މާދަމާ އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ނިންމައިލުމަށް އާޓިފިޝަލް ބީޗުގައި ޕީޕީއެމް/ޕީއެންސީން ބޭއްވި ހިނގާލުމަށްފަހު ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
20 އެޕްރީލް 2024 - 17:54
ރާއްޖޭގެ މިނިވަންކަމާއި އިގުތިސޯދާއި އަމިއްލަވަންތަކަން އޮޔާދަނިކޮށް، މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނުކުމެ ގައުމު ސަލާމަތްކުރަން ނިންމި ހިތްވަރުގަދަ ނިންމުމުގެ ފަހު މަރުހަލާ، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިންމައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މާދަމާ އޮންނަ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނު ނިންމާލުމަށް މިއަދު ހަވީރު މާލޭގައި ބޭއްވި ހިނގާލުމަށްފަހު، އާޓިފިޝަލް ބީޗުގައި ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ގައުމުގެ މިސްރާބު މުޅިން ނުބައި ދަނިކޮށް ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމީ އެގޮތް ކަމު ނުދާ ކަމަށެވެ.
ނަމަވެސް، ގާނޫނުއަސާސީ ބައްޓަންވެފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހާ ނުލައި ގިނަ ކަންކަން ނުނިންމޭ ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މާދަމާ އޮންނަ އިންތިހާބުގައި މިދިޔަ ނޮވެމްބަރު މަހު ފެށި މަސައްކަތުގެ އެއް މަރުހަލާ ކަޑައްތުކުރަންޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކަންކަން ހެޔޮ ގޮތުގައި ކުރުމަށް މާދަމާގެ ވޯޓަކީ ޒިންމާދާރު ކަމާއެކީގައި މުސްތަގުބަލަށްޓަކައި ނިންމަންޖެހޭ ވޯޓަކަށް ހައްދަވައި ދެއްވައި،" މިނިސްޓަރުންނާއި ޕާޓީގެ އިސްވެރިންނާއި ކެންޑިޑޭޓުންނާއި އެތަކެއް ސަޕޯޓަރުން ބައިވެރިވި ހިނގާލުމަށްފަހު ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކުރަން އެކަމުގެ ފޮނި މީރުކަން އިހުސާސްވެގެންދާނެ ވޯޓަކަށް ވެގެންދާނެ ކަން."
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން އައީ ސީރިއަސް މަސައްކަތެއް ކުރަން ކަމަށާއި ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ނަތީޖާ ނެރެދެވޭނީ ސަރުކާރު ތާއީދުކުރާ މެމްބަރުން މަޖިލީހަށް ހޮވައިގެން ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ މި ވަގުތު އޮތް އިދިކޮޅުން ތަކުރާރުކޮށް އިންޒާރުދީ ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ވާދަވެރިކަމުގައި ބަދަލު ހިފުމުގެ ރޫހު ދޫކޮށް، ގައުމަށާއި ރައްޔިތުން ބޭނުންވަނީ ހަމަޖެހުމެވެ.
އޭޕްރީލް 20، 2024 - މާލެ: މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގެ ކެމްޕެއިން ނިންމަށް ޕީއެންސީން ބޭއްވި ހިނގާލުމުގައި ބައިވެތިވި ސަޕޯޓަރުން އާޓިފިޝަލް ބީޗަށް ޖަމާވެފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ނިމުނު ރޯދަ މަހުގެ ތެރޭގައި ވެސް ރައީސް މުއިއްޒު ވަނީ ގިނަ ރަށްތަކަށް ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި މާލޭގައި ވެސް ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ހަރަކާތްތަކުގައި އެ މަނިކުފާނު ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.
ކުރިއަށް އޮތް ފަސް އަހަރަށް 93 ދާއިރާއަށް މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާ މަންދޫބުން ހޮވުމަށް ނަގާ ވޯޓުލުން މާދަމާގެ ހެނދުނު 8:00 އިން ހަވީރު 5:30 އާ ހަމައަށް ކުރިއަށްދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިމާހުު
21 April 2024
ފޭކް މަންޒަރު ދައްކަ ދައްކަ ތިއްބާ އަސްލު މަންޒަރު ފެންނަން އެއުޅެނީ