެސް އެ އޮތީ އެ އަޒުމެވެ.
މަޖިލީހަށް އޭނާ ވާދަކުރައްވަނީ އެ ދާއިރާގެ ރައްޔިތުންގެ ހާލަތު ބަދަލުކޮށްދޭން، ގާތުން މަސައްކަތް ކުރެއްވުމަށެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ އަޑުގަދަ އެއް ބޭފުޅާކަމަށްވާ، އިމްރާން އަބްދުﷲ، ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުންނާއި ޕާޓީގެ އެކިއެކި މަގާމުތަކުގައި އާއި ސަރުކާރުގެ މިނިސްޓަރުގެ ގޮތުން އެތައް ތަޖުރިބާއެއް ވަނީ ހޯދައިފަ އެވެ. ގިނަ ޕާޓީ އެކުލެވޭ ނިޒާމަކަށް ރާއްޖެ އެނބުރުނު ފަހުން ސިޔާސީ މަސައްކަތަށް އެންމެ އިސް ސަފަށް ނުކުތް ގޮތަށް އަދިވެސް އެގޮތުގައި އިމްރާން ހުންނެވީ ސިޔާސީ މަސައްކަތުގަ އެވެ.
އެ ވަރުގަދަ ސިޔާސީ ތަޖުރިބާ އިން އިމްރާން މިހާރު ބޭނުން ވަނީ ރައްޔިތުންނަށް ތަފާތު ހިދުމަތެއްކޮށްދޭށެވެ. ސިޔާސީ ގޮތުން އާ ތަޖުރިބާއަކުން، އާ މަސައްކަތްތަކެއް ކުރުމަށެވެ.
އަދާލަތު ޕާޓީގެ ޓިކެޓްގައި މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިމްރާން ވާދަކުރައްވަނީ އެކަން ކާމިޔާބުކުރެއްވުމަށެވެ. އެ އުއްމީދުގައި އިމްރާންގެ އޮތީ މަކުނުދުއަށް ވަރަށް ބޮޑެތި ތަސައްވުރެއްވެސް މެ އެވެ.
އިމްރާން، މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި
އިމްރާން ވިދާޅުވީ 2005ގެ ފަހުން ސިޔާސީ މަސައްކަތުގައި ވަރަށް އިސް ސަފުގައި ހުރިހާ މަސައްކަތެއްގައި ވެސް ބައިވެރިވެވިއްޖެ ކަމަށާއި ހާއްސަކޮށް އެންމެ ހޫނު ގަދަ ވަގުތުތަކުގައި އެންމެ އިސް ސަފުގައި އަބަދުވެސް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެއަށްފަހު މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެން ވިސްނުން އައީ މިވަގުތަށް ކުޑަކޮށް މަޑުޖައްސާލަން. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ވިދާޅުވީ އަދި ސިޔާސީ މަސައްކަތް ދޫކޮށްލާފައި ރިޓަޔާކުރާ އުމުރަކަށް އަދި ނުދެއޭ. އެހެންވީމަ އަޅުގަނޑަށް ވެސް ގަބޫލު ކުރެވެނީ މި ވަގުތު ސިޔާސީ މަސައްކަތުގައި އެކްޓިވްކޮށް ހުންނަ ކަމަށްވަންޏާ އަދި ސިޔާސީ ގޮތުން އިސްލާހީ މަސައްކަތުގައި ދެމިހުންނަންޏާ އަދި ރައްޔިތުންނަށް ހިދުމަތް ކުރަން އެންމެ ރަނގަޅު ގޮތަކަށް ވާނީ މަޖިލީހަށް ކުރިމަތިލުމޭ،" އިމްރާން ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާ ބޭނުންކޮށްގެން ތަފާތު ގޮތަކަށް ރައްޔިތުންނަށް ހިދުމަތް ކުރަން އަދި އިސްލާހީ މަސައްކަތް ކުރިއަށް ގެންދަން. މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތަކީ ސަރުކާރު ތެރެއިން އަދި އިދިކޮޅުގެ ތެރެއިން ކުރާ މަސައްކަތާ ތަފާތު މަސައްކަތެއް. ތަފާތު ލެވެލްއަކަށް އެހެން ލެވެލެއްގައި މަސައްކަތް ކުރުމަށް މަޖިލީހަށް ކުރިމަތިލީ."
އިމްރާން، މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި
މ. ކޮޅުފުއްޓަށް އިމްރާން އުފަންވީ ނަމަވެސް، މަކުނުދުއަކީ އޭނާއާ ވަރަށް ގާތް ގުޅުމެއް އޮތް ރަށެކެވެ. އާއިލީ ގުޅުން ވެސް މަކުނުދޫގައި އެބަ އޮތެވެ. އިމްރާން ވަނީ ވަނީ 1988 އިން ފެށިގެން މަކުނުދުއަށާއި އެ ދާއިރާގެ ރަށްތަކަށް ވަރަށް ގިނައިން ޒިޔާރަތްކުރައްވައިފަ އެވެ.
އިމްރާން ސިޔާސީ ޕާޓީގެ މަސައްކަތް އަދާލަތު ޕާޓީން ފެށީންސުރެ ވެސް ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާއަކީ ޕާޓީގެ އެންމެ ރަނގަޅަށް އެންމެ އެކްޓިވްކޮށް މަސައްކަތް ކުރާ ދެ ދާއިރާ އެވެ. އެހެންވެ މަކުނުދޫ ދާއިރާގެ ރައްޔިތުންނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނެއްކޮޅުން އަޅުގަނޑުގެ ވަރަށް ގިނަ އިޖުތިމާއީ މަސައްކަތްތައް އެ ދާއިރާ އިން ފެންނަން އޮންނާނެ. ވަކިން ހާއްސަކޮށް މަކުނުދޫގައި އަޅުގަނޑު ކޮށްދީފައިވާ އިޖުތިމާއީ ވަރަށް ގިނަ މަސައްކަތްތައް ހުންނާނެ، ރައްޔިތުންނާ ވަރަށް ގާތުން ވަރަށް ގުޅިގެން މަސައްކަތް ކޮށްފައިވާނެ،" އިމްރާން ވިދާޅުވި އެވެ.
"އެ ރަށުގެ އިސްކޮށް ތިބި މީހުންގެ ތެރެއިން ވެސް އަޅުގަނޑަށް ވުރެ ވަކިން ގާތުން ރައްޔިތުންނާ އެކު މަސައްކަތް ކުރާ މީހަކު ނުހުންނާނެ. އެހެންވީމަ ވަރަށް ގާތް ގުޅުމެއް އަޅުގަނޑާއި ދާއިރާއާ އޮތީ."
އިމްރާން ވިދާޅުވީ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން މިހާ ހިސާބަށް ދިޔައިރު މަކުނުދޫ ދާއިރާގެ ކަންކަން ދިރާސާ ކުރާ ކޮންމެ މީހަކު ވެސް އޭނާ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެއްބަސްވާނެ ކަމަށެވެ. އެވަރުގެ ޔަގީންކަމެއް މިހާރު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ މާތްﷲގެ ރަހުމަތާ އެކު ކެމްޕެއިންގައި މިހާރު ތިބީ ވަރަށް ކުރީގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނަން،" އިމްރާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް އިމްރާން ވާދަކުރައްވާއިރު އަދާލަތު ޕާޓީގެ އެންމެ ބޮޑު ސިޔާސަތަކީ އަދި ވައުދަކީ މިއީ އެވެ؛ ފަންނުވެރިކަން ރައްޔިތުންނަށް އަދި ތަނަވަސްކަން ގޭބިސީތަކަށެވެ.
މި ސިޔާސަތުގެ އެންމެ މުހިންމު ކަމަކީ އިމްރާން ވިދާޅުވި ގޮތުގައި ދާއިރާގެ ރައްޔިތުން ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލު މަސައްކަތްތެރިކަމާއި ޓްރެއިންތަކާއި ތައުލީމަށް ތައްޔާރުކުރުމެވެ. ޕާޓީގެ މަސައްކަތް ފެށި ދުވަހުން ވެސް އޭނާ އެންމެ އިސްކަމެއް ދިން ކަމަކީ މީހުން ބިނާކުރުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް އެއީ ދާއިރާގެ ތިން ރަށުގައި ވެސް ހާއްސަކޮށް ޒުވާނުން، ސްކޫލް ނިންމަމުން އަންނަ ކުދިން، އެ ކުދިންނަށް އިތުރު ތަމްރީނުދީ މަސައްކަތަށް މަގުފަހިކޮށް އެ ކުދިންނަކީ ފަންނުވެރި ގާބިލް ބަޔަކަށް ހަދަން ކުރާ މަސައްކަތް. އޭގެ ހަމަ ރަނގަޅު ޓްރެކް ރިކޯޑެއް އަޅުގަނޑުގެ އޮންނާނެ،" އިމްރާން ވިދާޅުވި އެވެ.
"އެފަދަ ޖީލެއް އުފެދުނީމަ އެންމެންނަށް ވަޒީފާ އަދާކުރެވުނީމަ އެންމެންނަށް މަސައްކަތުގައި އުޅެވުނީމަ ކޮންމެ މީހަކު ކުރާ މަސައްކަތަކަށް ރަނގަޅު އަގެއް ލިބުނީމަ އެއީ ވަރަށް ފާގަތި އުފާވެރި ހަޔާތަކަށް ދިޔުމަށް މަގުފަހިވާނެ ކަމެއް."
