ކުޅިވަރު / ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީ

ބޮޑެތި މައްސަލަތައް އެއް ފަރާތުގައި، މެމްބަރުންގެ ޝަކުވާ ޓާފްކޮޅަކާ ގުޅިފައި

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން އިއްޔެ ގާތްގަނޑަކަށް ގަޑިއެއްހާ އިރު ހޭދަ ކުރެއްވި އެވެ.

މަޖިލީހުގެ ތަޅުމަށް މިނިސްޓަރު ހާޒިރު ކުރެއްވީ ކޮންމެވެސް ރަށެއްގައި ޓާފް ދަނޑުގެ މަސައްކަތް ނުފެށިފައި އޮތުމުންނެވެ. މެމްބަރުންގެ ސުވާލުތައް ފެށްޓެވީ ވެސް ހަމަ ޓާފްކޮޅެއްގެ ސުވާލަކުންނެވެ. ސުވާލުތައް ނިންމާލީ ވެސް ހަމަ ޓާފް ކޮޅަކާ ހަމައިންނެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ފުނިޖެހިފައި ހުރި ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. އެކަމަކު އެއިން މައްސަލައަކާ ގުޅޭ ގޮތުން ސުވާލެއް ކުރައްވާނެ މެންބަރަކު ނުވި އެވެ. ކުޅިވަރުގެ އޮޅުން ބޮޅުން ވެފައިވާ ނިޒާމެއް ރިފޯމްކުރުމުގެ ސުވާލުތަކެއް މިނިސްޓަރާ ކުރިމަތި ނުކުރައްވަ އެވެ. ރާއްޖޭގެ ދެ އެސޯސިއޭޝަނެއް ހިންގުން ހުއްޓި އެތުލީޓުންނާއި ކްލަބްތައް މަގުމަތިވާ ހިސާބަށް ގޮސްފައިވާ އިރު އެ ސުވާލުތަކެއް ނާއްސަވަ އެވެ. ކުޅިވަރުގެ ތެރޭގައި އޮތް ތާފަތުކުރުންތަކާއި ބޭއިންސާފުގެ މައްސަލަތައް ކޮބާ ހެއްޔެވެ؟ މިއިން އެއްވެސް މައްސަލައެއް މެންބަރުންގެ ފަރާތުން ފެންމެތި ނުކުރައްވަ އެވެ. އަބަދުވެސް ދާއިރާގެ މިވެނި ރަށަކަށް ޓާފް ކޮޅެއް ނުލިބިގެން އެ ޝަކުވާ އެވެ.

ކުޅިވަރުގެ މައްސަލަތަކާ މެދު މަޖިލިސް މެންބަރުންގެ ކަންބޮޑުވުން މިހާ ހަނިވެފައިވުމުން، ސްޕޯޓްސް މެނޭޖްމެންޓް ދާއިރާގެ ތަޖުރިބާކާރު ހުސައިން މުހައްމަދު ސިފަ ކުރި "ރަބަރު ޓާފަކާއި ގޯލް ދާގަނޑަކަށް އެކަނި މެންބަރުން ފުދިފައި ތިބުން" ކަހަލަ ގޮތަކަށެވެ.

"މިދިޔަ ދައުރުގައި ވެސް ވަޒީރު ވެސް މެންބަރުން ގެންގޮސްފައި ހައެއްކަ ބޯޅަ ދީފަ އެ މެންބަރުން ހެއްވަން ނެރެފެ ތިބެނީ. މިއީ އަހަރެމެންގެ ސިޔާސީ މީހުންގެ ލެވަލްއަކީ،" ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން އެންމެ ފަހުން ކުރެއްވި ހުސައިން ވިދާޅުވި އެވެ.

"އޭނާ (މަޖިލީހުގެ މެންބަރުގެ) ކޮންސާން އަކީ އޭނަގެ ވިސްނުމަކީ އޭނާގެ ދާއިރާގެ ރަށުގައި އޮންނަ ދަނޑު ނިމިއްޖެތޯ ބެލުން އެކަނި ކަމަށްވެއްޖެ."

"މިހާރު" ގެ އިންޓަވިއު އަށް ފަހު ސޯޝަލް މީޑިއާގައި ހުސައިން ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މާލެ އަށް ބަރޯސާ ވެފައި އޮތް ކުޅިވަރުގެ ނިޒާމު ލާމަރުކަޒު ކުރުމަށް މެންބަރުންނަށް މުހިންމު ދައުރެއް އަދާކުރެއްވެވި ދާނެ ކަމަށެވެ.

