މެނޭޖިން ޑިރެކްޓަރު އަލާއު އަލީ، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއާ އިންޖީނު ހަވާލުކުރައްވަނީ.
13 ޖޫން 2024 - 11:43
ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް ބަލަހައްޓަން ޔަމަހާ 150 ހޯސްޕަވަރުގެ އިންޖީނެއް އެލިއާއިން ހަދިޔާ ކޮށްފި އެވެ.
ޔަމަހާގެ އައުޓްބޯޑު އިންޖީނު ހަވާލުކުރީ، ބަޔޮސްފިޔާ ރިޒާވް ބަލަހައްޓާ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ މިނިސްޓްރީއާ އެވެ.
އެލިއާއިން މި އިންޖީނު ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ. މިނިސްޓްރީން އިންޖީނާ ހަވާލުވެވަޑައިގަތީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މި އިންޖީނަކީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން އެ މިނިސްޓްރީއަށް ހަދިޔާކުރި ފުރަތަމަ އަދި އެންމެ އަގުހުރި ހަދިޔާ ކަމަށެވެ. އަދި ރާއްޖޭގައި ވިޔަފާރީގެ 60 އަހަރުގެ ދިގު ތާރީހެއް އޮތް ކުންފުންޏަކުން އެ މިނިސްޓްރީއަށް ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވައި މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ކުންފުންޏާ އެކު މިނިސްޓްރީން ގާއިމުކުރެވުނު ވަރުގަދަ ގުޅުމުން ދެ ފަރާތަށް ވެސް ފައިދާތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެލިއާ އިން ވެސް ބުނީ ބަޔޮސްފިޔާ ރިޒާވް ބަލަހައްޓަން، ހަދިޔާ ކުރި އިންޖީނަކީ ފައިދާ ހުރި ވަސީލަތްތަކަށް ވާނެ ކަމަށް އެ ކުންފުނިން އުއްމީދުކުރާ ކަމަށެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި 109 ގައުމެއްގެ 564 ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ.
ޔުނެސްކޯގެ ފަރާތުން ބ. އަތޮޅުގައި ކުރި ދިރާސާތަކުން ދައްކާގޮތުން މި އަތޮޅަކީ ގުދުރަތީ ވަސީލަތްތަކާއި، ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭފަދަ ދަރަޖައަކަށް ލިބިފައިވާ އަތޮޅެކެވެ. މިއަތޮޅަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވިގޮތަށް ބަލަހައްޓަމުން އަންނަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ހަކަތައާބެހޭ ވުޒާރާގެ ޑިޕާޓްމަންޓަކުންނެވެ.
އެލިއާއަކީ ރާއްޖޭގައި ވިއްކާ މަޝްހޫރު ޔަމަހާ އިންޖީނުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy