ދުނިޔޭގެ ކުޅިވަރު

ޔޫރޯ 2024: ޓީމު - ސްކޮޓްލެންޑް

15 ޖޫން 2024 - 23:32

ފުޓްބޯޅައިގެ ކާމިޔާބީގެ ލިސްޓަށް ނޭރިޔަސް ސްކޮޓްލެންޑަކީ ދިގު ތާރީހެއް އޮތް ގައުމެކެވެ. ދުނިޔޭގައި ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ ފުޓްބޯޅަ މެޗުގައި އެއްކޮޅުން ކުޅުނީ ސްކޮޓްލެންޑެވެ. އެގައުމާ ދެކޮޅަށް 1872 ވަނަ އަހަރު ނުކުތީ އިންގްލެންޑެވެ.

ސްކޮޓްލެންޑަކީ ވޯލްޑް ކަޕާއި ޔޫރޯގައި ވާދަކޮށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވޭ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެގައުމު ވަނީ މީގެކުރިން އަށް ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށް ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓީ 1992، 1996 އަދި ޔޫރޯ 2020 ގަ އެވެ.

ފުޓްބޯޅައިގައި ސްކޮޓްލެންޑުން އެންމެ ރަނގަޅު ނަތީޖާތައް ނެރުނީ މިދިޔަ ފަސް ވަރަކަށް އަހަރު އެވެ. ޔޫރޯ އަށް ކޮލިފައިނުވެ 20 އަހަރު ހޭދަވުމަށް ފަހު އެޓީމު މިފަހަރު އެ ވާދަކުރަނީ ޖެހިޖެހިގެން ދެ ވަނަ ޔޫރޯގަ އެވެ. އަދި، 2028 ވަނަ އަހަރު ޔޫރޯ ހޯސްޓް ކުރާ އެއް ގައުމުގެ ހައިސިއްޔަތުން އެ މުބާރާތަށް ވަނީ ކޮލިފައިވެ އެވެ.

ވޯލްޑް ކަޕްގައި އެގައުމު އެންމެ ފަހުން ކުޅުނީ 1998 ވަނަ އަހަރު އެވެ. ވޯލްޑް ކަޕްގައި އެގައުމު ވަނީ 1970 ގެ އަހަރުތަކުން ފެށިގެން 1990 އާއި ހަމައަށް ގަވައިދުން ކުޅެފަ އެވެ. އެ މުއްދަތުގައި ޖެހިޖެހިގެން ފަސް ވޯލްޑް ކަޕަށް އެގައުމު ކޮލިފައިވި އެވެ.

ޔޫރޯގެ ތިން މުބާރާތުގައި އެގައުމު ކުޅުނު ނުވަމެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ ދެ މެޗުން އެވެ. ދެ މެޗު އެއްވަރުވިއިރު ފަސް މެޗުން ބަލިވި އެވެ. ސްކޮޓްލެންޑާ އެކު ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ޖަރުމަނާއި ހަންގޭރީ އަދި ސްވިޒަލެންޑެވެ. އޭގެތެރެއިން ހަންގޭރީ އަކީ ސްކޮޓްލެންޑާ އެކު ކޮލިފައިން ގްރޫޕުގައި ވެސް ވާދަކުރި ގައުމެކެވެ. ކޮލިފައިވީ ގޮތް؟

ކޮލިފައިންގައި ސްކޮޓްލެންޑުގެ ނަތީޖާތައް ރަނގަޅެވެ. އެގައުމު ޔޫރޯގެ ސީދާ ޖާގައެއް ހޯދީ ސްޕެއިންގެ ފަހަތުން ދެ ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ބަލިވީ ރަށުން ބޭރުގައި ސްޕެއިންއާ ވާދަކުރި މެޗުން އެކަންޏެވެ. އަމިއްލަ ދަނޑުގައި ސްކޮޓްލެންޑުން ވަނީ ސްޕެއިން ބަލިކޮށްފަ އެވެ. ކޮލިފައިންގައި ފަސް މެޗުން މޮޅުވިއިރު އެއްވަރުވީ ދެ މެޗެވެ.

