ޝަލަބީ "މިހާރު" އަށް އިންޓަވިއު ދެނީ.
11 ޖޫން 2024 - 10:40
ދިވެހި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް (ޝަލަބީ) ބަންޑުންކޮށްލީ އޭނާގެ ހުރި ކަންބޮޑުވުންތަކެވެ.
މޯލްޑިވިއަން އައިޑަލް އިން ވިދާލި ޝަލަބީ "މިހާރު" އަށް އިންޓަވިއުއެއްގައި ބުނީ ރާއްޖޭގައި ފަންނުވެރިންނަށް މާ ބޮޑު ފައިދާއެއް ނުވަތަ އާމްދަނީއެއް ނުލިބެނީ، ފައިދާވާ ގޮތަށް ކަަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އަދި ފަންނާނުންނަށް ލިބެން ޖެހޭ "ރޯޔަލްޓީ" ދިނުމަށް އެއްވެސް ބަޔަކު މަސައްކަތް ނުކުރާތީ ކަމަށް އޭނާ ބުންޏެވެ.
ޝަލަބީ ބުނި ގޮތުގައި، ރޯޔަލްޓީ އަކީ ކޮބައިކަން ވެސް ބައެއް މީހުންނަށް ނޭނގެ އެވެ.
މި ކަންބޮޑުވުންތައް ޝަލަބީ އެންމެ ފުރަތަމަ ހިއްސާކުރީ މިފަހުން ފޭސްބުކްގައި އޭނާ ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވެސް އޭނާ ދެއްކީ ފަންނާނުންނަށް ލިބެން ޖެހޭ ރޯޔަލްޓީ ނުލިބޭތީ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ އެވެ. އަދި ވަރަށް ގިނަ ދިވެހި އާޓިސްޓުން އެކަމާ އެއްބަސްވެ، އެ ޕޯސްޓު ޝެއާކޮށްފައިވެ އެވެ.
ހުރިހާ ޕްލެޓްފޯމެއްގައި ވެސް ދިވެހި އާޓިސްޓުންނަށް އޭގެން މަންފާއެއް ކުރާނެ ގޮތްތަކެއް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް ޝަލަބީ ބުންޏެވެ.
ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް.-- ފޮޓޯ: އަދޫ
ރާއްޖޭގެ އެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ހުރި ދިވެހި އާޓިސްޓުންގެ މަސައްކަތްތައް އަޑުއަހައި ބެލެނީ މަހުންމަހަށް ސަބްސްކްރިބްޝަން ފީ ދައްކައިގެން ކަމަށް ވާއިރު، އެ ޕްލެޓްފޯމަކުން ފަންނާނުންނަށް މާ ބޮޑު މަންފާއެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
އެންމެ ކުޑަމިނުން، އެންމެ ގިނަ ލަވަ ޕްލޭކޮށްފައި ހުންނަ އާޓިސްޓަކަށް އެއްޗެއް ލިބޭނެ ގޮތަކަށް އިންތިޒާމުވެފައި އޮންނަ ނަމަ އާޓިސްޓުންނަށް އޭގެން ފައިދާކުރާނެ ކަމަށް އޭނާ ބުންޏެވެ.
"ބާޒާރުމަތިން ވެސް މަސްކިރާ އިރަކު މަހަށް ނުލިބޭ އަގަކަށް މަހެއް ނުކިރާނެދޯ. ކަރާ މާރުކޭޓަކަށް ވެސް ކަރާއެއް ނުގެންނާނެދޯ އޭގެ އަގެއް ނެތިއްޔާ. އަދި ކިތައްމެ މީރު އެއްޗަކަށް ވިޔަސް. ކިތައްމެ ޑިމާންޑެއް އޮތަސް ވެސް،" ޝަލަބީ ބުންޏެވެ.
އެންމެ ގިނަ ލަވަ ޕްލޭކޮށްފައި ހުންނަ އާޓިސްޓަކަށް އެ ޕްލެޓްފޯމަކުން ކޮންމެ ޕްލޭއަކަށް 5ރ. ގެ ރޭޓުން ވިޔަސް އެއްޗެއް ހައްގުވާން ޖެހޭނެ ކަމަށް ޝަލަބީ ބުންޏެވެ.