"މަޖިލީސް މެމްބަރުން ނަށް އެބޭފުޅުންގެ ދާއިރާގެ ޒުވާނުންނާއި ކުޅިވަރާ ގުޅޭ ކަންކަމުގައި ދެކެވޭ ތަސައްވަރުގެ ސައިޒަކީ ރަބަރު ޓާފަކާއި ގޯލު ދާގަނޑެއްތޯ؟،" ސުވާލު އުފައްދައި ހުސައިން ސޯޝަލް މީޑިއާގައި ލިޔުނެވެ.

އޭނާ ވިދާޅުވީ މިދިޔަ ދައުރުގައި ވެސް ފެނުނީ އެ މެންޒަރު ކަމަށެވެ. މެއި މަހު ހުވާ ކުރެއްވި މިހާރު މަޖިލީހުން ކުޅިވަރުގެ މައްސަލަތަކުގައި ފުޅާކޮށް ވިސްނެވުމަށް، ކުޅިވަރުގެ ހިންގުމުގެ ދާއިރާއިން މާސްޓާސް ހާސިލުކޮށްފައިވާ ހުސައިން އެދިވަޑައިގެންނެވި އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު، އިއްޔެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: މިނިސްޓަރާ ގިނައިން ސުވާލު ކުރީ ޓާފް ދަނޑުތަކާ ބެހޭގޮތުން

"ކުޑަކުޑަ އިދާރީ ކަމެއް ނަގަމާބަހީ - ގައުމީ ކުޅިވަރުތަކުގެ އިދާރީ ހިނގުން މާލެއަށް މަރުކަޒު ކުރެވިފައި މިއޮތް ނިޒާމަށް ބަދަލެއް ގެނެވޭނެ ގާނޫނީ ހައްލެއް ނިކަން ތައާރަފް ކޮށްލަދެއްވާ. ގަބޫލު ކުރައްވާ! އޭރުން ތަފާތު ފެންނަން ފަށާނެ. ނަތީޖާއަށް، އަވަސް، ރަނގަޅު ބަދަލުތައް ފެންނަން ފަށާނެ. ޒުވާނުން ރުހޭނެ. ގިނަ ރައްޔިތުން ގަޔާވާނެ. އޭރުން ޓުވީޓުތައްކޮށް ހަދާނީ އެވެރިން [އެ ރައްޔިތުން] އަމިއްލައަށް."

މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ގައުމީ މައްސަލަތައް އެއްފަރާތްކޮށް މެންބަރުންގެ ދާއިރާއާ ގުޅޭ ސުވާލުތައް އަމާޒުކުރެއްވުމަކީ ގާނޫނުއަސާސީއާ ބީރައްޓެހި ސިފައެއް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދާއިރާއަކުން އިންތިހާބުވެގެން އައި މެންބަރެއް ކަމަށް ވިޔަސް، އެ މެންބަރެއްގެ އެންމެ އިސް ކަންބޮޑުވުމަކަށް ވާން ޖެހޭނީ ގައުމީ ފެންވަރުގައި ހުރި މައްސަލަތައް ކަމަށެވެ.

"ވަރަށް ނެރޯކޮށް ވިސްނަވާތަން ފެންނަނީ. އެ މީހުންގެ ދާއިރާ ނޫން ތަނެއް އެ މީހުންނަކަށް ނުފެނޭ. މި މީހުންނަކަށް ނުފެނޭ ގައުމެއް. ރާއްޖެ ފެންނަ މެންބަރަކު ދެން ނެތޭ ބުންޏަސް ރަނގަޅު ވާނެ،" އާޒިމް ވިދާޅުވި އެވެ.

ކުރިން ފުޓްބޯޅަ ކުޅުއްވައި އަދި ކްލަބް ހިންގަވައި ފަހުން އެފްއޭއެމްގެ ރައީސްކަން ވެސް ކުރެއްވި އާޒިމް ވިދާޅުވީ ކުޅިވަރުގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކަވާނެ މެންބަރަކު ނުވުމަކީ ދެރައެއް ކަމަށެވެ.

"ކުޅިވަރުގެ ތި ވާހަކައިގައި ބުނަން ޖެހޭނީ ރާއްޖޭގެ ކުޅިވަރާ މެދު ވާހަކަ ދައްކާނެ އެންމެ މީހަކު ވެސް (މަޖިލީހުގައި މިހާރު) ނެތޭ. ހުރި ނަމަ މުޅި ރާއްޖޭގެ ކުޅިވަރާ ބެހޭގޮތުންނޭ ވާހަކަ ދައްކަވާނީ. އެ މީހުން ވަރަށް ހަނިކޮށް ދެކެނީ ކޮންމެ މައްސަލައެއްގައި ވެސް. ވަރަށް ހިމަ ކުޑަ ތަންކޮޅެއް އެ މީހުންނަށް ފެންނަނީ. އޭގެ ބަދަލުގައި ރައްޔިތުން މަޖިލީހަށް ހޮވޭ މެންބަރުން ވިސްނަން ޖެހޭނެ ކޮންމެ ކަމެއްގައި ވެސް ވާހަކައެއް ދައްކާއިރު (އެކަމަކީ) މުޅި ރާއްޖެ އަށް އެންމެ ފައިދާކުރާ ގޮތް ތޯ. (އެކަމަކު) ތިމަންނަ އަށް ތިމަންނަގެ ދިރިއުޅޭތަނަށް އެކަނި ފައިދާވާގޮތަށް ވާހަކަ ދައްކާ މީހުން މިހާރު ފެނިގެން މިދަނީ."

ކުޅިވަރު އިސްލާހު ކުރުމުގައި މަޖިލީހުގެ ދައުރު ހަނިކޮށް ފެންނާތީ އެކަމާ ކަންބޮޑުވެ ކުޅިވަރުގެ ވަރަށް އިސް މަގާމެއް ކުރިން އަދާކުރެއްވި ބޭފުޅަކު ވިދާޅުވީ މި ހުރިހާ މައްސަލަތަކެއް ދިމާވެގެން އުޅެނީ ކުޅިވަރުގެ ކަންކަމަށް ވެސް ސިޔާސީ ހައްލު ހޯދަން އުޅޭތީ ކަމަށެވެ.

"ކުޅިވަރަށް ހޯދަން ޖެހޭނީ ކުޅިވަރުގެ ހައްލެއް،" ނަން ހާމަކުރައްވަން ބޭނުން ނުވެ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

"އޭގެ މާނައަކީ އެތާ އެމްޕީއެއް [މެންބަރެއް] ބޭނުން ވެގެން އެދާގޮތަށް ގޮސް ފުޓްބޯޅަ ދަނޑެއް އެތާ އެޅީމަކަ ކަމަކުނުދާނެ. އެއީ ސިޔާސީ ހައްލު. ފުޓްބޯޅަ ކުރިއަރުވަން އަހަރެމެން ބޭނުން ވަނީ ކިހިނެއްތޯ ބަލައި ފުޓްބޯޅަ އަށް އެންމެ ބޭނުންވާ ދަނޑު އެންމެ ބޭނުންވާ ރަށުގައި އަޅާނީ. ހޭންޑްބޯޅަ އަށް އަޅާނީ ހޭންޑްބޯޅަ އަށް އެންމެ ބޭނުންވާ ކޯޓު. އެކަމަކު މިއޮތް ހުރިހާ ދުވަހު ވެސް މިއޮތީ އަދި މިހާރު ވެސް ހޯދަން މި އުޅެނީ ސިޔާސީ ހައްލު. ސިޔާސީ ހައްލަކުން ކުޅިވަރަކަށް ހައެލެއް ނާންނާނެ،"

އޭނާ ވިދާޅުވީ މައްސަލަތަކުގައި އެސޯސިއޭޝަންތައް އެކަނި ކުށްވެރި ކުރެވެން ނެތް ކަމަށެވެ. ރާއްޖޭގައި ކުޅިވަރު ހިންގަން އޮތް ނިޒާމު މާ ދޯހަޅި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަންކަން އިސްލާހު ކުރުމުގައި މަޖިލީހުގެ ދައުރު ބޮޑުވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މަޖިލީހުގައި، މިނިސްޓަރު ރާފިއު އިއްޔެ ވިދަޅުވި އެއް ވާހަކަ އަކީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރުގެ ގޮތުގައި ފުޓްބޯޅަ ދެމިއޮންނާނެ ވާހަކަ އެވެ. އެކަމަކު އެކަން ކުރާނެ ގޮތެއް ވިދާޅެއް ނުވެ އެވެ. އެ ސުވާލުތަކެއް ވެސް މެންބަރުން ނުކުރައްވަ އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގައި ބައިވަރު މައްސަލަތައް އެބަ ހުރި ކަމަށެވެ. އެ ކަންބޮޑުވުންތައް ފާހަގަނުކޮށް ދާއިރާގެ އައުޓްޑޯ ޖިމްގައި ހުރި ކޮންމެސް އެއްޗެއް ހަލާކުވެފައި ހުރުމުން ހަމައެކަނި އެ ވާހަކަ ދައްކާ ބަޔަކަށް މެންބަރުން ވެގެން ކުޅިވަރުގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޖިލީހުގައި ތިބި އިރު ވެސް ސްޕޯޓްސް މިނިސްޓަރު ވަޑައިގަންނަވާ ދުވަހެއް ވެއްޖެއްޔާ ގިނަ މެންބަރުން އައްސަވާނީ އައުޓްޑޯ ޖިމްގައި ހުރި އެކިޔުޕްމެންޓެއްގެ ކޮންމެ ވެސް އެއްޗެއް ހަލާކުވެފައި ހުރުމުން އެ ވާހަކަ. ރާއްޖޭގެ ކުޅިވަރުގައި ހުރި ބޮޑެތި މައްސަލަތަކާ ބެހޭގޮތުން ވާހަކަދަކައި ސުވާލުތައް ކުރިމަތި ކުރައްވާނީ ދެތިން މެންބަރަކު،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް މިހާރު ދިމާވެފައި އޮތް ހާލަތަށް އެކަނި ބެލިޔަސް ރާއްޖޭގެ ކުޅިވަރުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އެނގޭނެ ކަމަށެވެ.

