05 ޖޫން 2024 - 12:43
ޕެރިސް (ޖޫން 5) – ދުނިޔޭޣެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗަށް ލިބުނު އަނިޔާއާ ގުޅިގެން ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލް މެޗު ނުކުޅެ، އޭނާ މުބާރާތުން ވަކިވެއްޖެ އެވެ.
ޖޮކޮވިޗް މުބާރާތުން ވަކިވުމާ ގުޅިގެން، އިޓަލީގެ ޔަނިކް ސިނާ އަށް މިވަނީ އަންނަ ހަފްތާގެ ދުނިޔޭޣެ ރޭންކިންގެ އެއްވަނަ މަގާމު ޔަގީން ވެފަ އެވެ. މިއީ އިޓަލީގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ލިބޭނެ ފުރަތަމަ ފަހަރެވެ.
އުމުރުން 22 އަހަރުގެ ސިނާ ވަނީ މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް، ފުރަތަމަ ގްރޭންޑް ސްލޭމް ތަށި އުފުލާލައިފަ އެވެ.
މުބާރާތުގެ ހަތަރުވަނަ ބުރުގެ މެޗުގައި ޖޮކޮވިޗަށް އަނިޔާވެގެން އޭނާ ވަނީ ކޯޓުގައި އަވަސް ފަރުވާ ވެސް ހޯދައިފަ އެވެ. އަނިޔާއާ އެކު ކުޅެގެން ކުއާޓާ ފައިނަލަށް ދިޔަ ނަމަވެސް، ކުއާޓާގެ މެޗަށް އޭނާ ފިޓް ނުވެދާނެ ކަމަށް، އެ މެޗަށް ފަހު ޖޮކޮވިޗް ވަނީ މީޑިއާއާ ވާހަކަ ދައްކަމުން ހާމަ ކޮށްފަ އެވެ.
އެންމެ ފަހުގެ ސްކޭންތަކުން ދެއްކި ގޮތުގައި ޖޮކޮވިޗްގެ ކަނާތު ކަކުލުގެ މިނިސްކަސް ވަނީ އިރައިގެން ގޮސްފަ އެވެ.
ޖޮކޮވިޗް މުބާރާތުން ވަކިވާން ނިންމުމާ އެކު، މިއަހަރުގެ ފްރެންޗް އޯޕަން ތަށި މުޅިން އާ ކުޅުންތެރިއަކަށް ހޯދުމުގެ ފުރުސަތު މިވަނީ ފަހިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy