ރިޕޯޓް / ދަ ޑިމޮކްރެޓްސް

މަޖިލީހުން ބޭރުކުރި ޑިމޮކްރެޓްސް އަށް ބަނަ ކުރިމަގެއް؟

ޑިމޮކްރެޓްސްގެ "ފާރަވެރިވުން" ރައްޔިތުންގެ މަޖިލީހުގައި މުހިއްމެއް ނޫނެވެ؛ މި މެސެޖް އެ ޕާޓީއަށް ދިނީ ޒިންމާދާރުކަމާ އެކު އެކަން ކުރާނެ ކަމަކަށް ރައްޔިތުންނަށް ގަބޫލު ނުކުރެވޭތީ އެވެ. ނޫން ނަމަ، ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ކުރިމަތިލީ 37 ދާއިރާ އިން އެންމެ ގޮނޑިއެއް ވެސް އެ ޕާޓީއަށް ދިނީހެވެ.

އުފެއްދިތާ އަހަރެއް ނުވާ ސިޔާސީ ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުން ގޮނޑިއެއް ނުލިބުން އެއީ މާ ބޮޑު ކަމެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ދާއިރާގައި އެންމެ ތަޖުރިބާކާރު އަދި އަޑު ގަދަ މަޖިލިސް މެންބަރުންތައް އުފެއްދި ދަ ޑިމޮކްރެޓްސް އަށް މަޖިލީހުން އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވުމަކީ މީހުން ހީވެސް ނުކުރާ ކަމެކެވެ.

އެ ޕާޓީގައި ހިމެނިވަޑައިގަންނަވަނީ ސިޔާސީ ދާއިރާގައި އާ ބޭފުޅުންތަކެއް ނޫނެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދާއި އެމްޑީޕީގައި އިސްލާހީ މަސައްކަތުުގައި އުޅުނު އެތައް އިސް ބޭފުޅުންނެއް އެ ޕާޓީގައި އެބަތިއްބެވި އެވެ. މަޖިލީހަށް ވާދަކުރެއްވި ގިނަ މެމްބަރުންގެ ތެރޭގައި ވެސް ތިއްބެވީ ސިޔާސީ ގޮތުން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ.

ކުރިމަތިލީ 37 ދާއިރާ އެ ޕާޓީއަށް ކާމިޔާބު ނުކުރެވުނަސް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله އާއި ޑިމޮކްރެޓްސްގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފަދަ ޒަމާނުއްސުރެ ގޮނޑި ދަމަހައްޓަމުން އައި މެންބަރުން ނަތީޖާ ޝީޓުގެ ފުލަށް ދިޔުމަކީ ވަރަށް ބޮޑު ކަމެކެވެ. އަދި އޭގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުންނާނެ އެވެ.

މި އިންތިހާބަށް ޑިމޮކްރެޓްސްގެ ލީޑާޝިޕް އެއްކޮށް ކަހަލަ ގޮތަކަށް އެކި ދާއިރާތަކަށް ކުރިމަތިލި އެވެ. އެ މެމްބަރުންނަކީ ނަޒާހަތްތެރި އަދި ޖަވާބުދާރީކުރުވާނެ މަޖިލީހުގައި ތިއްބަވަން ޖެހޭ ބޭފުޅުން ކަމަށް ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ނަޝީދު ކެމްޕޭން ކުރެއްވި އެވެ.

ނަމަވެސް އެ ހުރިހާ މެންބަރުންނަށް ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނުމުން މިހާރު އެ ޕާޓީގެ މުސްތަގުބަލާ މެދު ވެސް އޮތީ ސުވާލު އުފެދިފަ އެވެ. ދުރުން ބަލާ މީހުންނަށް އެ މަންޒަރު ފެންނަނީ ވަރަށް ބަނަކޮށެވެ.

ޑިމޮކްރެޓްސްގެ އާއްމު މެމްބަރުން ހިތްހަމަނުޖެހުނު އެއް ކަމަކީ، އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުޑަވާ ގޮތަށް، މި ސަރުކާރުގެ ކެންޑިޑޭޓުންނަށް އިތުބާރު އުފެދޭ ގޮތަށް ވާހަކަ ދެއްކެވުމެވެ. ކެމްޕޭން ނިންމާލުމުގެ ޖަލްސާގައި މުޅިން ދެއްކެވީ، ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ބައިވެރިވުމާ އެކު އުފެއްދި ސަރުކާރުގެ ގޯސްތަކެވެ.

"ގޮންޖެހުންތައް ގިނަ އިންތިހާބެއް"

ޑިމޮކްރެޓްސްއަށް މި އިންތިހާބުގައި އެހާ ބޮޑު ނާކާމިޔާބީއެއް ލިބުނު ސަބަބާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވި ގޮތުގައި ޕާޓީގެ މެންބާޝިޕްގެ އަދަދު މަދުވުމުން ކުޑަ ޕާޓީއެއް ގޮތުގައި ސިފަ ކުރެވުނަސް ޕާޓީގެ ވިސްނުމާއި މެންބަރުންގެ ތަޖުރިބާ އަދި ރީޗް ވެސް ކުޑައެއް ނޫނެވެ.

އެހެން ނަމަވެސް މެންބަރުންގެ އަދަދު މަދުވުމުގެ ސަބަބުން ބޭނުންވާ ވަރަށް ސިޔާސީ ހަރަކާތް ނުހިންގޭ ކަމަށާއި ވޯޓު ހޯދުމަކީ އަބަދުވެސް އެ ހަރަކާތްތައް ވަރަށް ފުޅާ ގޮތެއްގައި ހިންގައިގެން ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެކްޓްސްގައި 10,000 މެންބަރުން ހަމަ ނުވާތީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ހަރަދެއް ނުކުރާނެ އެވެ. އެހެންވެ ފަންޑިން ހޯދަން ޖެހޭނީ އެ ޕާޓީ އަށް ތާއީދު ކުރާ އެކި ފަރާތްތަކުންނެވެ.

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު

ހަސަން ވިދާޅުވި ގޮތުގައި އެ ޕާޓީގެ ކެމްޕެއިނަށް ކަވަރޭޖެއް ހޯދަން މީޑިއާތަކުން ޕެކޭޖެއް ހޯދުމާއި ޑިމޮކްރެޓްސް އިން ވާދަ ކުރި ހުރިހާ ދާއިރާއެއްގައި ކެމްޕެއިންތަކާއި ރެލީތައް ބާއްވައި ވަރަށް ފުޅާކޮށް ސިޔާސީ ހަރަކާތް ހިންގާނެ ފައިސާ އާއި ވަސީލަތްތައް ނުލިބުނެވެ. އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ރާއްޖޭގައި ހަރަކާތްތައް ހިންގޭނެ ވަސީލަތްތައް ނެތުމަކީ އެއީ ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުން." ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "ސަރުކާރުން ހަދާހެން" ކޮންމެ ގެއަކަށް ވަދެ ވަޒީފާތައް ދިނުމަކީ ޑިމޮކްރެޓްސް އިން ކުރާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޕާޓީގެ ވިސްނުމަކީ ސިޔާސީ ހަރަކާތް ހިންގުމާއި ހައްގުތަކާއި ގައުމުގެ ބޮޑެތި މައްސަލަތަކުގެ ހައްލުތައް ރައްޔިތުންނަށް ކިޔައިދީ މެނިފެސްޓޯއެއް ތައްޔާރު ކޮށްގެން ރައްޔިތުންނަށް އެ ވިއްކުމެވެ.

