މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާއަށް ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
22 އެޕްރީލް 2024 - 22:05
ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ރައްޔިތުން ކުރި ފުރިހަމަ ތާއީދާ އެކު ދެން ފެންނާނީ އަމަލީ ގޮތުން ކަން ކަން ކުރާ ތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ކުރި އިތުބާރުގެ މަތީގައި، މުޅި ސަރުކާރު އަޒުމް އާ ކުރަންވީ އިހްލާސްތެރިކަމާ އެކީގައި ކުރިއަށް ދިޔުމަށް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ސާބިތުކޮށްދިނީ، ގައުމުގެ މިނިވަންކަން ޔަގީންވެފައި އޮތުމަށާއި ތަރައްގީ ބާރު ދުވެލީގަ ހޯދުމާ އެކު ހަމަޖެހުމާއި ހިތްހަމަޖެހުން ބޭނުންވެފައި އޮތް މިންވަރެވެ.
"...ތިޔަ ދެއްވި އިތުބާރާ ދެއްވި ތާއީދުގެ މައްޗަށް އެތައް ގުނައަކުން މައްޗަށް ސްޕީޑު އަވަސްކޮށް، ރައްޔިތުން އެދޭ ތަރައްގީ ގެނައުމުގެ މަސައްކަތް. ދެން ފެށޭނީ ގައުމު ތަރައްގީވާން،" ރައީސް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާ. --ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑު ވަޒީރުންނަށާއި ސަރުކާރުގެ އިސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ، ދެން ތިއްބަވަންޖެހޭނީ 24 ގަޑިއިރު ހޭލައޭ. ސީރިއަސްކޮށް މި ދަންނަވަނީ. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭން."
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދެން ފެންނާނީ ސަރުކާރުގެ އިސްވެރިން ނުނިދާ ތިބެ، އަމަލީ ގޮތުން ކަން ކަން ކުރާ ތަނެވެ.
ގެދޮވެރިކަމުގެ ދަތިކަން ފަދަ ޒަމާންވީ މައްސަލަތައް ދާއިމީކޮށް ހައްލުކޮށް، ޒަމާނުއްސުރެ ރައްޔިތުންނަށް ނުފުދިފައި ތިބި ހުރިހާ ކަމެއް ވާ ތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވަޒީރުންނަށާއި ސަރުކާރުގެ އިސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ، ދެން ތިއްބަވަންޖެހޭނީ 24 ގަޑިއިރު ހޭލައޭ. ސީރިއަސްކޮށް މި ދަންނަވަނީ. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭން." - ރައީސް މުއިއްޒު
އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސީދާ ޕީއެންސީގެ ކެންޑިޑޭޓުން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެކަމަކު ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ، އެމްއެންޕީ އަދި ޖޭޕީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސަރުކާރުން ތާއީދުކުރި ކެންޑިޑޭޓުންނާ އެކު، މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ސުޕާ މެޖޯރިޓީއަށް ބޭނުންވާ 70 ގޮނޑި ސަރުކާރުން ވަނީ ފަސޭހައިން ހުރަސްކޮށްފަ އެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާގައި ސަޕޯޓަރުން އުފާފާޅު ކުރަނީ --ފޮޓޯ: ނިޝާން އަލީ | މިހާރު
ސަރުކާރަށް ތާއީދުކުރާ އެތަކެއް ސަތޭކަ ސަޕޯޓަރުން ބައިވެރިވި މިރޭގެ ހަފްލާގައި 20 ވަނަ މަޖިލީހުގައި ސަރުކާރުގެ މެމްބަރުންގެ ގޮތުގައި 74 ކެންޑިޑޭޓުން ވަނީ ތައާރަފްކޮށްދީފަ އެވެ.
އެއާ އެކު ރައީސް ވަނީ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ގައުމާއި ރައްޔިތުންގެ ހައްގުގައި އެކުގައި މަސައްކަތް ކުރުމުގެ ދައުވަތު ސިޔާސީ ވާދަވެރިންނަށް ވެސް މިރޭ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖާހިދްް
24 April 2024
މި ގައުމު ދެންދާނީ މެކުހަށް. އެންމެ ފަސްމަހުން މަޖިލީހާ ނުލާ ކޮށްލި ވަރު މިހިރީ. އަދި މަޖިލީހާއެކު ރައްޔިތުންނަށް ކިހާކަންކަމެއް ރައީސް ކޮށްދެއްވާނެ.
ޝާއިންް
24 April 2024
މި ރާއްޖެ ނުދެކޭފަދަ ކުރިއެރުން ދެން އަންނާނީ ހަމަ އޮހެމުން.
ކޮރޮކަލި
23 April 2024
ހޮންގކޮންގ ސްޓައިލް ފޮށި ފްލެޓް އަޅާފައި ހުޅުމާލެ ގުޅިފަޅު ފުރާފައި ރަށްރަށުގައި ތިބި އެންމެން މާލެއަށް ގެނެސް އޮއްސާލާ. އޭރުން އެ އޮތީ ދުޅަހެޔޮ ތިމާވެއްޓާ ރަށްޓެހި ތަރައްގީ ގެނެވިފައި. އަދި ޢުމުރު ދުވަސް އެއްކޮށް އެމީހުން އެތަންތަނަށް ފައިސާ ދައްކަދައްކާ ތިބޭނެ. އެއޮތީ ތަރައްގީ މެކްހަށް ޖެހިފައި.
ވާސިޢު
23 April 2024
އަހަރެމެން ސަރުކާރު ކެންޑިޑޭޓަށް ވޯޓް ދިނީ ދުވެލި އަވަސް ވާނެކަން ޔަގީން ވާތީ. އެކަމަކަށް ޝައްކެއް ނުކުރަން
އަނީސް
23 April 2024
ގައުމުގެ އިގްތިސޯދު ދެންދާނީ އަހަރެމެން ބޭނުންވާހެން ބާރަށް ކުރިއަށް
އަސީލު
23 April 2024
ސަރުކާރަށް ދުއްޕާން ކޮށްގެން ލިބުނު ފައިދާއެއް ނެތެންނު އެމްޑީޕީ މެންބަރުންނަށް
ބާސިލު
23 April 2024
ނަސީބެއް މަޖިލީހުން ރީނދޫކުލަ ފޮހެލެވުންކަން
ކަލާމު
23 April 2024
މިހާރުވެސް ދުވެލި އަވަސް ވީމަ ސަރުކާރު ކެނޑިޑޭޓަށް ވޯޓް ދިނީ
ދައްކައިފިއޭ
23 April 2024
އަމަލުން ރަސްމާލެ ހިއްކައިފި އަދި ވެސް އެތަނުގައި އޮތީ ކަނޑު އަމަލުން އެކަން ދައްކައިފިއޭ ދައްކައިފިއޭ ދައްކައިފިއޭ
ފަރުދާބަގީޗާ
23 April 2024
ރައީސް ބޭނުންވި ގޮތަށް ތިއޮތީ މަޖިލީހުގެ ސުޕަރ މެޖޯރިޓީީ ދީފަ. ދެން ހޭލާ ތިބެގެން ތި ކުރާ ތަރައްގީއެއް ދައްކާލަބަލަ. އަދިހަމަ އިސްތައްޓެއް ހެލިލާތަންވެސް ނުފެނޭ. މިހާރު އެހެރަ 10 ޖެހީ. ގިނަމީހުން ތިބީ ނިދާފަ.