"އަޅުގަނޑުގެ މުޅި އަމާޒަކީ ދާއިރާއަކީ ވަރަށް ތަނަވަސް ވަރަށް ހިތްހަމަޖެހޭ ވަރަށް ފާގަތި ދާއިރާއަކަށް ހެދުން. ރާއްޖޭގެ އެހެން ދާއިރާތަކަށް ނަމޫނާ ދާއިރާއަކަށް ހެދުން. އަޅުގަނޑަށް އެ ޔަގީންކަން އެބަ އޮތް."
މިދިޔަ ފަސް އަހަރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އެންމެ އިސް ނަގައިގެން ހުންނެވި ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތުގެ ތެރެއިން ގާނޫނުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވާފައިވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. އޭނާގެ އަމިއްލަ އިސް ނެގުމަށް ފަސް ގާނޫނަކަށް ހެޔޮ އިސްލާހުތަކެއް ހުށަހެޅުއްވި ކަން ވެސް ފާހަގަ ކުރެއްވި އެވެ؛
- ފުލުހުންގެ ގާނޫނަށް ވަރަށް މުހިންމު މަސައްކަތްތަކެއް
- ޖަލުތަކާއި ޕެރޯލްއަށް މުޅިން އާ ގާނޫނެއް ހެދުން
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ޓެރަރިޒަމްގެ ގާނޫނަށް ގިނަ އިސްލާހުތަކެއް
- ތޫނު ހަތިޔާރާއި މަނާތަކެތީގެ ގާނޫނަށް ވެސް ގިނަ އިސްލާހުތަކެއް
- ޖުމްލަ ގޮތެއްގައި މުޖުތަމައުގެ އަމަންއަމާންކަން ގާއިމް ކުރުމަށް ބޭނުންވާ ހުރިހާ ގާނޫނުތަކަށް ވެސް އަމިއްލައަށް އިސް ނަގައިގެން ގިނަ މަސައްކަތްތަކެއް
އިމްރާން އަބްދުﷲ: އޭނާ މަކުނުދޫ ދާއިރާއަށް ވާދަކުރައްވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދިނުމަށް - ފޮޓޯ: ނިޝާން އަލީ | މިހާރު
އިމްރާން ވިދާޅުވީ މަޖިލީހަށް އިންތިހާބު ވެއްޖެ ނަމަވެސް، އެ މަސައްކަތް އެގޮތަށް ކުރައްވާނެ ކަމަށާއި އެ ގާނޫނުތަށް އިތުރަށް ފުރިހަމަ ކުރަން ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމާބެހޭ ކޮމިޓީތަކުގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އިވެންސްޓަރުން ވެސް އެ ދާއިރާގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ބޭނުންވާ ކަމަށާއި އެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. މަސްވެރިކަމުގެ ގާނޫނު ވެސް އިމްރާން ފާހަގަކުރެއްވި އެވެ. އަދި، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމާއި ބޭރުގެ އިންވެސްޓަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަމަށް ގާނޫނީ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މިހާރު މަކުނުދޫ ދާއިރާއަށް ކުރިމަތިލައިގެން ތިބި މީހުންގެ ތެރެއިން ރައްޔިތުންނަށް ފައިދާހުރި ގާނޫނުތަކެއް ގެނައުމަށް އަޅުގަނޑަށް ވުރެ ވަކިން ބޮޑަށް ކޮންޓްރިބިއުޓް ކުރެވޭނެ މީހެއް ނެތް ކަން ޔަގީން. އަޅުގަނޑު މާސްޓާސް ވެސް ހެދީ ސީދާ ގާނޫނީ ދާއިރާ އިން. ވަރަށް މުހިންމު މަސައްކަތްތަކެއް މިހާތަނަށް ވެސް ވާނީ އެ ދާއިރާއިން ކޮށްފައި،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އޭނާ ވެސް އަދި ޕާޓީން ވެސް މިހާތަނަށް މުހިންމު ނިންމުންތައް ބިނާކޮށްފައިވާނީ އިސްލާމް ދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތާއި ހައްގުގައި ކަމަށެވެ. މި ވަގަތު ސަރުކާރާ އެކު އަދި އިދިކޮޅުގައި ވެސް މަސައްކަތް ކުރަމުން ނުދާ އަދާލަތު ޕާޓީން ދެން ވެސް މަސައްކަތްތައް ބައްޓަން ކުރާނީ އެގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަސައްކަތް ބިނާ ކުރާނީ ދީނީ އަދި ގައުމީ މަސްލަހަތު އެންމެ ބޮޑަށް އޮތް ގޮތެއްގެ މައްޗަށް. ވަކިން ހާއްސަކޮށް އަޅުގަނޑުމެން ހޮވިގެންދާ ދާއިރާތަކުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެންމެ މަސްލަހަތު ހުރި ގޮތަކަށް އަޅުގަނޑު މަސައްކަތް ބިނާކުރާނީ،" އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ޒިންމާދާރު ސިޔާސީ މަސައްކަތް ކުރާ ބައެއް. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތް ކުރާނެ ބައެއް، އެ ވަގުތުގެ ހާލަތު އެގޮތަކަށް އަޅުގަނޑުމެންނަށް ކަނޑައަޅައިދޭނީ."