ޓީވީ އާއި ރޭޑިއޯ އިން ޕްރޮގްރާމުތައް ހަދައި ސްޕޮންސަރުންނަށް ޕްރޮގްރާމްތައް ވިއްކައިގެން އޮންއެއާ ކުރާއިރު ވެސް، އާޓިސްޓުންނަށް އޭގެން އެއްވެސް ފައިދާއެއް ނުކުރާ ކަމަށް ޝަލަބީ ބުންޏެވެ. ނަމަވެސް އެ ޕްރޮގްރާމުތައް ފަޅުފިލުވައި ދެނީ ފަންނާނުންގެ ބުރަ މަސައްކަތްތަކުން ކަމަށް އޭނާ ބުންޏެވެ.
ޑިމާންޑް އޮތިއްޔާ ވެލިއު ދާން ޖެހޭނީ އަސްލު މައްޗަކަށް ނޫން. މިތަނުގައި ދަނީ ދަށަށް. މާރުކޭޓެއް ނެތީމަ މައްސަލަ އަކީ. އަހަރެމެން ޖެހޭނީ މާރުކޭޓެއް ހޯދަން އަހަރެމެންނަށް: ޝަލަބީ
"ޑިމާންޑް އޮތިއްޔާ ވެލިއު ދާން ޖެހޭނީ އަސްލު މައްޗަކަށް ނޫން. މިތަނުގައި ދަނީ ދަށަށް. މާރުކޭޓެއް ނެތީމަ މައްސަލަ އަކީ. އަހަރެމެން ޖެހޭނީ މާރުކޭޓެއް ހޯދަން އަހަރެމެންނަށް،" ޝަލަބީ ބުންޏެވެ.
ވޭތުވެދިޔަ ސަރުކާރުތަކުގައި ވެސް މިކަމަށް ހައްލެއް ހޯދައިދޭން އޭނާ މަސައްކަތްކުރި ނަމަވެސް، މިހާތަނަށް މިކަމަށް އެއްވެސް އަލިމަގެއް ފެނިފައިނުވާ ކަމަށް ޝަލަބީ ބުންޏެވެ.
ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް.-- ފޮޓޯ: އަދޫ
ޝަލަބީ ބުނީ ދިވެހި އާޓިސްޓުންގެ ގިނަ މަސައްކަތްތައް މިހާރު ވެސް ޕަބްލިކަށް ދޫކޮށްލަނީ ހިލޭސާބަހަށް ކަމަށެވެ. ނަމަވެސް އޭގެން ފަންނާނުންނަށް ރިޓާންއެއް ނުވަތަ ފައިދާއެއް ލިބޭނެ ސިސްޓެމެޓިކް ގޮތެއް ރާއްޖޭގައި ނެތުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ޝަލަބީ ބުނި ގޮތުގައި، އެންމެ ކުރީގައި ދިވެހި ލަވަކިޔުންތެރިންނަށް ލިބުނު ފައިދާއެއް ވެސް ލިބިފައި ވަނީ ޓްރެކް ވިއްކައިގެންނެވެ. ނަމަވެސް ސޯޝަލް މީޑިއާ ތައާރަފުވެ، ހިލޭ ޓްރެކާއި އެއްޗެހި ލިބެން ފެށި ހިސާބުން އެކަމަށް ވެސް ނިމުމެއް އައީ އެވެ.
"މިހާރު އަހަރެމެންގެ ޕްލޭނެއް އެބައިން. ބަޔަކާ ގުޅިގެން އަަހަރެމެން އަމިއްލަ އެޕްލިކޭޝަނެއް ހަދައިގެން ކުރިއަށް ގެންދަން،" ޝަލަބީ ބުންޏެވެ.
