ޚަބަރު / މަޖިލިސް އިންތިހާބު 2024

އަޅުގަނޑު ބޭނުމީ ދުވެލި ހަލުވިކޮށް ނަތީޖާ ނެރެން: ރައީސް

ނާޒިމްގެ ކެމްޕެއިނު ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

09 އެޕްރީލް 2024 - 22:32

ބޭނުންފުޅުވަނީ މަސައްކަތުގެ ދުވެލި ހަލުވިކޮށް، ނަތީޖާ ނެރެދެއްވަން ކަމަށާއި އެކަމަށް ސަރުކާރަށް އެއްބާރުލުން ދޭނެ ރައްޔިތުންގެ މަޖިލީހެއް ހޮވުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ކޯލިޝަންގެ ތާއީދާ އެކު، މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މާފަންނު އުތުރަށް ވާދަކުރައްވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ކެމްޕެއިނު ޖަލްސާގައި ރައީސް ވިދާޅުވީ، ކޮންމެ ދާއިރާއަކުން ވެސް ހޮވަންވީ، ސަރުކާރަށް އިހުލާސްތެރިވާނެ އަދި އެއްބާރުލުން ދޭނެ މެންބަރުންތަކެއް ކަމަށެވެ.

ސަފީރުންނަށް ރުހުން ދިނުން ފަދަ ސަރުކާރުން ނިންމަން ޖެހޭ ކުދިކުދި ކަންކަން މަޖިލިހުގެ އަޣުލަބިއްޔަތު ނެތި ނުނިންމޭ ކަމަށާއި ގައުމުގައި ހުރި ބޯހިޔާވަހިކަން ފަދަ ބޮޑެތި މައްސަލަތައް ހައްލުވާން އޮތީ މަޖިލީހުގެ ފުރިހަމަ ތާއީދު ލިބިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ފާއިތުވީ ހަތަރު މަހެއްހާ ދުވަހު ފެށިގެން ދިޔައީ ސަރުކާރަށް ދަތިކޮށް، ކަންކަން ލަސްކުރަމުން ދާ ތަން ކަމަށާއި އެ ކަމުގެ އެންމެ ބޮޑު ހެއްކަކީ ތިން ވަޒީރުންނަށް އެއްވެސް ސަބަބެއް ނެތި ރުހުން ނުދިނުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ ކޯލިޝަންގެ ތާއީދާއެކު މާފަންނު އުތުރަށް ވާދަކުރައްވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އާއެކު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާރު މަޖިލިސް ތެރެއިން ފެނިގެން ދަނީ ސަރުކާރަށް އެއްބާރުލުން ނުދޭނެ މެންބަރުން ހޮވުމުން ވާނެ ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ތިބީ ތަރައްގީގެ ދުވެލި އަވަސްކޮށް، ނަތީޖާ ނެރެން ކަމަށާއި އެކަމަކު މިފަދަ މެންބަރުން ހޮވައިފިނަމަ ވަގުތު ބޭކާރުވެގެން ދާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ކަންކަން ވާން އޮތީ ސަރުކާރު މެންބަރުން ހޮވައިގެން ކަމަށެވެ.

"ތަރައްގީއަށް ބާރު ދުވެލީގައި ތަރައްގީ އަށް ދެއްވާ ވޯޓަކަށް ވާނެ އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ދެއްވާ ވޯޓު. އެހެންނެއް ނޫން އަޅުގަނޑުމެންނާ ފިކުރު ދިމާ ނުވާ، ޖެއްސުން ކުރާނެ މިހާރު ވެސް އެ ހުރަސް އަޅާ ގޮތަށް ހުރަސް އަޅާ ބަޔަކު ހޮވައިފިއްޔާ އެއްވެސް ގެރެންޓީއެއް ނެތް. އަޅުގަނޑުމެންނަށް ކަންކަން ފާސްކޮށްދިނިއްޔާ ވާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ވޯޓު ދޭނީ ތަރައްގީގެ ފިކުރަށް ކަން ޔަގީން ކުރައްވާ ކަމަށާއި ބޭނުންވަނީ އަމާންކަމާއެކު ގައުމު ގެންގޮސް، ރައްޔިތުން ބޭނުންވާ ނަތީޖާ ދައްކައިދިނުމަށް ކަމަށެވެ.

"ތަރައްގީ އަށް ދެއްވާ ވޯޓަކަށް އެ ވޯޓު މި ވަނީ އެ ވޯޓު ދިނީމާ ތަރައްގީގެ ފިކުރު، އަޅުގަނޑުމެންގެ ފިކުރުގައި ތިއްބެވި ނާޒިމް އާއި އަޅުގަނޑުމެންގެ ދެން ތިއްބެވި 92 ކެންޑިޑޭޓުން ހޮއްވެވީމާ އެ ދެވެނީ މުޅި ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ތަރައްގީ، އަޅުގަނޑުމެން މި ބޭނުންވާ، ރައްޔިތުން ބޭނުންވާ ހަލުވި ދުވެލީގައި ގެންދިއުމަށްޓަކައި ދެވޭ ވޯޓެއް،" ރައީސް ވިދާޅުވި އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454