ކުޅިވަރު / އިޓަލީގެ ގައުމީ ޓީމް

ޔޫރޯގެ ނާކާމިޔާބަށް ފަހު އިޓަލީގެ ތަރި ކަލަފިއޯރީ ރާއްޖޭގައި

އިޓަލީގެ ޒުވާން ޑިފެންޑަރު ކަލަފިއޯރީ: އާސެނަލުން އަންނަނީ އޭނާގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުން.

މިހާރު ކުރިއަށްދާ ޔޫރޯގައި ވިދާލި އިޓަލީގެ ޒުވާން ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ މުބާރާތުގެ ނާކާމިޔާބަށް ފަހު ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.

ޗެމްޕިއަން އިޓަލީ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކި ދެ ވަނަ ބުރުން ކެޓިއިރު ސަޕޯޓަރުން ހިތްހަމަޖެހޭ ފަދަ ކުޅުމެއް ދެއްކި މަދު ކުޅުންތެރިންގެ ތެރޭގައި އުމުރުން 22 އަހަރުގެ ކަލަފިއޯރީ ހިމެނެ އެވެ.

ކަލަފިއޯރީގެ ކުޅުން ފެނި ބޮޑެތި ކްލަބްތައް ހިމެނޭހެން އޭނާ ހޯދަން ޝައުގުވެރިއިރު އެ މަސައްކަތުގެ އެންމެ ކުރީގައި މިހާރު އޮތީ އިންގްލެންޑުގެ އާސެނަލް އެވެ.

އާ ކްލަބަށް ސޮއިކުރުމުގެ ކުރިން ހޫނު މޫސުމުގެ ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސް ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް އޭނާގެ ލޯބިވެރިޔާ ވަނީ އިންސްޓަގްރަމްގައި ޕޯސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި ސްނޯކްލިން އަށް ފަހު މާސްކް ހިފައިގެން އަތިރިމަތީގައި ހިނގާލާ މަންޒަރު ހިމެނެ އެވެ.

ރާއްޖެ އަކީ ޒަމާނުއްސުރެ މަޝްހޫރު ގިނަ ކުޅުންތެރިން، ހާއްސަކޮށް އިޓަލީގެ ކުޅުންތެރިން ޗުއްޓީ ހޭދަކުރަން އެންމެ ގިނައިން އަންނަ އެއް މަންޒިލެވެ.

މި ފަހަރުގެ މުބާރާތުގައި ގިނަ ބައެއްގެ ލޮލުގައި ކަލަފިއޯރީ އެންމެ ފުރަތަމަ އަޅައިގަތީ އިޓަލީގެ ކުރީގެ ޑިފެންޑަރުން ކަމަށްވާ ޕައޮލޯ މަލްޑިނީ އާއި އަލެސަންދްރޯ ނެސްޓާ އަދި ފަބިއޯ ކަނަވާރޯއާ އެއްގޮތް ސްޓައިލަކަށް ބޯދިގުކޮށް، ބޮލުގައި އަޅާފައި އޮތް ބޭންޑުގެ ސަބަބުންނެވެ.

ކަލަފިއޯރީ ރާއްޖޭގެ ރިޒޯޓެއްގައި ޗުއްޓީ ހޭދަކުރަނީ. -- ފޮޓޯ: އިންސްޓަގްރަމް

އިޓަލީގެ ރޯމާގެ ޔޫތު ޓީމުން ތަމްރީންވި ކަލަފިއޯރީ ފާހަގަކުރެވުނީ ސްވިޒަލެންޑުގެ އެފްސީ ބަސެލް އަށް މިދިޔަ އަހަރުގެ ސީޒަނުގައި ދެއްކި ކުޅުމުންނެވެ. އޭގެ ފަހުން އޭނާ ނިމުނު ސީޒަނުގައި އިޓަލީގެ ބޮލޯނިއާ އަށް ބަދަލުވެ، ތިއާގޯ މޮޓާގެ ކޯޗުކަމުގައި އެ ޓީމުން ގަދަ ހަތަރެއްގައި ހިމެނި ޗެމްޕިއަންސް ލީގުން ޖާގަ ހޯދިއިރު މޮޅު ކުޅުމެއް ދެއްކި އެވެ.

އެއާ އެކު އިޓަލީގެ ޔުވެންޓަސް އިން އޭނާގެ ސޮއި ހޯދަން މަސައްކަތްކޮށް އޭނާއާ އެކު އެއްބަސްވުމަކަށް ވެސް އަ އެވެ. ނަމަވެސް، ޔުވެންޓަސް އިން މޮޓާ ގެންދިއުމުން ހިތްހަމަނުޖެހިފައި އޮތް ބޮލޯނިއާ އިން ތިބީ ކަލަފިއޯރީ ޔުވެންޓަސް އަށް ވިއްކާލަން ބޭނުންނުވެފަ އެވެ.

އެހެން އެކަން އޮއްވާ ކަލަފިއޯރީ ޔޫރޯގައި ދެއްކި ކުޅުމާ އެކު، އާސެނަލްގެ އިތުރުން އިންގްލެންޑުގެ ޗެލްސީން ވެސް އޭނާ އަށް ބޮޑެތި ހުށަހެޅުންތައް ހުށަހެޅި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކަލަފިއޯރީ ވަނީ އާސެނަލަށް ބަދަލުވާން ބޭނުންވެ އެ ކްލަބާ އެކު، އަހަރަކު ހަތަރު މިލިއަން ޔޫރޯގެ މުސާރައަކަށް އެއްބަސްވެފަ އެވެ. ނަމަވެސް އަދި އާސެނަލަށް ބޮލޯނިއާއާ އެކު އެއްބަސްވުމަކަށް ނާދެވެ އެވެ.

ކަލަފިއޯރީ އިޓަލީގައި ވިދާލީ ސެންޓްރަލް ޑިފެންސްގައި ނަމަވެސް އާސެނަލްގައި މިކޭލް އާޓެޓާ އޭނާ ކުޅުވާނީ ވާތު ބެކަށް ކަމަށް ބެލެވެ އެވެ. އޭނާ އަކީ އެ މަގާމަށް ވެސް މޮޅު ކުޅުންތެރިއެކެވެ.

ކަލަފިއޯރީ އަކީ ދިފާއީ ހުނަރުގެ އިތުރުން ބޯލް ސްކިލްސް ހުރި، ޕްލޭމޭކްކުރަން ވެސް މޮޅު ކުޅުންތެރިއެކެވެ. ޔޫރޯގެ ދެ ވަނަ ބުރަށް ދިއުމަށް، ކްރޮއޭޝިއާ ކޮޅަށް ފަހު ވަގުތު އިޓަލީގެ މަޓިއާ ޒަކާނީ ޖެހި ލަނޑަކީ ވެސް ކަލަފިއޯރީ އުފެއްދި ހަމަލާއެކެވެ. ދެ ވަނަ ބުރުގައި ސްވިޒަލެންޑް އަތުން 2-0 އިން ބަލިވެ އިޓަލީ ކެޓި މެޗަށް އޭނާ ހުރީ ސަސްޕެންޑްވެފަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަކަމޫނުު

07 July 2024

ކެޓި ހުރިހާ ބޭކަލުން މިކޮޅަށް އާދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454