ކުޅިވަރު

މޮންގޯލިއާ އާއި މިޔަންމާ ބަލިކޮށް ރާއްޖޭން ޓީ20 ވޯލްޑް ކަޕް ކޮލިފައިން ނިންމާލައިފި

މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ޓީމްގެ ބައެއް ކުޅުންތެރިން.-- ފޮޓޯ: އައިސީސީ

07 ސެޕްޓެމްބަރ 2024 - 12:19

1 comments

އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ފަހު ދެ މެޗުން މޮންގޯލިއާ އާއި މިޔަންމާ ބަލިކޮށް ރާއްޖޭން އޭޝިއާގެ ސަބް ރީޖަނަލް ކޮލިފައިން ނިންމާލައިފި އެވެ.

އިއްޔެ މޮންގޯލިއާއާ ދެކޮޅަށް ކުޅެ ރާއްޖޭން މޮޅުވީ 117 ލަނޑުންނެވެ. ރާއްޖޭން ހަ ކުޅުންތެރިން ނުބައިވެގެން 178 ލަނޑު ހެދިއިރު، މޮންގޯލިއާ އަށް 19.1 އޯވަރުން ހެދުނީ 61 ލަނޑެވެ.

މި މެޗަކީ ރާއްޖޭން މިހާޓަނަށް އެންމެ ގިނަ ލަނޑު ހެދި ޓީ20 މެޗެވެ. މި މެޗުގައި ރާއްޖޭގެ ޓީމުގެ ގެދަރަ ވިޖެސިންގަ ވަނީ 39 ބޯޅައިން 56 ލަނޑު ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަތަރު ވިކެޓް ނެގި ރާއްޖޭގެ ކެޕްޓަން އަޒްޔާން ފަރުހަތެވެ.

އަޒްޔާން، މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި.-- ފޮޓޯ: އައިސީސީ

ބުރާސްފަތި ދުވަހު ރާއްޖޭން މިޔަންމާ ބަލިކުރީ ފަސޭހަ ކަމާއެކު ނުވަ ވިކެޓުންނެވެ. މިޔަންމާ ފުރަތަމަ ކުޅެން އަރައި 17 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 51 ލަނޑެވެ. ރާއްޖޭން ވަނީ 5.3 އޯވަރުތެރޭ އެއް ކުޅުންތެރިއެއް ނުބައިވެގެން 52 ލަނޑު ހަދައިފަ އެވެ.

ރާއްޖޭގެ އިސްމާއިލް އަލީ ވަނީ ނުބައި ނުވެ 11 ބޯޅައިން 23 ލަނޑު ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާދަމް އުމަރު (އާދަޅޭ) އެވެ.

ހަތް ގައުމު ވާދަކުރާ ކޮލިފައިން އޭ އިން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވާނީ، ލީގު ބުރުން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެވެ. މިވަގުތު އެންމެ ކުރީގައި އޮތީ ހޮންގް ކޮންގް އާއި ކުވެއިތެވެ. ދެން ވާދަކުރަނީ ސިންގަޕޫރާއި މެލޭޝިއާ އެވެ.

ރާއްޖެ ވަނީ ކޮލިފައިންގެ ފުރަތަމަ ހަތަރު މެޗުން، މެލޭޝިއާ އާއި ސިންގަޕޫރު އާއި ކުވެއިތު އަދި ހޮންގް ކޮންގް އަތުން ބަލިވެފަ އެވެ. ރާއްޖެ އަށް ލީގު ބުރަށް ކޮލިފައި ނުވެވުނެވެ. ނަމަވެސް ރާއްޖޭން ވަނީ ގުރޫޕްގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ޕާފޯމަންސް އެއް ފެންވަރެއްގައި ކޮލިފައިން ނިމެންދެން ވެސް ހިފަހައްޓައިފަ އެވެ.

ފުރަތަމަ މެޗުގައި ރާއްޖެއާ ވާދަކޮށް މެލޭޝިއާ މޮޅުވީ 94 ލަނޑުންނެވެ. މެލޭޝިއާ 20 އޯވަރު ތެރޭ ތިން ކުޅުންތެރިން ނުބައިވެގެން 203 ލަނޑު ހެދިއިރު ރާއްޖޭން އަރައި 20 އޯވަރު ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 109 ލަނޑެވެ. މި މެޗުގައި މުހައްމަދު ޝިޔާމް އާއި ގެދަރަ ވިޖެސިންގަ ވަނީ ރާއްޖޭގެ ޓީމުގައި ޓީ20 އިންޓަނޭޝަނަލް ޑެބިއު ހަދައިފަ އެވެ.

ދެވަނަ މެޗުގައި ސިންގަޕޫރާ ވާދަކޮށް ބަލިވީ 47 ލަނޑުންނެވެ. ސިންގަޕޫރުން ކުޅެން އަރައި 20 އޯވަރުން ހަތް ކުޅުންތެރިން ނުބައިވެގެން 153 ލަނޑު ހެދިއިރު، ރާއްޖެއަށް އަށް ކުލުންތެރިން ނުބައިވެގެން ހަމަކުރެވުނީ 106 ލަނޑެވެ.

ކުވެއިތުން ރާއްޖެ ބަލިކުރީ 142 ލަނޑުންނެވެ. ކުވެއިތުން ހަތަރު ކުޅުންތެރިން ނުބައިވެގެން 226 ލަނޑު ހެދިއިރު ރާއްޖޭން ވަނީ ވިކެޓް ހުސްވިޔަ ނުދީ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކޮށްފަ އެވެ. އެގޮތުން 20 އޯވަރު ތެރޭ ކުވެއިތަށް ނުބައި ކުރެވުނީ ރާއްޖޭގެ ހަތް ކުޅުންތެރިންނެވެ.

ރާއްޖޭގެ އެވްރެޖް 100 އާ އެއްވަރު ނުކުރެވުނު ނަމަވެސް ރާއްޖޭން ވަނީ ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ކުވެއިތާ ދެކޮޅަށް ވިކެޓްތައް ހިފަހައްޓައި، 84 ލަނޑު ހަދައިފަ އެވެ. ދެ ޓީމު ވެސް ޓީ20 އިންޓަނޭޝަންލް ކުޅެން ފެށީ 2019 ވަނަ އަހަރު އޮމާނުގައި އޮތް އޭސީސީ ވެސްޓާން ރީޖަން މުބާރާތުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް ވާދަ ކުރީ މި ދެ ޓީމެވެ.

ހޮންގް ކޮންގާ ދެކޮޅަށް ރާއްޖޭން ވަނީ ފުރަތަމަ ކުޅެން އަރައި، 20 އޯވަރުތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން 102 ލަނޑު ހަދައިފަ އެވެ. ހޮންގް ކޮންގުން ނުވަ ވިކެޓުން މެޗު ކާމިޔާބު ކުރީ، ނުވަ އޯވަރު ތެރޭ އެއް ކުޅުންތެރިއަކު ނުބައިވެގެން 107 ލަނޑު ހަމަކޮށްގެންނެވެ. މި މެޗުގައި މަބްސާރު އަބްދުﷲ ވަނީ ރާއްޖޭގެ ޓީމުގައި ޓީ20 އިންޓަނޭޝަނަލް ޑެބިއު ހަދައިފަ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުނޑުހަސަނު

07 September 2024

"ގެދަރަ ވިޖެސިންގަ" މިއީ ދިވެއްސެއްތޯ. ލަންކާ މީހުންނަށް ކިޔާކަހަލަ ނަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454