"މިއީ ރާއްޖޭގެ އެންމެ ޕޮޕިއުލާ ކުޅިވަރުގެ ވާހަކަ. ފުޓްބޯޅައިގެ އެ މައްސަލަތައް އެކަނި ބެލިޔަސް އެބަ ފެނޭ ރާއްޖޭގެ ކުޅިވަރު ހުރި ބޮޑެތި މައްސަލަތަކެއް. (އޭގެ އިތުރުން) ކޮބާތޯ އެމެޗުއާއިން ސެމީ ޕްރޮފެޝަނަލް އަށް އަދި ޕްރޮފެޝަނަލިޒަމް އަށް ކުޅިވަރު ގެންދާނެ ގޮތަކީ. މުބާރާތަކަށް ހަމައެކަނި ޓީމެއް ފޮނުވާލީމަ ކުޅިވަރު ކުރިއެރުވުނީކީ ނޫން. ކުޅިވަރުގެ ބައިވަރު މައްސަލަތަކެއް އެބަހުރި. އެކަމަކު މިއިން މައްސަލައެއް ފެންމަތިނުކޮށް މި ފެންނަނީ ދާއިރާގެ މެންބަރު އެ ދާއިރާގައި ޕްރޮމޯޓް ވާނެ ސުވާލުތައް ކުރާތަން."

ރާއްޖޭގެ ކުޅިވަރު ރިފޯމް ކުރުމަށް ގެންނަން ޖެހޭ ގިނަ ބަދަލުތަކެއް އެބަހުއްޓެވެ. އެ މަސައްކަތުގައި މަޖިލީހުގެ ބޮޑު ދައުރެއް ވެސް އެބައޮތެވެ. އެކަމަކު ހަމައެކަނި ދާއިރާގެ ރަށުގައި ރަބަރު ޓާފަކާއި އައުޓޯ ޖިމެއް ހޯދަން ސުވާލުކޮށްގެން އެ ދައުރު މަޖިލީހަށް އަދާނުކުރެވޭނެކަމަށް ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެ އެވެ.

9 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޑަހަންޖާ

19 July 2024

ކ.މާލެތެރޭ ކަންމަތީ ޓީމުތަކުގެ ފުޓުބޯޅައިގެ ކަންތައް ބަލަހައްޓާ ޖަމުއްޔާ ފަނިވުމަކީ އެއީ "ގައުމީ" ކަންތައްގަނޑަކަށް ހަދައިގެން އެހެން ރަށްރަށު އެމްޕީން އުޅެންޖެހޭކަމެއްނޫން. "ގައުމީ"، "މޯލްޑިވްސް"، "ނޭސަނަލް" މިކަހަލަ ބަސްތައް ކުރިއަށްލައިގެން ނަންހެދުމަކީ ކ.މާލެތެރޭ ގުރޫޕުގުރޫޕުތަކުން އާންމުކޮށް ކުރާކަމެއް. "ގައުމީ" ޓެނިސް އެސޯސިއޭސަނެއްވެސް އޮންނަނީތާ.

The name is already taken The name is available. Register?

ކައުންސެލަރު..

