ކުޅިވަރު / ޔޫރޯ 2024

ނެދަލެންޑްސް ބަލިކޮށް އޮސްޓްރިއާ އަށް އެއްވަނަ، ފްރާންސަށް މޮޅެއް ނުވެވުނު

މެޗަށް ފަހު ފްރާންސްގެ ކެޕްޓަން އެމްބާޕޭ އާއި ޕޮލެންޑްގެ ކެޕްޓަން ލެވަންޑޯސްކީ.-- ފޮޓޯ: އޭއެފްޕީ

25 ޖޫން 2024 - 23:36

ބާލިން (ޖޫން 25) - ވަރުގަދަ ނެދަލެންޑްސް 3-2 އިން ބަލިކޮށް އޮސްޓްރިއާ ގުރޫޕްގެ އެއްވަނަ ހޯދިއިރު، ފްރާންސް އާއި ޕޮލެންޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާ އެކު ގުރޫޕް ޑީގެ ތިންވަނަ އާއެކު ވެސް ނެދަލެންޑްސް އަށް ވަނީ މިއަހަރުގެ ޔޫރޯގެ ގަދަ 16 އިން ފުރުސަތު ލިބިފަ އެވެ. އެއްވަނައަށް ދިޔަ އޮސްޓްރިއާ ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ފްރާންސަށް ފަސް ޕޮއިންޓް ލިބުނުއިރު ނެދަލެންޑްސް އަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

ރަލްފް ރަންގްނިކްގެ ކޯޗުކަމުގައި ކުޅޭ އޮސްޓްރިއާ ވަނީ މެޗުގެ ހަވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. މިއީ ނެދަލެންޑްސްގެ ފޯވާޑް ޑޮންޔެލް މޭލެން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ނެދަލެންޑްސް އެއްވަރުކުރީ ދެވަނަ ހާފު ފެށިގެން ދެ މިނިޓު ތެރޭ ކޯޑީ ގަކްޕޯ ޖަހައިދިން ގޯލުންނެވެ.

މެޗުގެ 59 ވަނަ މިނިޓުގައި އޮސްޓްރިއާ ދެވަނަ ފަހަރަށް ލީޑު ނެގީ ރޮމާނޯ ޝްމިޑްބޮލުން ފޮނުވާލި ބޯޅަ ނެދަލެންޑްސްގެ ޑިފެންޑަރު ސްޓެފާން ޑިވްރޭއި ފައިގައި ޖެހިފައި ވަން ބޯޅައިންނެވެ. އޭގެ 15 މިނިޓު ފަހުން ވައުޓް ވެގޯސްޓް ތަނަވަސް ކޮށްދިން ފުރުސަތަކުން މެމްފިސް ޑިޕާއި ނެދަލެންޑްސް އަށް ނަތީޖާ އެއްވަރު ކޮށްދިނެވެ.

އޮސްޓްރިއާ އިން އަލުން ލީޑު ނެގި ލަނޑު އޭގެ ފަސް މިނިޓު ފަހުން ޖަހައިދިނީ މާސެލް ސަބިޓްޒާ އެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވުނު ޔޫރޯ އަކީ އޮސްޓްރިއާ މި މުބާރާތުގައި ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ. އެ ފަހަރު ވެސް ހިމެނުނީ ނެދަލެންޑްސްއާ އެއް ގުރޫޕެއްގަ އެވެ. ނެދަލެންޑްސް އަތުން ބަލިވެގެން އޮސްޓްރިއާ ނިންމީ އެޓީމުގެ ފަހަތުން، ގުރޫޕްގެ ދެވަނައިގަ އެވެ.

ބާލިން އޮލިމްޕިކް ސްޓޭޑިއަމްގައި ނެދަލެންޑްސް އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު ކުޅެމުން ދިޔަ ވަގުތު ޑޯޓްމުންޑްގެ ބީވީބީ ސްޓޭޑިއަމްގައި ފްރާންސް އާއި ޕޮލެންޑް ބައްދަލުކުރި އެވެ.

ރޮމާނޯ ޝްމިޑް އޮސްޓްރިއާ އަށް އަލުން ލީޑު ނަގައިދިން ވަގުތު ވީ، ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ފްރާންސް އަށް ލީޑު ނަގައިދިން ވަގުތަށެވެ. މިއީ އުސްމާން ޑެމްބެލޭ އަށް ފައުލް ކޮށްގެން ދިން ޕެނަލްޓީއެކެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނޭފަތަށް ލިބުނު އަނިޔާއަށް ފަހު މިއީ ފްރާންސްގެ ކެޕްޓަން އެމްބާޕޭ ކުޅެން ނުކުތް ފުރަތަމަ ފަހަރެވެ. މި މެޗުގައި އޭނާ ފުލް ކޮށް ކުޅުނެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ރޮބާޓް ލެވަންޑޯސްކީ ގޯލު ޖަހައި ނަތީޖާ އެއްވަރު ކޮށްދިނެވެ. ފުރަތަމަ ޕެނަލްޓީ ފޮނުވާލުމުން ފްރާންސްގެ ކީޕަރު މައިކް މައިނާން ދިފާއު ކުރި ނަމަވެސް ވީއޭއާރުން ނިންމީ އަލުން ޕެނަލްޓީ ޖަހުވާށެވެ.

މި މެޗުން ހޯދި ހަމައެކަނި ޕޮއިންޓާ އެކު ޕޮލެންޑަށް ވަނީ މުބާރާތް ނިމިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454