މީގެ 16 އަހަރު ކުރިން ސިޔާސީ މަސައްކަތްތައް ރާއްޖޭގައި ފަށައިގަތް އިރު ވެސް ރައްޔިތުންނަށް ވެގެންދާ ގޮތް ރަނގަޅަށް ކިޔައިދީ ގައުމު ހަމަ މަގަށް އެޅުވުނީ އެ ގޮތަށް މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި މެންބަރުންނާއި ވަސީލަތްތައް މަދުވިޔަސް އެ ޕާޓީގައި ތިބި މެންބަރުންނާއި ކެންޑިޑޭޓުންގެ ފަރާތުން ފެނިގެން ދިޔައީ އާދަޔާ ހިލާފަށް އެ ކަމަށް ޝައުގުވެރިވެ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރި ތަނެވެ. އެ ދާއިރާއެއްގައި ބެނާތައް ހަރުކުރުމާއި ދޮރުން ދޮރަށް ހިންގުމާއި ކެމްޕެއިންގެ ގިނަ މަސައްކަތްތައް ވަރަށް ހިތްވަރާއެކު މެންބަރުން ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަސްކޮށްފައި ހުރި ސްޓައިލްގެ ކެމްޕެއިނެއް ކުރިން އެކަމަކު ވަސީލަތްތައް ނެތީމަ އޭގެ ސްކޭލް ކުޑައީ." އޭނާ ވިދާޅުވި އެވެ.

"ވީހާވެސް ގިނަ ގޮނޑި ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެހެން ނަމަވެސް މި ފަހަރު އަޅުގަނޑުމެންނަށް މި އޮތީ އެ ނަތީޖާ ވަރަށް ނުރަނގަޅުކޮށް ލިބިފައި." އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ/ޑިމޮކްރެޓްސް ވަކިވެގަތުމުން ގެއްލުން؟

ޑިމޮކްރެޓްސްގެ "އަސްލު ލީޑަރު" ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީ ސަފުގައި އަދި ޕާޓީގެ ހުރިހާ ގުނަވަނެއްގައި މިވަގުތު ތިއްބެވީ ކުރީގެ "އެމްޑީޕީ ފިކުރު" ގެ މެންބަރުންނެވެ. އޭގެ އިތުރުން ޑިމޮކްރެޓްސްގައި ތިބި ކަމަށް އިލެކްޝަންސްގެ ދަފްތަރުން ދައްކާ 4000 އަށް ވުރެ ގިނަ މެންބަރުންގެ ބޮޑު ބަޔަކީ ވެސް މީގެ އަހަރެއްހާ ދުވަސް ކުރިން އެމްޑީޕީ މެންބަރުންނަށް ވުން ވަރަށް ގާތެވެ.

އެ ހުރިހާ މެންބަރުން އެމްޑީޕީ ދޫކޮށް އާ ފިކުރެއް ދިރުވަން ޖެހުނީ އެމްޑީޕީން އެ ޕާޓީގެ އަސްލު އުސޫލުތައް ދޫކޮށްލުމުން ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް އެއް ފިކުރެގެ ބޮޑު ޕާޓީ ދެބައި ވުމުގެ އަސަރު މިދިޔަ ދެ އިންތިހާބުގެ ނަތީޖާ އަށް ބަލައިލުމުން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ.

އެމްޑީޕީ ޑިމޮކްރެޓްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މިދިޔަ ރިޔާސީ އިންތިހާބުގައި އަދި މަޖިލިސް އިންތިހާބުގައި ވެސް އެމްޑީޕީން އަބަދުވެސް މެޖޯރިޓީ ހޯދަމުން އައި ގިނަ ދާއިރާތަކެއް އޮތީ ވަރަށް ބޮޑަށް ޕީއެންސީ އަށް އެނބުރިފަ އެވެ. އަދި ނަތީޖާތަކުން ދައްކާ ގޮތުގައި ޑިމޮކްރެޓްސް ނުވަތަ އެމްޑީޕީ އަށް ލިބެން އޮތް ވޯޓުތައް ދެ ބަޔަށް އޮންނަނީ ބެހިފަ އެވެ.

މިސާލަކަށް މެދު ހެންވޭރު ދާއިރާ އަބަދުވެސް ނަގަމުން އަންނަ އާޒިމް އަށް މި އިންތިހާބުގައި ލިބިވަޑައިގަތީ 249 ވޯޓެވެ. އަދި ކުރިން އޭނާ އަށް ތާއީދު ކުރި ގިނަ ބަޔަކު ހިމެނޭ އެމްޑީޕީ ކެންޑިޑޭޓު އިބްރާހިމް ޖަލީލް (އިބޫ ޖަލީލް) އަށް ލިބިވައިގަތީ 540 ވޯޓެވެ. އެ ވޯޓު ދެބައި ނުވި ނަމަ އެ ދާއިރާ މި ފަހަރު ކާމިޔާބު ކުރި ޕީއެންސީ ކެންޑިޑޭޓު ހުސެއިން ނާސިހު އަށް ވުރެ ގިނަ ވޯޓު އެއް ޕާޓީއަކަށް ހޯދޭނެ އެވެ.

އެމްޑީޕީން ކޮންޓްރޯލް ކުރި ވަރަށް ގިނަ ދާއިރާތަކުން ވެސް ހަމަ މި ނާތީޖާ ފެންނަން އެބައޮތެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވެރިކަމަށް އާދެވުނީ އެމްޑީޕީ ބައިބައި ވެފައި އޮތުމުގެ ސަބަބުންނެވެ.

އަދ މި މަޖިލިސް އިންތިހާބުގައި ވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނުރޫޅި ޕާޓީ ބަދަހިކޮށް އެމްޑީޕީ އޮތް ނަމަ އެއީ ރާއްޖޭގައި ސިޔާސީ ގޮތުން ބަލިކަށި ކޮށްލެވޭނެ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުފާ ކުރާ ކަމެއް ނޫން މިއީ. އެކަމަކު ރަނގަޅު ނޫން ކަންތައްތައް ހިނގާތީ އަޅުގަނޑުމެން ނުކުންނަން ޖެހުނީ." ވައްޑޭ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | މަޖިލިސް

އެހެން ނަމަވެސް "މިހާރު" އާ ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ޑިމޮކްރެޓްސް ތެރޭގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަލުން ބާރުތަކެއް ލިބޭ ގޮތަށް ކަންކަން ނުދިޔުމަށްޓަކައި ސަރުކާރަށް ވޯޓުލި ފަރާތްތަކެއް އެބަ ތިއްބެވެ.

އެމްޑީޕީން ގެންދިޔައީ ސީދާ މިހާރު އޮތް ސަރުކާރު އަޒުލު ކުރުމުގެ ވާހަކަ ދައްކައިގެން ކެމްޕެއިން ކުރަމުން ކަމަށާއި އެކަން ވިޔަ ނުދޭން އެތައް ބަޔަކު މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އިބޫ ނޫން ގޮތެއް ހޯދަން ސަރުކާރަށް މަސައްކަތް ކޮށްދިން ތަން ފެނުން ކެމްޕެއިން ޖަގަހަ ތަކުގައި ތިބެގެން." އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާރު އެމްޑީޕީގެ ލީޑާޝިޕްގައި އޮތީ އެމްޑީޕީ އުފަން ކުރުވި އެ ފިކުރުގެ ބައެއް ނޫން ކަން ރައްޔިތުންނަށް އެނގިއްޖެ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އެހެންވެ އެ ޕާޓީ ރޫޅާލުމުގެ ރޫހު އަދިވެސް ވަރަށް ބޮޑަށް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ހަސަން އާ ސުވާލު ކުރުމުން އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އާ ވަކިވުމަކީ އެ ޕާޓީ އަށް ވޯޓު މަދުވާން މެދުވެރިވި ސަބަބަކަށް ވުން އެކަށީގެންވާ ކަމަށާއި ހަމަ އެގޮތަށް އެމްޑީޕީ މިހާރު ބަދަލުވެފައި އޮތް ގޮތުން އެ ޕާޓީން ވަކިވެ އާ ފިކުރެއްގައި މަސައްކަތް ކުރަން އުޅުމަކީ އެ ޕާޓީ އަށް ވޯޓުތަކެއް ލިބެން ވެސް މެދުވެރިވި ވަރަށް ބޮޑު ސަބަބެކެވެ.

