ކުޅިވަރު / ޔޫރޯ 2024

ސާޖަރީއެއް ބޭނުމެއް ނުވޭ، އެމްބާޕޭ ދެން އަޅާނީ މާސްކެއް

އެމްބާޕޭގެ ނޭފަތް ފަޅައިގެން ދިޔުމުން ދަނޑުމަތީގައި އޭނާ އަށް ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ

18 ޖޫން 2024 - 13:29

1 comments

ޑުސެލްޑޯފް (ޖޫން 18) – ޔޫރޯގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި ރޭ ހަނި ގޮތަކަށް އޮސްޓްރިއާ އަތުން މޮޅުވި މެޗުގައި، ނޭފަތަށް ލިބުނު އަނިޔާއާ އެކު ވެސް ސާޖަރީއަކާ ނުލައި، މާސްކު އަޅައިގެން އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ، 25، އަށް މުބާރާތް ކުޅެވޭ ގޮތް ވެއްޖެ އެވެ.

ރޭގެ މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް އިދިކޮޅު ޑިފެންޑަރުގެ ކޮނޑުގައި ޖެހި، އެމްބާޕޭގެ ނޭފަތް ފަޅައިގެން ގޮސް، ލޭ އަންނާތީ ދަނޑު މަތީގައި ފަރުވާ ދިނުމަށްފަހު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި މިއާ ގުޅިގެން އޭނާ އަށް މަދުވެގެން 10 ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް އެވަގުތު އޭނާ އަށް ފަތުވާދިން ފްރާންސްގެ މެޑިކަލް ޓީމުން ހާމަކުރި އެވެ.

ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓްތަކަށް ފަހު، އެމްބާޕޭގެ ނޭފަތުގެ ސާޖަރީއެއް ހަދަން ނުޖެހޭނެ ކަމަށް ބުނެ ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފަހުން ބަޔާނެއް ނެރެފަ އެވެ.

އެމްބާޕޭގެ ނޭފަތް ފަޅައިގެން ދިޔައީ އޮސްޓްރިއާ ޑިފެންޑަރު ކެވިން ޑަންސޯ ކޮނޑުގައި ޖެހިފައި.-- ފޮޓޯ: އޭއެފްޕީ

"ޑުސެލްޑޯފް ހޮސްޕިޓަލުގައި ރިއޮލޮޖިކަލް ޓެސްޓްތަކެއް ހެދުމަށް ފަހު އެމްބާޕޭ ވަނީ ފްރާންސް ޓީމާ ގުޅިފައި. އަވަސް ސާޖަރީއެއް ނުހަދައި އޭނާ އަށް ކުރިއަށް އޮތް ދުވަސްތަކުގައި ފަރުވާ ދެވޭނެ. ގައުމީ ޓީމުގެ 10 ނަމްބަރު ޖޯޒީގެ ކުޅުންތެރިޔާ މުބާރާތުގައި ކުޅެން މާސްކެއް ތައްޔާރުކުރާނެ،" ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ބަޔާނުގައި ވެއެވެ.

އެމްބާޕޭ ވެސް ވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާ އެކު، އޭނާ އަޅާނެ މާސްކެއްގެ ޑިޒައިނެއްގެ ހިޔާލު ހޯދަން އޭނާގެ އެކްސް އެކައުންޓުގައި މަޒާޖީ މާނައެއްގައި ސަޕޯޓަރުން ގާތުގައި އަހައިފަ އެވެ.

މާސްކާ ގުޅޭގޮތުން ހިޔާލު ހޯދަން އެމްބާޕޭ ފްރާންސް ބަހުން ކުރި ޓްވީޓް.--

"މާސްކާ ގުޅޭ ހިޔާލެއް އެބަ އޮތްތަ؟" އެމްބާޕޭ އެކްސްގައި ކުރި ޓްވީޓްގައި ލިޔެފައިވެ އެވެ.

އެމްބާޕޭ އަކީ މަޝްހޫރު ކާޓޫން "ޓީނޭޖް މިއުޓެންޓް ނިންޖާ ޓާޓަލް" ގެ ކެރެކްޓާއަކާ ވައްތަރުކަމަށް ގިނަބަޔަކު ގަބޫލުކުރާ ކުޅުންތެރިއެކެވެ. އަދި އެފަދަ މާސްކުތަކެއް އަޅުވައިގެން އެމްބާޕޭގެ ފޮޓޯތަކެއް އެޑިޓް ކޮށްގެން ގިނަ ބަޔަކު ދަނީ ސޯޝަލްމީޑީއާގައި އާއްމު ކުރަމުންނެވެ.

މީގެ ކުރިން އެމްބާޕޭ ޕީއެސްޖީގައި ކުޅުނު މެޗަކަށް ފަހު ޗޭންޖިން ރޫމް ތެރޭގައި އޭނާގެ ޓީމްމޭޓުން ވެސް ވަނީ މަޖަލަކަށް އެމްބާޕޭ ލައްވައި، ނިންޖާ ޓާޓްލްއެއްގެ މާސްކު އަޅުވައިފަ އެވެ.

ރޭގެ މެޗުގައި ފްރާންސް މޮޅުވީ އެމްބާޕޭގެ ހުރަހެއް އިދިކޮޅު ކުޅުންތެރިޔާ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަން ގޯލުންނެވެ.

ފީފާ ވޯލްޑް ކަޕާއި ޔޫއެފާ ނޭޝަންސް ލީގުގައި ވެސް އޭނާގެ ޖާދޫ ދައްކާލާފައިވާ އެމްބާޕޭ އަށް އަދި މިހާތަނަށް ޔޫރޯ މުބާރާތުގައި ގޯލެއް ޖެހިފައެއް ނުވެ އެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތުގެ ގަދަ 16 އިން ފްރާންސް ކެޓީ، ޕެނަލްޓީ ޝޫޓައުޓްގައި އެމްބާޕޭގެ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.

މިއަހަރުގެ ޔޫރޯގެ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހުގެ ރޭ 12 ޖަހާއިރު ފްރާންސް ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 9 ޖަހާއިރު ޕޮލެންޑާ ދެކޮޅަށް ނުކުންނާނެ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަޑަ

18 June 2024

ފްރާންސް މިފަހަރު އެންމެ ކަޑައީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454