އިމްރާން އަބްދުﷲ: އޭނާ މަކުނުދޫ ދާއިރާއަށް ވާދަކުރައްވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދިނުމަށް - ފޮޓޯ: ނިޝާން އަލީ / މިހާރު
އިމްރާން ވިދާޅުވީ މަކުނުދޫ ދާއިރާގެ ރައްޔިތުންނާ ވަކިން ގާތްކޮށް އޯގާތެރިކޮށް، ރަހުމަތްތެރިކޮށް މަސައްކަތް ކުރެވޭނެ އެހެން ކެންޑިޑޭޓެއް ނެތް ކަމަށެވެ. އޭނާ ވާނީ ރައްޔިތުންގެ ގާތް، ރައްޔިތުންގެ މެންބަރަކަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ރައްޔިތުންނާ އެންމެ ގާތް އެންމެ ރަހުމަތްތެރި، އަބަދުވެސް ދާއިރާގެ ރައްޔިތުންނާ އެކުގައި މަސައްކަތް ކުރާނެ ދާއިރާގެ ރައްޔިތުންގެ ކުރިއެރުން ހޯދައިދޭން މަސައްކަތް ކުރާނެ ކެންޑިޑޭޓް ކަން ދާއިރާގެ ގިނަ ރައްޔިތުން ގަބޫލު ކުރާނެ،" އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑު މިހާތަނަށް ދައްކާފައި ވާނީ އެ ދާއިރާގެ މީހެއްގެ ގޮތުގައި އެ ބޭފުޅުންގެ ކޮންމެ އެދުމެއްގައި ކޮންމެ ގޮވާލުމެއްގައި އިޖާބަދޭ މީހެއްކަން. އަބަދުވެސް އަޅުގަނޑު ހުންނާނީ ބޮޑުކަމެއް ދިމާވާ ވަގުތުގައި ރައްޔިތުންނާ އެކުގައި."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީސިސިސޖސ
03 April 2024
އިމްރާނަށް ވާނެ. އިލްމާ ހިލްމު ހުންނާނެ. މިތުރު ޝަހީމްގެ އެހީ ހޯއްދެވުން ބުއްދިވެރި
ލޫތުގެ ބޭބެ
02 April 2024
ހިތްވަރު ކުރައްވާތި، އެދެނީ ކާމިޔާބު.
ޖޫން ޖުލައި
02 April 2024
ހެޔޮ ދުޢާ ކުރަމެވެ.
ޖަމީލުބެ
02 April 2024
ޝައިޚަށް ކާމިޔާބީ އެދެން
އަބްޅޯ
02 April 2024
އަނހަ. ކޮންތާކު ތިއުޅުއްވަނީ މަނިކުފާނު.؟
އަލިކޮއެ
02 April 2024
އިމްރާންއަކީ ފިސާރި ހިއްވަރުގަދަ ބޭފުޅެއް
މަކުނުދޫ ދާއިރާ
02 April 2024
ޝައިޚް އިމްރާން އަކީ މި ދާއިރާއަށް ހޮވަން އެންމެ ރަނގަޅު ބޭފުޅާ
ތުއްތޮންބެ
02 April 2024
ލައްބަ އެއީހިތާހިތުގެ ގުޅުމެއް މަކުނުދޫ އަދި ވައިކަރަދޫއަކީ ނިކަންފާޑެއްގެ ބައެއް ދިރިއުޅޭރަށެއް.
ސަސި.
02 April 2024
ދެން ފަހަރަކުން ގައުމަށް ހެޔޮއެދޭވަރުން ނުހުރެވިގެން ވެރިކަމަށްވެސް ކުރިމަތިލާންވާނެ.
ޒުޚަލް
02 April 2024
ޢިއްޒަތުގެ ބޭނުންފިޔަވައި އެހެން އެއްވެސް ގުޅުމެއްނެތް!!!
ކޮކީލާ
02 April 2024
އެ ޤާބިލްކަން އެބަހުރި އިމްރާނުގެ