ސްކޮޓްލެންޑް ގްރޫޕުގައި ހިމެނޭ ހަންގޭރީއާ ދެކޮޅަށް ކޮލިފައިންގައި ކުޅުނު ދެ މެޗުގެ ތެރެއިން އަމިއްލަ ދަނޑުގައި 0-2 އިން މޮޅުވި އެވެ. އަދި، ހަންގޭރީގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ކޮލިފައިންގައި ސްކޮޓްލެންޑުން 17 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އަށް ގޯލެވެ.

މުހިއްމު ކުޅުންތެރިން:

ސްކޮޓްލެންޑް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއަކީ ކެޕްޓަން އެންޑްރޫ ރޮބާޓްސަން އެވެ. ލިވަޕޫލްގެ ޑިފެންޑަރު އަންނަނީ 2014 ވަނަ އަހަރުން ފެށިގެން އެގައުމަށް ކުޅެމުންނެވެ. މިހާތަނަށް 69 މެޗު ކުޅެ ތިން ގޯލު ޖަހާފައިވެ އެވެ. އެޓޭކާއި ޑިފެންސްގައި ވެސް ރޮބާޓްސަން އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ކޮލިފައިންގައި ސްކޮޓްލެންޑް ޓީމުގައި އެންމެ ވިދާލީ ސްކޮޓް މެކްޓޮމިނޭ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ މެކްޓޮމިނޭ،27، ގައުމީ ޓީމުން ފުރުސަތު ހޯދީ 2018 ވަނަ އަހަރު އެވެ.

މިހާތަނަށް ކުޅުނު 49 މެޗުގައި މެކްޓޮމިނޭ ވަނީ ގައުމީ ޓީމަށް އަށް ގޯލު ޖަހައިދީފަ އެވެ. އޭގެތެރެއިން ހަތް ގޯލު ޖެހީ މިފަހަރުގެ ކޮލިފައިންގަ އެވެ. މެކްޓޮމިނޭ ވަނީ ކޮލިފައިންގައި ސައިޕްރަސް، ސްޕެއިން އަދި ޖޯޖިއާ ކޮޅަށް ގޯލު ޖަހައިފަ އެވެ. ގޯލު ޖެހުމުގެ ރަނގަޅު ރެކޯޑެއް އޮތުމަކީ ޔޫރޯ އަށް ދާއިރު ސްކޮޓްލެންޑަށް މެކްޓޮމިނޭ މުހިއްމުވާ އެންމެ ބޮޑު ސަބަބެވެ.

ސްކޮޓްލެންޑް ޓީމުގެ ކުރި ބަލަހައްޓަނީ ސައުތެމްޓަންގެ ޗޭ އެޑަމްސް އާއި ކިއުޕީއާރުގެ ލިންޑޮން ޑައިކްސް އެވެ. އެ ދެކުޅުންތެރިންގެ ޖާގައަށް ވާދަކުރަމުން އަންނަނީ ސްކޮޓެލެންޑްގެ ހާޓްސް އަށް ކުޅޭ ލޯރެންސް ޝަންކްލެންޑް އެވެ. ޝަންކްލެންޑް ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކޯޗު :ސްޓީވް ކްލާކް

ސްކޮޓްލެންޑް ޓީމުގެ ކޯޗަކީ އެގައުމަށް އުފަން 60 އަހަރުގެ ސްޓީވް ކްލާކް އެވެ. ޕްރޮފެޝަނަލް ފުޓްބޯޅައިގައި ޗެލްސީގައި ވިދާލި ކަނާތު ބެކް ވަނީ ސްކޮޓްލެންޑުގެ ގައުމީ ޓީމަށް ހަ މެޗު ކުޅެފަ އެވެ. އެގައުމުގެ ކޯޗުކަމާ ކްލާކް ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭގެކުރިން އިނގިރޭސި ކްލަބް ވެސްޓް ބްރޮމް އާއި ރެޑިން އަށް އިރުޝާދުދިނެވެ.

ކްލާކްގެ ކޯޗުކަމުގައި ސްކޮޓްލެންޑް ކުޅުނު 53 މެޗުގެ ތެރެއިން 24 މެޗުން މޮޅުވި އެވެ. 12 މެޗުން އެއްވަރުވިއިރު 17 މެޗުން ވަނީ ބަލިވެފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454