28 މެއި 2024 - 13:58
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖެ އަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެންނެވުމަށް ކަމަށާއި ރައްޔިތުންގެ މަޖިލިސް ވެސް ހިނގާނީ އެ ފިޔަވަޅު މަތީގައި އެ ސިޔާސަތުތައް ތަންފީޒުކޮށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސްގެ މަގާމަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު މިއަދު އެންމެ ފުރަތަމަ ދެއްވި ވާހަކަފުޅުގައި އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލީސް އެކުލަވާލެވުނީ ގައުމަށް މުހިންމު ދަނޑިވަޅެއްގައި ކަމަށެވެ. އެއީ އާ ސިޔާސަތުތަކާ އެކީގައި އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖެ އަށް ގެނެސްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިތާ މަދު މަސްތަކެއްގެ ތެރޭގައި ކަމަށެވެ.
އެހެންކަމުން މި މަޖިލިސް ވެގެންދާނީ އެމަނިކުފާނުގެ މަސައްކަތްތަކާ ފިޔަވަޅު ހަމަކޮށްގެން ހިންގަން ވާނެ އަދި އެއްބާރުލުން ދޭނެ މަޖިލީހަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަޅުގަނޑުމެން މި ކޮނޑު އަޅަނީ ބޮޑު ބިޔަ މަސައްކަތެއް. މި ކަންކަމާ މެދު މަޝްވަރާ އާއި ބަހުސްކޮށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަމުން ދިޔުމުގައި މި މަޖިލިސް ވަރުބަލިވުމެއް ނެތި ދެމި އޮންނާނެ ކަމާމެދު ޝައްކެއް ނުކުރަން. -- މަޖިލިސް ރައީސް
މަޖިލީހުން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އިގްތިސާދުގެ އަސާސްތައް ފުޅާ ކުރުމާއި އާ ފަންނުތަކާއި ވިޔަފާރިތައް އުފަން ކުރުމާއި މާލީ ފުދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދުމާއި އުމްރާނީ ތަރައްގީގެ އާ މަސައްކަތްތަކެއް ތައާރަފް ކުރުމުގެ އިތުރުން ވީދެމުންދާ އިޖްތިމާއީ ފޭރާން އަލުން ވިޔެ އާ ކުރުން ހިމެނޭ އަބްދުއްރަހީމް ވިދާޅުވި އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރި ޕީއެންސީގެ ބޭފުޅުން ހުވާކުރުމުގެ ރަސްމިއްޔާތަށް މީގެ އިރުކޮޅެއް ކުރިން ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު
އޭގެ އިތުރުން ނުގަވައިދުން ބިދޭސީން ރާއްޖެ އަށް ވަންނަ ދޮރުތައް ބަންދު ކުރުމާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމާއި މަޖިލީހުގެ އަބުރާއި ކަރާމަތް ހިފެހެއްޓުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ މަޖިލީހުގެ ތެރޭގައި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޝްވަރާކޮށް ބަހުސްކޮށް ސަރުކާރާއެކު މަސައްކަތް ކޮށް ގޮތް ނިންމަން ޖެހޭ ކަންކަން." އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މި މަޖިލީހުން އާ ގާނޫނުތައް ތައާރަފްކޮށް އިސްލާހު ކުރުމުގެ އިތުރުން ވަގުތާ ފައިހަމަ ނުވާ ގާނޫނުތައް އުވާލަން ޖެހޭ ކަމަށެވެ. އަދި ގަވައިދުތަކަކީ ގާނޫނުން ބާރު ލިބިގެން ހަދާ ގަވައިދުތަކެއް ކަން ކަށަވަރު ކުރަން ޖެހޭ ކަމަށާއި ގާނޫނުން ބޭރުގައި ހުރި ގަވައިދުތައް އުވާލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކޮނޑު އަޅަނީ ބޮޑު ބިޔަ މަސައްކަތެއް. މި ކަންކަމާ މެދު މަޝްވަރާ އާއި ބަހުސްކޮށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަމުން ދިޔުމުގައި މި މަޖިލިސް ވަރުބަލިވުމެއް ނެތި ދެމި އޮންނާނެ ކަމާމެދު ޝައްކެއް ނުކުރަން." އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރު ކަމަށާއި މިފަހަރުގެ މަޖިލީހަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާނެ މަޖިލީހަކަށް ވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ، މަޖިލީހުގައި ތަފާތު ހިޔާލުތާއި ވިސްނުންތަކާއި ތަފާތު ނަޒަރިއްޔަތަކަށް ފުރުސަތު އޮންނަން ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ކަންކަން ކުރަން ވާނީ ރައްޔިތުންގެ ހިތާރޫހުން މަސައްކަތް ބަލައިގަންނާނެ ފެންވަރަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެ ކަންކަން ހިނގަން ވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރު ހިފެހެއްޓޭ ގޮތަށް. މަޖިލީހުގެ ހަމަތަކާއި ސުލޫކީ މިންގަނޑުގެ ތެރޭގައި މި މަޖިލީޙުގެ މަސައްކަތާ މެދު ރައްޔިތުން ފަހުރުވެރިވާނެ ގޮތަށް. ދިވެހިންގެ ހިތުގައި އޮތް ގަދަރާއި މަގާމް އުފުލިގެން ދާނެ ގޮތަކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާނިމް ހަންނާނެ
29 May 2024
މިޔާއެކު ދެން ގައުމަށް ހަމަޖެހުން ލިބޭނެ. ތަރައްގީގެ މަގުގައި ބާރު ދުވެލީގައި ދެވޭނެ.
