"އަނުޕާމާ"ގެ ލީޑު ރޯލުތައް ކުޅޭ ރުޕަލީ ގަންގުލީ އާއި ގޯރަވް ކަންނާ.
28 އޯގަސްޓް 2024 - 06:07
ސްޓާ ޕްލަސްގެ މަގުބޫލު ޑްރާމާ "އަނުޕާމާ"ގެ ލީޑު ރޯލުތައް ކުޅޭ ރުޕަލީ ގަންގުލީ އާއި ގޯރަވް ކަންނާ އެ ޑްރާމާ ދޫކޮށްލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.
ރުޕަލީ އާއި ގޯރަވް އެ ޑްރާމާ ދޫކޮށްލަން އުޅޭ ކަމަށް މިފަހުން ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ނަމަވެސް، "އަނުޕާމާ"ގެ ޕްރޮޑިއުސަރު ރަޖަން ޝާހީ މިހާރު ވަނީ އެ ޚަބަރުތައް ދޮގުކޮށްފަ އެވެ. އަދި އެ ކަހަލަ ވާހަކައެއް ނުދެކެވޭ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ މީޑިއާތަކަށް ދީފަ އެވެ.
"ތުންތުން މަތިން މި ކަހަލަ ވާހަކަތައް ފެތުރޭ ގޮތެއް ނޭނގޭ،" ރަޖަން ބުންޏެވެ.
"މިއީ ހަމަ ދޮގު ވާހަކަތަކެއް. ގޯރަވް އާއި ރުޕަލީ މި ޝޯ ދޫކޮށްނުލާނެ އަދި މި ޑްރާމާއަށް އެމީހުންގެ ކެރެކްޓާ ވަރަށް މުހިންމު."
މި ޑްރާމާގެ ޓައިޓަލް ރޯލު ކަމަށްވާ އަނުޕާމާގެ ރޯލު ކުޅޭ ރުޕަލީ އާއި އަނުޖްގެ ރޯލު ކުޅޭ ގޯރަވްއަކީ މި ޑްރާމާ ބަލާ މީހުންގެ މެދުގައި އެންމެ މަގުބޫލު ދެ ތަރިންނެވެ. އަދި މި ޑްރާމާގެ ބޮޑު ކާމިޔާބީ ވެސް ގުޅިފައި ވަނީ އެ ދެ ތަރިންނާ އެވެ.
ރުޕަލީ އާއި ގޯރަވް އެ ޑްރާމާ ދޫކޮށްލަން ނިންމި ސަބަބެއް ކަމަށް ބަައެއް ނޫސްތަކުން ބުނެފައި ވަނީ މި ޑްރާމާގައި 10 އަހަރުގެ ލީޕެއް ނަގަން އުޅޭތީ އެވެ. އަދި 10 އަހަރު ފަސް ދައްކާއިރު އަނުޕާމާ އާއި އަނުޖްގެ ދަރިފުޅު ބޮޑުވެ، އޭނާގެ ދިރިއުޅުމަށް ޑްރާމާގެ ފޯކަސް ބަދަލުކުރާނެތީ ކަމަށް ވެސް ބައެއް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy