ތިންވަނަ ހޮވި މެޗުގައި ބަންގްލަދޭޝް ބަލިކުރުމަށް ފަހު، މިއީ ޒުވާން ޓީމުން ބައިނަލްއަގުވާމީ ލެވެލްގައި ހޯދި ފުރަތަމަ ކާމިޔާބީ.-- ފޮޓޯ: ސިޑިބަރި
14 ޖުލައި 2024 - 11:12
ފީބާ 18 އަހަރުން ދަށުގެ އޭޝިއާ ކަޕްގެ ސާބާ ކޮލިފައިންގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ފިރިހެން ބާސްކެޓްބޯޅަ ޓީމު، 59-57 ޕޮއިންޓުން ބަންގްލަދޭޝް ބަލިކޮށް ތިން ވަނަ ހޯދައިފި އެވެ.
ސްރީ ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗަށް ފަހު ރާއްޖެއަށް ބްރޯންޒް މެޑަލް އާއި ޓްރޮފީ ހަވާލު ކޮށްފައި ވާއިރު، މިއީ ޒުވާން ޓީމުން ބައިނަލްއަގުވާމީ ލެވެލްގައި ހޯދި ފުރަތަމަ ކާމިޔާބީ އެވެ.
މުޅި އެކު ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ލީގު ބުރުގައި ވެސް ރާއްޖޭން ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކުރީ 66-55 އިންނެވެ. އެއީ ޒުވާން ޓީމު ހޯދި ބައިނަލްއަގުވާމީ ފުރަތަމަ މޮޅެވެ.
އެ މެޗަށް ފަހު ލީގު ބުރުގައި އިންޑިއާ އަތުން 44-117 އިން ބަލިވިއިރު ނޭޕާލް އަތުން ބަލިވީ 76-102 އިންނެވެ. މިއާ އެކު ލީގު ބުރުވެސް ނިންމާލީ ތިން ވަނައިގައި އޮވެގެންނެވެ.
ކޯޗު މުހައްމަދު ޒިލާލް (ޒިލާ)ގެ އިރުޝާދުގެ ދަށުން ކުޅުނު ޒުވާން ޓީމުގައި ހިމެނުނު ޓީމުގެ ކެޕްޓަނަކީ މުހައްމަދު އައިކް ވަޖީހު އެވެ.
ޒުވާން ޓީމުގައި ދެން ހިމެނުނު ކުޅުންތެރިންނަކީ، އައިކް އަހުމަދު މައުރޫފް، މުހައްމަދު ނާފް އިރުޝާމް، އަލްދާން އައިކް ރަމީޒް، ކައިލް އަބްދުﷲ ނަޝީދު، މުހައްމަދު އައިދިން އަހުމަދު، އަހުމަދު ލީމް ހުސެއިން ޝިފާއު، އިސްމާއިލް ޒުއިޒް މުހައްމަދު، ލަޔާން އަހުމަދު ޝަމީލް، މުހައްމަދު ކައިފް ޝަހްރާން، އަބްދުﷲ އަލާން އިރުފާން އަދި އިބްރާހިމް ނައުހާން ނާއިޒް އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އިއްޔެ 87-62 އިން ސްރީ ލަންކާ ބަލިކުރި އިންޑިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދފގވދ×ގވފ
16 July 2024
ރާއްޖެ ބައިވެރިވ ާކޮންމެ މުބާރާތެއްގަވެސް ރާއްޖެއަށް ލިބޭނީ ތިންވަނަ. ހޭންޑްބޯލް ގަ ތިންވަނަ، ބާސްކެޓްގަ ތިންވަނަ ފުޓްބޯޅައިގަ ތިންވަނަ، ވޮލީގަ ތިންވަނަ.... ދެން ރަނަގަޅު ހަތަރު ޓީމް ބައިވެރިވާއިރު ފަހަތުން ދެވަނަ ލިބޭކަންވެސް