22 ޖޫން 2024 - 23:08
ޑޯޓްމުންޑް (ޖޫން 22) - ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ، ދަނޑުމަތީގައި އޭނާގެ ދީލަތިކަން ދައްކާލައި 3-0 އިން ތުރުކިޔޭ ބަލިކޮށް ޕޯޗުގަލް އިން ޔޫރޯ މުބާރާތުގެ ގަދަ 16 ގެ ޖާގަ ޔަގީން ކޮށްފި އެވެ.
ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، 39، އަށް ލިބުނު ހުސް ފުރުސަތުގައި ބޯޅަ ގޯލަށް ފޮނުވާލުމުގެ ބަދަލުގައި އޭނާ ވަނީ އަރިމަތިން ހުސްވި ބްރޫނޯ ފެނާންޑޭޒް އަށް ޕާސް ދީފަ އެވެ. ފެނާންޑޭޒް ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޕޯޗުގަލްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
ރޮނާލްޑޯގެ މި އެސިސްޓާ އެކު، ރޮނާލްޑޯ ވެފައި ވަނީ ޔޫރޯ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ވެސް އޮންނަނީ އޭނާ އަތުގަ އެވެ. އޭނާ ވަނީ މިހާތަނަށް 14 ގޯލު ޖަހައި، ހަތް އެސިސްޓް ކޮށްފަ އެވެ.
ދަނޑު ބޭރުގައި ވެސް އެކިއެކި ޗެރިޓީތަކަށް ދީލަތި އެހީތެރިކަން ފޯރު ކޮށްދޭ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 895 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ގައުމީ ޓީމަށް ޖަހައިދީފައި ވަނީ 130 ގޯލެވެ.
ޕޯޗުގަލްގެ ފުރަތަމަ ދެ ލަނޑު ޖަހައިފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 21 ވަނަ މިނިޓުގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅައިން ގޯލު ޖެހީ ބެނާޑޯ ސިލްވާ އެވެ. އޭގެ ހަތް މިނިޓު ފަހުން ތުރުކީގެ ޑިފެންޑަރު ސަމަތު އަކައިދިން އަތުން ބައިކޮޅަށް ވަން ގޯލާ އެކު ޕޯޗުގަލް އިން ލީޑު ފުޅާކުރި އެވެ.
ތުރުކީގެ ޒުވާން ތަރި އާޑާ ގުލާ މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެ އެވެ. ކޯޗު ވިންސެންޒޯ މޮންޓެލާ އޭނާ ކުޅެން އެރުވީ ފަހު ވިއްސަކަށް މިނިޓަށެވެ.
ފުރަތަމަ ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ޕޯޗުގަލް އޮތީ ގުރޫޕްގެ އެއްވަނައިގަ އެވެ. ތުރުކީ އަށް ތިން ޕޮއިންޓް ލިބިފައި ވާއިރު، މިރޭ ކުޅުނު ޖޯޖިއާ އާއި ޗެކިއާ އަށް ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ޕޮއިންޓެއް ލިބިފަ އެވެ.
ގުރޫޕް އެފްގެ ފަހު ދެ މެޗު ވެސް ކުޅޭނީ ބުދަ ދުވަހުގެ ރެއެވެ. ޕޯޗުގަލް އާއި ޖޯޖިއާ ބައްދަލު ކުރާއިރު، ތުރުކީ ނުކުންނާނީ ޗެކިއާއާ ދެކޮޅަށެވެ. ދެ މެޗު ވެސް ކުޅޭނީ ރޭގަނޑު 12 ޖަހާއިރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު އިލްހާމް
24 June 2024
ރޮނާލްޑޯ ތަފާތުވާނެ ހަޖަމްވިޔަސް ނުވިޔަސް
ތުނޑުހަސަނު
23 June 2024
ރޮނާލްޑޯ ދީލަތީއެއްނޫން. ކޮންފިޑެންސް ގެއްލިފައިހުރީ. "ދީލަތި" ވެގެން ދިން ޕާސް ދިނުމުގެކުރިން ލިބުނު ފުރިސަތުތައް ގެއްލިގެން ދިޔައިމަ އެނގޭ ކޮންފިޑެންސަށް އަސަރުކޮށްފައިހުރިކަން.
ކެހިދިން މީދާ
23 June 2024
ބުނަން. ބުނާނެ ރަންގަޅު އެއްޗެއް ނެތީއްޔާ ނުބުނުން ރަނގަޅުވާނީ.
ފޮނި ތުނޑުހަސަނު
23 June 2024
ރޮނާލްޑޯ އާ ނުބެހޭ
ސީއާރުސެވަން
23 June 2024
ދީލަތީއެއް ނޫން އެސިސްޓް ރެކޯޑް ހަދަން ވެގެން ޖެހި ޗައްކަރެއް.. ގޯލް ރެކޯޑް މިހާރު ވެެސް ރޮނާ އަތުގަ އޮތީ.. ބޮލުގެ އެއްޗެއް އެއީ.. އެއީ އާދައިގެ ކެނައެއް ނޫނޭ ގަދަ ފޯވަޑެއް..
ފޮނިފޮނިޓައްޕު ކުމާރު
23 June 2024
ދީލަތިންނަށް އެބައިމީހުންގެ ދީލަތިކަމުގެ ނަތީޖާ ލިބޭނެއެވެ.