ޝަލަބީ ބުނީ މިހާރު ހުރިހާ އާޓިސްޓުންވެގެން އަންނަނީ އާޓިސްޓުންގެ ކޮންޓްރޯލް އޮންނަ ޕްލެޓްފޯމެއް ހަދަން ތައްޔާރުވަމުންނެވެ. އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސް
11 June 2024
ސަލަބީ ތިހާހިސާބަށް އައީ ހިލޭ ލަވަ އަޑުއަހާ ބަލަން ފުރުޞަތެއް ދިނީމަ. ދެން ތިހެން އަމިއްލަ އެއްޗެއް ހަދައިގެން ގިނަބަޔަކު ބޭނުމެއްނުވާނެ އަގެއް ދައްކާކަށް. ލަވަޔަކަށް ބާޒާރެއްނެތް މިހާރަކު. ދެންވެސް ބޮޑުބެރު ގުރޫޕެއް އަވަހަށް ހަދައިގެން , ޓޫރިޒަމް ޕްރޮމޯޓު ކުރަން އުޅެބަލަ. ހިންދީ ރާގުތަކާއި އެއް ވައްތަރަކަށް ހުންނަ ލަވަޔަށް " އިންޑިއާ އައުޓު" އާއިއެއްކޮށް ނޫނެކޭބުނެފި.
ލަވައަކުން
11 June 2024
ބަލަ ލަވަ ސަލަބީ. ލަވަ ކިޔަން ހަޔާތެއް ހުސްކުރި އިރު ނޭނގެތަ މި ހޮލީވުޑު ބޮޅިވުޑު ނޫންކަން.
މާޅޯސް
11 June 2024
ފަންނާނުންގެ ފަންނު ނެތީމާ ވާގޯތް.
ޝޯމޭން
11 June 2024
ޝަލަބީގެ ތިވާހަކައަށް މަވެސް ވަރަށް ތާއީދު. ދިވެހި އާޓިސްޓުންތެރޭ ޝަލަބީ އަދި ނަޒީހުމެން ކަހަލަ މީހުންނަކީ ރަނގަޅު ޕްލެޓްފޯމެއްގަ ޕާފޯމް ކުރަން ފުރުސަތު ލިބިއްޖެނަމަ މިރީޖަންގަވެސް ފާހަގަ ކޮށްލެވޭނެ ފަދަ މީހުން. ބޮލީވުޑްގެ އާޓިސްޓުންނަކަށް ދުލެއް ނުކުރާނެ. މީކީ ހަޖޫޖަހަނީކީ ނޫން. މަށަށްދެރައީ އަލަށްނުކުންނަ ޓްރެންޑިން ލަވަތައް މިހާރު އަޑުވެސް އިވޭނެގޮތެއް ނެތީމަ. ޓެލެންޓުހުރެ އަޅާނުލާ ފުނޑާލާފަ ހުންނަ އިންޑަސްޓްރީތައް ދިވެހިރާއްޖޭގަ ވަރަށްގިނަ.
ރަނގަޅުގޮތުގައި
11 June 2024
ތިބުނާ ޕްލެޓްފޯމްތަކަށް ތިއާޓިސްޓުންގެ މުދާ ބޭނުންކުރެވެނީ ވިއްކާފައޮތީމަ. ނިމިފަ އޮންނަ ވިޔަފާރިޔަކުން އިތުރު ފައިދާއެއް ހޯދަން އުޅުމަކީ ދީނުގަވެސް ހުއްދަކަމެއްނޫން. އެމީހުން ނުވިއްކާ ވަގަށް ކުރަންޏާ ދައުވާކުރޭ، އިންޓަލެކްޗުއަލް ޕްރޮޕަޓީރައިޓްގެ ގާނޫނު އެބައޮތް. ވަށްކަންކުރުމާދެކޮޅު. (ޔޫޓިއުބުންވެސް ވިއުއަކަށް 5 ރުފިޔާނުލިބޭ)
ވެލްފެއާރ
11 June 2024
ދެން މިވެސްވީ ސަރުކާރުން ސަބްސިޑީދޭންތަ؟!! ކިހާ ދެރަކަމެއް! އަހަރެންވެސް ބޭނުންކަންކަން ނުކޮށް މިއުޅެނީ އަނބިދަރީންނަށް ޚަރަދުކުރެވޭ އެއްޗެއް ނުލިބޭނެތީ. އެކަމަކު އެކަންކަން ކޮށްފަ ހަޅޭކެއް ނުލަވަން މީގެން އެއްޗެއް ނުލިބެޔޭ ކިޔާފަ.