އެމްޑީޕީން މިހާރު އަމަލު ކުރަމުން އެ ގެންދާ އުސޫލުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ އެތައް ބަޔަކު ތިބި ކަމަށް ހަސަން ވިދާޅުވި އެވެ. ސީދާ އޭގެ ސަބަބުން ގެއްލުން ވާނީ ކިހާ ވަރަކަށްތޯ އެނގޭނީ ރަނގަޅު ދިރާސާތަކެއް ހަދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ކުރިޔަށް އޮތްތަނުގައި ވެސް އެ ޕާޓީން މަޝްވަރާގެ އުސޫލުން ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކާ ބައެއް މަޝްވަރާތައް ހުރިހާ ޕާޓީއަކާ ވެސް އަބަދވެސް ހިނގާނެ އެކި ޕާޓީއާ އެކީ ހިނގަނީ. އެ މަޝްވަރާތައް ކުރަމުން ގެންދާނެ." އޭނާ ވިދާޅުވި އެވެ.

"ބަދަލެއް ގެންނަން ޖެހޭ. ކުރިމަގު އޮތީ އުޖާލާކޮށް"

ރާއްޖޭގެ ސިޔާސީ މަސްރަހަށް މިހާރު މިދާ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި ވައްޑޭ ވިދާޅުވި ގޮތުގައި މަޖިލީހަކީ ރައްޔިތުންގެ އެންމެ ބޮޑު ބާރެވެ. އެހެން ނަމަވެސް މިހާރު އެއީ ރައްޔިތުންގެ މަޖިލީހެއްތޯ ނުވަތަ ސަރުކާރުގެ މަޖިލީހެއްތޯ ވަކި ނުވާ ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތައް ބުނާ ގޮތުން އިންތިހާބުތަކުގައި ހަމަހަމަ ކަމާއެކު ވާދަ ކުރުމުގެ ފުރުސަތު ހުރިހާ ކެންޑިޑޭޓުންނަށް ވެސް ލިބެން ޖެހޭ އިރު އެއް ފަރާތުން ކެންޑިޑޭޓުން ނުކުންނަނީ މިނެއް ނެތި ސަރުކާރުގެ ވަޒީފާތަކާއި ބޯހިޔާވެހިކަމާއި ރަށުގެ ތަރައްގީ އާއި އިދާރީ އިހުތިސާސްތައް ބަދަލު ކުރުމާއި އާސަންދަ އާއި އެންސްޕާގެ ބޭނުން ހިފަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އާދައިގެ މީހަކަށް ދައުލަތާ ވާދަ ކުރުމަކީ ކެރި ކުޅަދާނެ ވާނެ ވަރުގެ ކަމެއް ނޫން،" ވައްޑޭ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ނަޝީދު ވާހަކަ ދައްކަވަނީ: ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވިޔަސް ޑިމޮކްރެޓްސްގެ ކެމްޕޭނަށް މާލެވަޑައިގެން ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދެއްވަން މަސައްކަތް ކުރެއްވި. -- ފޮޓޯ | މިހާރު

ހަސަން ވެސް ވިދާޅުވި ގޮތުގައި އެގްޒެކެޓިވް ބާރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ބާރަކީ ކޮބައިކަން ވޯޓުލާ ފަރާތްތަކަށް ވަރަށް ރަނގަޅަށް ކިޔައިދޭން އެބަ ޖެހެ އެވެ. އަދި ގާނޫނުއަސާސީގައި އޮތީ ކޮން ވާހަކަތަކެއްތޯ އާއި ބާރުތައް ބެހިފައި އޮންނަ ގޮތާއި މި ނިޒާމު ރަނގަޅަށް ހިންގުމުން ރައްޔިތުންނަށް ވާނެ ފައިދާތައް ވިސްނައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އިން ކުރިޔަށް އޮތް ތަނުގައި އެންމެ ބޮޑަށް ކުރަމުން އަންނާނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ކުޑަ މަސައްކަތެއް ނޫން، މުހިންމު މަސައްކަތެއް، އެހެން ޕާޓީއަކުން ނުކުރާ މަސައްކަތެއް،" ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ ވަރަށް އުޖާލާކޮށް އެ މަސައްކަތް ކުރަން މި އޮތީ. އެ މަސައްކަތުން އަޅުގަނޑުމެންނަށް މުޅި ރާއްޖެ އަނބުރާ ލެވޭނެ. ނުރަނގަޅު ސަގާފަތްތައް ދުއްވާލެވޭނެ. އަޅުގަނޑުމެންގެ ތެރޭގައި ހުނަރުވެރި އަދި އެކްސްޕީރިއަންސް ޕޮލިޓީޝަނުންނާއި ޓެކްނިކަލް ބޭފުޅުން އެބަތިބި." އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތް ފެށުމާ ހަމައަށް، ރައްޔިތުން މި އިންތިހާބުގައި އެ ޕާޓީ އަށް އިތުބާރު ނުކުރީ އެވެ. ފާރަވެރި މަޖިލީހަކަށް، ކުރާނެ ކަމަށް އާއްމުކުރި އެޖެންޑާ އަށް ތާއީދު ނުދިނީ އެވެ. ހަސަން ވިދާޅުވި ގޮތަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ބަދަލެއް، ޕާޓީން ދައްކައި އަލުން އިތުބާރު އުފައްދަން ޖެހެ އެވެ.

