މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޖަޖުންގެ ކޮމިޓީގެ ފަރާތުން ނާފިއު، މީޑިއާއާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
30 މެއި 2024 - 08:47
ސަރުކާރުން ބާއްވާ މި އަހަރުގެ ސްޕޯޓްސް އެވޯޑްސް އަށް ބަދަލުތަކެއް ގެންނަން ސްޕޯޓްސް މިނިސްޓްރީން ނިންމައިފި އެވެ.
އަންނަ މަހުގެ 27 ގައި ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިންސާފުކުރި ފަނޑިޔާރުންގެ ކޮމިޓީން އިއްޔެ މީޑިއާއާ ބައްދަލުކޮށް ބުނީ، ވަނަތަކަށް ކުޅުންތެރިން ހޮވުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަށް މި ފަހަރު ވަރަށް ބޮޑަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރިން. ހާއްސަކޮށް މުބާރާތްތައް ރޭންކް ކުރުން، ސްޕޯޓްސް [ކުޅިވަރު] ރޭންކް ކުރުން އަދި އެޗީވްމަންޓް އެއީ ކިހާ ފެންވަރެއްގެ ކޮން މުބާރާތަކުން ހޯދުނު ކޮން ކާމިޔާބެއްތޯ ބެލުމުގައި،" ކުޅުންތެރިން ގިންތި ކުރުމުގައި އޭއައިގެ އެހީ ހޯދާފައި ވާނެ ކަން ހާމަކުރައްމުން ކޮމިޓީގައި ހިމެނޭ ކުރީގެ ބާސްކެޓް ކުޅުންތެރިޔާ އަބްދުއް ނާފިއު ތައުފީގު (ތައްބެ) ވިދާޅުވި އެވެ.
އެންމެ ރަނގަޅު ކުޅިވަރު އެސޯސިއޭޝަން ހޮވުމަށް އެސޯސިއޭޝަންތައް ގިންތި ކުރަން "ސްޓްރައިޑްސް އޮފް ސަކްސެސް" ރިޕޯޓް އެސޯސިއޭޝަންތައް މެދުވެރިކޮށް ހޯދާފައި ވާނެ ކަމަށް އެ ކޮމިޓީން ބުންޏެވެ.
އެސޯސިއޭޝަންތަކުގެ މަސައްކަތްތަކުގެ ތަފްސީލު މައުލޫމާތު ހިމެނޭ "ސްޓްރައިޑްސް އޮފް ސަކްސެސް" ރިޕޯޓް ހުށަހަޅަން ކޮންމެ އެސޯސިއޭޝަނަކަށް ވެސް އެންގި ކަމަށާއި މި ކަމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ވެސް ފަނޑިޔާރުންގެ ކޮމިޓީން ފާހަގަކުރި އެވެ.
ޖަޖުންގެ ކޮމިޓީގައި ހިމެނޭ (ކ-ވ) ނާޝް، ސުޖާއު، ނާފިއު، ޝާހިރު، ސަލީމް.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
"މި މައުލޫމާތުތަކަކީ އެހެންޏާ ހޯދަން އުނދަގޫ އެއްޗެއް. މި އިންޕުޓް އަޅުގަނޑުމެން ގިނަ ފަހަރަށް ހޯދަނީ އޭޖީއެމްއެއް ބާއްވާފައި އޭގެ ފަހުން ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ސަބްމިޓް ކުރާ ޑޮކިއުމަންޓެއްގެ ޒަރިއްޔާ އިން،" އެސޯސިއޭޝަންތަކުގެ ހިންގުމާއި ލިޔެކިޔުންތައް ބެލެހެއްޓުން ކުރިއަށް ވުރެ ހަރުދަނާ ވެއްޖެކަން ފާހަގަކުރައްވައި ނާފިއު ވިދާޅުވި އެވެ.
"އެކަމު މި ފަހަރު މި އައި ބަދަލާ އެކީގައި އެސޯސިއޭޝަންތަކަށް ވެސް ސީދާ ހުށަހަޅަން ޖެހޭ ޑާޓާ [މި އެވޯޑަށް ކުފޫ ހަމަވުމަށްޓަކައި] އެބަ އެންގޭ."
ހަމަ އެއާ އެކު، މީގެ ކުރިން މި އެވޯޑްސްގައި ދެމުން އައި "ފޮޓޯގްރާފާ އޮފް ދަ އިޔާ" ގެ ނަން ސްޕޯޓްސް ކައުންސިލަރުގެ މަޝްވަރާގެ މަތިން މި އަހަރު ވަނީ "ވިޝުއަލް އާޓިސްޓް އޮފް ދަ އިޔާ" ގެ ނަމަށް ބަދަލުކޮށްފަ އެވެ. ފޮޓޯގްރާފަރުންގެ އިތުރުން ވީޑިއޯގްރާފަރުންނާއި އާޓްގެ ޒަރިއްޔާ އިން ކުޅިވަރު ޕްރޮމޯޓް ކުރާ ފަރާތްތަކަށް ވެސް އެވޯޑަށް ވާދަކުރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.
ގައުމީ ލީގެއް ނުވަތަ މުބާރާތެއް ކުރިއަށް ނުގެންދާތީ ކުރީގެ ދެ އަހަރެކޭ އެއްގޮތަށް ވޮލީ ބޯޅައިގެ ކެޓަގަރީގައި ހިމެނޭ ބީޗު ވޮލީ އާއި ރާއްޖޭގައި މިހާރު އެންމެ މަގުބޫލު ފުޓްބޯޅައިގެ ވައްތަރު ކަމަށްވާ ފުޓްސަލް މި އަހަރުގެ އެވޯޑްގައި ވެސް ނުހިމެނެ އެވެ.
ހ. ބޯޅަ ގޭގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޕޯޓްސް އެވޯޑްސްގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނޭ ފަސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އެއީ ނާފިއުގެ އިތުރުން، ކުރީގެ ފީފާ ރެފްރީ އަލީ ސަލީމާއި މަޝްހޫރު ފުޓްބޯޅަ މެޗު ކޮމިޝަނަރު އަހުމަދު ޝާހިރާއި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއުގެ އިތުރުން ސްޕޯޓްސް ކައުންސިލްގެ މެންބަރު އާމިނަތު ނާޝިދާ (ނާޝް) އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފް
04 June 2024
ތިވެސްދާނީ ކަރަޕްޝަނަށް މި ރާއްޖޭގަ ނެތް ތި ނޫން ކަމެއް.
ބެލެނިވެރިން
30 May 2024
ބާސްކެޓް ހިމަނާތި މުބާރާތެއް ނުކުޅުނަސް ، ސުޕުންގެ ދަރިވަރެއް ތައްބެއަކީ .