އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އިބާދުﷲ ދުވަނީ. -- ފައިލް ފޮޓޯ: އެމްއޯސީ
03 އޯގަސްޓް 2024 - 18:54
ޕެރިސް އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި، ދެ ވަނަ ބުރަށް ނުދެވުނު ނަމަވެސް ދެއްކުނު ޕާފޯމަންސާ މެދު ހިތްހަމަޖެހޭ ކަމަށާއި، މިފަދަ އިތުރު ފުރުސަތުތަކަށް އުއްމީދުކުރާ ކަމަށް، އެ އިވެންޓުގައި މިއަދު އަމިއްލަ ރެކޯޑްއާކުރި ރާއްޖޭގެ އިބާދުﷲ އާދަމް ބުނެފި އެެވެ.
ޕްރިލިމިނަރީ ބުރުގެ ހަތަރު ވަނަ ހީޓުގައި ވާދަކޮށް އިބާދުﷲ 10.55 ސިކުންތުން ދުވިއިރު އޭނާ ދިޔައީ ހީޓުގެ ފަސް ވަނަ އަށެވެ. މި ހީޓުން ކޮލިފައިވީ 10.26 ސިކުންތުން ދުވި ހައިޓީގެ ކްރިސްޓަފާ ބޮރްޒޯރް އާއި، 10.31 ސިކުންތުން ދުވި އެންގޯލާގެ މާކޯސް ސަންޓޯސް އާއި، 10.44 ސިކުންތުން ދުވި ކޮމޮރޯސްގެ ހަކީމް މާރޫފޫ، އަދި 10.51 ސިކުންތުން ދުވި އިރާގުގެ ތާހާ ހުސެއިން ޔާސީން އެވެ.
އިބާދުﷲގެ ކުރީގެ ރެކޯޑަކީ 10.61 ސިކުންތެވެ. އޭނާ މިއަދު މި ހޯދީ 0.06 ސިކުންތުގެ ކުރިއެރުމެކެވެ. މި އިވެންޓުގެ ގައުމީ ރެކޯޑަކީ، ހަސަން ސާއިދު ހަދާފައިވާ 10.33 ސިކުންތުގެ ރެކޯޑެވެ.
އިބާދުﷲގެ ބުނީ އަމިއްލަ ރެކޯޑް އާކޮށް، ހީޓުގެ ފަސް ވަނައިގައި ނިންމުމުން، އޭނާގެ އަލަތު އޮލިމްޕިކްސްގެ ޕާފޯމަންސާ މެދު ހުރީ ހިތްހަމަޖެހިފައި ކަމަށެވެ.
"މި ފެންވަރުގައި ވާދަކުރުމަށް ކުރިމަގުގައި އިތުރު ފުރުސަތުތަކަށް އުއްމީދުކުރަން،" ޖެމެއިކާގައި ތަމްރީން ހަދާފައިވާ ދުވުންތެރިޔާ ބުންޏެވެ.
"އާއިލާ އާއި ހުރިހާ ކޯޗުންނަށް ޝުކުރު އަދާކުރަން ހާއްސަކޮށް، ސްޕްރިންޓެކް ޓްރެކް ކްލަބުގެ ޓީމާއި ކޯޗު މައުރީސް ވިލްސަން އަށް."
ރާއްޖޭގެ ޖޫނިއާ 100 މީޓަރު ދުވުމުގެ ރެކޯޑް ވެސް ހަދާފައިވާ އިބާދުﷲ ރާއްޖޭގެ އޮލިމްޕިކްސްގެ ދުވުމުގެ ޖާގަ ހޯދީ ރޭންކިންގެ އެއް ވަނަ ހޯދައިގެންނެވެ. އޭނާ އެ މަގާމު ހޯދީ އެންމެ ފަހުގެ އޮލިމްޕިކްސްގައި ދުވި ސާއިދު ފަހަތަށް ޖައްސާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަސް
04 August 2024
ކުޅިބަލަން ގޮސް ތިބި މީހުަނަށް ދިޔައީ ހީޓްގެ 6 ވަނައަށް،
ސައިނީސް
03 August 2024
މަރުހަބާ އިބާދުﷲ ، ފަހެއް ނުބަލާ މަސައްކަތް ކުރަންވީ ، އޭރުން ކުރިމަގު އުޖާލާ ވާނެކަން ޔަޤީން