29 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 11%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 16%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަން73773

24 April 2024

ހަބަރުގަ ހުސް ޑިމޮކްރެޓްސް ގެ މީހުންގެ ވާހަކަ އޮތީ ގެނެސްދީފައި އެމްޑީޕީ މީހެއްގެ ބަސްް ނެތް .. މާ ވަން ސައިޑެޑް ލިޔުމެއް

The name is already taken The name is available. Register?

‫ހަސަންބޭ

24 April 2024

ހ‫ަަމަ ބޭރުކުރަންވީ.. ރައްޔިތުންނަށް ބަލަދު އަރާފަ ތިބި ބައެއް ނޫން.. ދުނިޔެ ޢުމުރު ސިޔާސީ ގޮތުން ރައްޔިތުން ލައްވާ ގުނބޯ ހައްދައިގެން ބޮޑެތި ސިޔާސީ މަޤާމުތަކުގަ ތިބެގެން ފަލަ މުސާރަ ކާލައިގެން. ތިބައިގަނޑު ތީ ސިޔާސީ ބޭނުމަށް މުޅި ގައުމުގެ އިޖުތިމާއީ ފޭރާން ވީދާލި މީހުން. ކޮންމެސް އެހެން މަސައްކަތެއް ކޮށްގެން ކައިގެން ބޮއެގެން އުޅެން ދަސްކުރަން ފެނޭ

The name is already taken The name is available. Register?

ދަމަނަ

24 April 2024

މިރާއްޖޭގެ ކަންކަން މިހުރި ގޮތަށް ބަލާއިރު މިއީ ރިޔާސީ ނިޒާމަކަށްވުރެ ބަރުލަމާނީ ނިޒާމެއްގައި ކަން ހިނގާގޮތް. އެންމެ ރަގަޅު ގޮތަކީ ބަރުލަމާނީއަށް އަނބުރާލުން. އޭރުން ނަޝީދުވެސް އުފާވާނެ. ނަޝީދު އެ ފިކުރު ނުދިރިގެން. މިރާއްޖޭގެ އެތައްހާސް ބައެއްގެ އުއްމީދު ގެއްލިގެން ގޮސް ވަތަނީ ފިކުރަކަށް މިދިޔައީ. ކަނާތުފިޔައިގެ މި ފިކުރަކީ ރާއްޖެކަހަލަ ސަރވިސް ސެކްޓަރގެ އިންޑަސްޓްރީއެއްއޮތް ގައުމަކަށް އެހާ ރަގަޅު ފިކުރެއް ނޫން.

The name is already taken The name is available. Register?

ޝެލަރީ

24 April 2024

ތީބޮޑާކަމާ ކިބުރުވެރިކަމުގެ ހިތިނަތީޖާ އެމްޑީޕީ ގެ އަސާސީޤަވައިދުގަ ބުނަނީ ކޮންމެ ނިންމުމެއް ނިންމާނީ މެޖޯރަޓީއަށް ބަލައިގެންނޭ ބުނަންމިއުޅެނީ އެމްޑީޕީއަކީ އެއްމެ މީހެއްނޫނޭ އައްނި އަކީ މުޅި އެއްޑީޕީއެއްނޫނޭ ވެރިކަމާހެދި ބޫތުކައިފަ ހުންނެވި ބޭފުޅެއްފަހަތައް އަރައިގެން ބޮވޭނީ ބޮނޑިބޮއެނިމިފަ ތިތިއްބެވީ އާދައިގެ މެންބަރުންތައް އަލުންހޯދާ އެއްކުރުން އެއީމިހާރު ވަރަށްއުނދަގޫވާނޭކަމެއް މީސާފް ހަގީގަތް

The name is already taken The name is available. Register?