އަހްމަދު މޫސާ
29 May 2024
މި 5 އަހަރު ވާނެ ތަރައްގީގެ ރަން 5 އަހަރަށް.
މާޖިދާާ
29 May 2024
ރައީސް ގެންނަވާ ބަދަލުތަށް ހަމަ ތަފާތުވާނެ.
އަރްހަމްް
29 May 2024
ރައީސް މުއިއްޒުގެ ލަފާފުޅުގެ މަތިން މަޖިލިސް ހިންގާނެކަމަށް އުންމީދުކުރަން.
އާސިފް ސައީދު
29 May 2024
މި މަޖިލިސް ވާނެ ފަހުގެ ތާރީހެއްގައި އެއްމެ މުހިއްމު މަސައްކަތެއް ކުރާ މަޖިލީހަށް. ސަރުކާރު ވާނެ ފަހުގެ ތާރިހެއްގައި އެއްމެ އިންގިލާބީ ކަންކަން ކޮށްދޭ ސަރުކާރަށް
އަހްމަދު އަކްޝަމް
29 May 2024
މިދިޔަ ސަރުކާރުން ސުޕަރ މެޖޯރިޓީ އޮވެ ފެއިލް ވިޔަސް މިސަރުކާރުން އެހެންނެއް ނުވާނެ. ނަތީޖާ ނެރެ ދައްކާނެ
އާސިމް ރިޒާ
29 May 2024
ރައީސް މުއިއްޒްގެ ސަރުކާރަށް ޖެއްސުން މިދިޔަ މަޖިލީހުން ކުރީ. ދެން އެ އުދަގޫ ތަކެއް ދިމާނުވާނެ. ދެން ކަންކަން ދާނީ އަހަރުމެން ބޭނުންވާ ސްޕީޑުގައި ބާރަށް
ހައްމާދު އިސްމާއިލް
29 May 2024
މިޔާއެކު ރައްޔިތުން ބޭނުންވާ ސްޕީޑުގައި ތަރައްގީ ގެނެވޭނެ. ތަރައްގީ ދާނީ މުޢިއްޒް ދުވެލީގައި ބާރަށް ދެން
އައުސޒަމް
29 May 2024
ތިކަމާ އެއްވެސް ޝައްކެއްނެތް. މި ސަރުކާރުން ގައުމަށް އިންގިލާބީ ބަދަލް ގެންނާނެ.
އިސްހާގް
29 May 2024
ރައީސް މުއިއްޒުގެ ލަފާފުޅާ އެއްގޮތައް މަޖިލީހުގެ ކަންކަން ބެލެހެއްޓުން މުހިންމު. ރައްޔިތުން ވެރިކަން ދިނީ ރައީސް މުއިއްޒުއަށް، މަޖިލީސްވެސް ދިނީ އެމަނިކުފާނުގެ ވެރިކަމުން ރައްޔިތުންނަށް ލާބައާ މަންފާ ހޯދުމުގެ ނިޔަތުގަ. އެއީ އޮޅުވާލެވޭނެ ހަގީގަތެއްނޫން. ރާއްޖޭގެ ކަންކަން ބައްޓަން ވެފަ އޮތީ އެގޮތުގެ މައްޗަށް