ކުޅިވަރު / ޔޫރޯ 2024

ރޮނާލްޑޯ އޮފްސައިޑް ވިޔަސް މައްސަލައެއް ނެތް، ޕޯޗުގަލް މޮޅުވެއްޖެ

ކޮންސިސާއޯ (ކ)، ޕޯޗުގަލް މޮޅު ކޮށްދިން ގޯލަށް ފަހު ރޮނާލްޑޯ (ވ) އާއެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

19 ޖޫން 2024 - 03:00

1 comments

ލައިޕްޒިގް (ޖޫން 19) - މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ކުޅެން އެރި ފޯވާޑް ފްރެންސިސްކޯ ކޮންސިސާއޯ ކާމިޔާބުކުރި ގޯލާއެކު ފަހަތުން އަރައި ޕޯޗުގަލް އިން 2-1 އިން ޗެކް ރިޕަބްލިކް (ޗެކިއާ) ބަލިކޮށްފި އެވެ.

ޕޯޗުގަލް އިން ޗެކިއާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލެއް ނުޖެހި އުޅެނިކޮށް އެޓީމުން ވަނީ 62 ވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. ލޫކަސް ޕްރޮވޮޑް ޗެކިއާ އަށް ގޯލު ޖަހަން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކީ އެޓީމުން މެޗުގައި ގޯލާ އަމާޒުކޯށް ފޮނުވާލި ހަމައެކަނި ހަމަލާއެވެ.

އޭގެ ހަތް މިނިޓު ފަހުން ޕޯޗުގަލް ނަތީޖާ އެއްވަރުކުރީ ޗެކިއާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޯޅަ ނޫނޯ މެންޑޭޒް ބޮލުން ގޯލު ކުރިމައްޗަށް ހުރަސް ކޮށްލުމުން ޗެކިއާގެ ކީޕަރު ބޯޅަ އަތަށް ނަގަން އުޅެނިކޮށް ގޯލަށް ވަނީ ޑިފެންޑަރު ރޮބިން ރާނަކް ފައިގައި ޖެހިފަ އެވެ.

ޕޯޗުގަލް އިން އެއްވަރު ކުރި ގޯލަށް ފަހު ޕެޕޭ (3) އާއި މެންޑޭޒް (19) އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ޑިއޯގޯ ޖޮޓާ ވަނީ ލިބުނު ފުރުސަތެއްގައި ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. ޖޮޓާ ބޯޅަ ގޯލަށް ފޮނުވާލީ، އޭރިއާ ތެރެއިން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ފޮނުވާލި ބޯޅައެއް ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު އެވެ. މިއާ އެކު ޕޯޗުގަލް އަށް ލީޑު ލިބުނީ ކަމަށް ހީކޮށް ޓީމު އުފާފާޅު ކުރި ނަމަވެސް "ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ" އިިން ވަނީ ރޮނާލްޑޯ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން ކުޅެން އެރި އުމުރުން 21 އަހަރުގެ ފޯވާޑް ކޮންސިސާއޯ ގޯލު ޖެހީ، އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި، ޕެޑްރޯ ނެޓޯ ތަނަވަސް ކުރި ފުރުސަތަކުންނެވެ. ކޮންސިސާއޯ އާއެކު ކުޅެން ނުކުތް ނެޓޯ ތިރިތިރިން ދިން ބޯޅަ، ޗެކިއާގެ ޑިފެންޑަރު ރާނަކް ހުއްޓުވި ނަމަވެސް، ކޮންސިސާއޯ ވަނީ ގޯލު ކުރިމަތީ ހުއްޓިފައި އޮތް ބޯޅަ، އިދިކޮޅު ކީޕަރަށް ފުރުސަތު ނުދީ އެއްފަހަރުން ގޯލަށް ފޮނުވާލައިފަ އެވެ.

މިއީ، މިއަހަރު ގައުމީ ޓީމަށް ކުޅެން ފެށި ކޮންސިސާއޯ، ސީނިއާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ކޮންސިސާއޯ ގޯލު ޖެހުމަށް ފަހު ޖޯޒީ ބާލައިގެން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު ޕޯޗުގަލް އާއި ތުރުކިޔޭ ވެސް މިވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ ކުރިން ތުރުކިޔޭ ވަނީ 3-1 އިން ޖޯޖިއާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މިއަހަރުގެ ޔޫރޯ މުބާރާތަކީ، ރޮނާލްޑޯ ކުޅޭ ހަވަނަ ޔޫރޯ މުބާރާތެވެ. މިއާ އެކު އުމުރުން 39 އަހަރުގެ ރޮނާލްޑޯ ވެފައި ވަނީ މިހާތަނަށް ޔޫރޯގެ ހަ މުބާރާތެއްގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ހަމަ އެއާ އެކު ޕޯޗުގަލްގެ ވައިސް ކެޕްޓަން، ޑިފެންޑަރު ޕެޕޭ ވެފައި ވަނީ ޔޫރޯ މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މިރޭ ފުލްކޮށް ކުޅުނު ޑިފެންޑަރުގެ އުމުރަކީ 41 އަހަރާއި 113 ދުވަހެވެ އެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ގަދަ 16 ގައި ބެލްޖިއަމް އާ ދެކޮޅަށް އުމުރުން 40 އަހަރާއި 86 ދުވަހުގައި ކުޅުނު ހަންގޭރީގެ ގޯލްކީޕަރު ގަބޯ ކިރަލީ އަތުގަ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯހަލާކު

19 June 2024

ދެލޯފުޅާ ޑިއޯގޯ ޖޮޓާ އެއް ނޫން ޑިއޯގޯ ހޯޓާ. ސްޕެނިޝް، ޕޯޗުގީޒް ގަ މިގޮޮތަށް އޮންނަ ޖޭއަކުރު ކިޔާނީ އެޗްގެ އަޑުން. ހޯޓާ ކިޔާ އިރު ޓީ އަކުރު ކިޔާނީ ޓަވިޔަންޏަށް ވުރެ ލުއިކޮށް އަދި ތާއަށްވުރެ ބަރުކޮށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454