ރައްޔިތުކަލޯ

24 April 2024

"ހުނަރުވެރި، އެކްސްޕީރިއަންސް ޕޮލިޓީޝަނުންނާ ޓެކްނިކަލް ބޭފުޅުން" ތިބި ޕާޓީ އަކުން ދާއިރާގެ ރައްޔިތުން ނުވެސް ދަންނަ އަދި ޕާޓީ އަށް ސަޕޯޓް ނެތް ދާއިރާ ތަކަށް ކެންޑިޑޭޓުން ނެރުމުގެ ފަހަތުގައިވާ ސިއްރަކީ ކޮބައިތޯ ހަސަން ގާތު ވަރަށް އަހާލާހިތްވޭ.

The name is already taken The name is available. Register?

ނަސްރުރެ

24 April 2024

ވަރަށް އުފާވޭ ބީޖޭޕީ އަށް 0 ގޮނޑި ލިބުނީމާ.

The name is already taken The name is available. Register?

1206

24 April 2024

ކޮންމެ ޕާޓީއަކުން ވެސް ކުރިމަތިލި ކެންޑިޑޭޓުންނަށް ލިބުނު ޖުމްލަ ވޯޓު ބަލައިލައި ޕާޓީތަކަށް ހަގީގަތުގައި ތާއީދު އޮތް މިންވަރު ދެނެގަތުމުގެ ގޮތުން ތަފާސްހިސާބެއް ޖަހައިލަ ދީބަލަ. ދެން ޕާޓީތަކަށް ފައިސާ ދިނުމުގައި އެއީ މިންގަނޑެއް ނުވަތަ ވަޒަނެއް ކަމުގައި ބެލިދާނެ.

The name is already taken The name is available. Register?

މިއޮތީ

23 April 2024

ސިޔާސީ ކަންކަމުގައި އުޅޭ މީހުންނަށްވެސް ބައެއް ފަހަރު ކަންކަން އޮޅޭ. އަމިއްލަ ފަރުދަކަށްވެސް ސަރުކާރު ހިންގާ ޕާޓީ އާއި އެހެން ޕާޓީތަކާ ވާދަކޮށްވެސް ކާމިޔާބު ލިބޭކަން ނިމިދިޔަ މަޖިލިސް އިންތިހާބުން ސާބިތުވޭ. ބޭނުންވަނީ ކަން ކުރުމުގެ ވައްޓަފާޅި ހުރުމާއި ރައްޔިތުންގެ ލޯބި ހޯދަން އެނގުން. އަދި ގިނަ އަމިއްލަ ފަރުދުންގެ އަތުގައި ފައިސާ ނެތަސްވެސް ސިޔާސީގޮތުން ބާރުވެރިކަން ހޯދިދާނެކަން ނިމިދިޔަ އިންތިހާބުން ކިތަންމެހާވެސް ރަނގަޅަކަށް ވަނީ ދައްކާދީފައި.

The name is already taken The name is available. Register?

ކޮބާ

23 April 2024

ޑިމޮކްރެޓްސް ކުރިއަށް. ނިމިދާ މަޖިލީހުގައި ޕީޕީއެމް 5 ގޮނޑި ވެސް ނެތް. މިއަދު ވެރިކަމުގައި.

The name is already taken The name is available. Register?

ފުރާމު

23 April 2024

ހަސަނު އަނގައޮތީ ތެޅުވިދާނެ. މިހަބަރު ކިޔަމުންދާއިރުވެސް މިއިންނަނީ ލާނެތް ހިންޔެއް އައިއްސަ. ހަސަނު އަސިވެސް އުޅެނީ ގުރޭޑް 1 ގެ ކުދިންނަށް ކިޔަްިދޭހެން ޗިޕުޖަހަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454