18 July 2024

މިހާރު މަޖިލީހުގައި ތިބިމީހުން ވަކި ރަނގަޅު ކުރަނީކީނޫން/ ގޯސްކުރަނީކީވެސްނޫން. އެކަމަކު އެމެމްބަރުންގެ ވާހަކަ ބާއްވަމާބަހީ،. ކަން މިހިސާބަށް އައިއިރު ކަންވެފައި ހުރިގޮތް ވިސްނަމާބަހީ. ޢަލީ އާޒިމް އަކީ އެފްއޭއެމް ހިންގެވި ކުރީގެ ވެރިއެއް. ކަންކަން ބޮއްސުންލާންފެށިއިރު ޢާޒިމް ކުރެއްވީކީއް؟ މިދިޔަ ދައުރުގައި މަޖިލީހުގެ މެމްބަރަކަށްވެހުރެ "ޓާފު ކޮޅެއް"ގެ ބަދަލުގައި ސިސްޓަމް ރަނގަޅުކުރަން ޢާޒިމަށް ކުރެވުނީ ކީއްބާ ފުޓުބޯޅައަށް ތިހާ "ލޯބި" ހުރިއްޔާ؟

The name is already taken The name is available. Register?

އިހްސާސް

18 July 2024

ބަލަ ރަށްރަށުގެ ރައްޔިތުމީހުން ތިޔަ ބުނާ ޓާފު ދަނޑުގެ ވާހަކަ ދައްކާނެ. އެއީ އެމީހުންނަށް ކުޅިވަރުކުޅެލަން ލިބޭ ކިރިޔާވެސް ރަގަޅު ދަނޑަކީ. ތިޔަބުނާ އެސޯސިއޭޝަންތައް ހުރެގެން ރަށްތަކަށް އަޅާލިބާ؟

The name is already taken The name is available. Register?

އަލީި

18 July 2024

އުޑެއްބުޑެއް ނުދަންނަ ސިޔާސީމިހުން. ކޮންމެސް ކޮލިޓީއެއް މިމީހުނަށް އެޕްލައިކުރަންއެބަޖެހޭ.

The name is already taken The name is available. Register?

އެދުރު1

18 July 2024

ހަމަ އަސްލުވެސް މި މަޖްލިސް އެބަޖެހޭ ޤާނޫނު އަސާސީ ހަދާ މަޖްލިސްއަކަށް ހަދަން. މި މަޖްލިސް އުވާލާފައި ޤާނޫނީ ދާއިރާއިން މަތީތައުލީމް ހާޞިލްކޮށްގެންތިބި 15 ވަރަކަށް ދިވެހިންނާއި ސިންްގަޕޫރާއި އަރަބި އިސްލާމީ ޤައުމުތަކުން ރިޓަޔަރ ކޮޮށފައި ތިބި ފަސްވަރަކަށް ވަކީލުން ހޯދައިގެން ޤާނޫނު ހެދުމަށް ހަވާލު ކުރުމުން ކޮރަޕްޝަން މަދުވެފައި މިބޮޑު މަޖިލީހަށް ކުރަމުންދާ ބޭކާރު ބޮޑު އިސްރާފު ހުއްޓާލެވޭނެ

The name is already taken The name is available. Register?

ތުރާ

18 July 2024

ކުޅިވަރާބެހޭގޮތުން ކުރީގެ މެމްބަރުން ސުޕަމެޖޮރިޓީގައި ކުރެއްވި ކަމެއްނެތި މިއަދު މިހެނޭއެހެނޭ ކިޔާކަށް ވަކި ތާހިރުތޯ؟؟

The name is already taken The name is available. Register?

ދާއިރާގޭ މެންބަރު

18 July 2024

އަމިއްލަރަށުގައި ފެނާނަރުދަމާ 5 އަހަރުވަންދެން ކޮނެލަކޮނެލާއޮތީ ކީއްވެތޯ އަހާންނުކެރި ފުޓުބޯޅައޮތީ ވައްކޮށް ކީއްވެހޭ މިއަހަނީ މިނިސްޓަރު ހާޒިރުކޮށްގެން.

The name is already taken The name is available. Register?

އިސްމާލި

18 July 2024

ދެން ވިސްނަވާ ގައުމުގެ ބައިތުލް މާލާ، ސިއްހީ ނިޒާމާ އެހެނިހެން ކްރިޓިލަލް އަދި ޓެކްނިކަލް ކަންތަކާ ދޭތެރޭ މެންބަރުން ގެ ވިސްނުން ހުންނާނެ ކޮށިކަން.

The name is already taken The name is available. Register?

ސެރީސޯރާ

18 July 2024

މައުރޫފް ޒާކިރަށް މުހިއްމު ސުވާލަކަށް ވީމަ ދޯ އެ ސުވާލުކުރަން ގެންދާނީ. މެންބަރުންގެ މައްސަލައެއް އޮތް ކަމަށް ނުދެކެން. ރައްޔިތުން ވޯޓު ލައިގެން މޮޔައިން ހޮވުމަކީ ރައްޔިތުންގެ މައްސަލައެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454