ދިރާގާއި ސީޑްގެ އިސްވެރިން: ދިރާގާއި ސީޑްއާ ދެމެދު ހަދާފައިވާ ޕާޓްނާޝިޕް ވަނީ އާ ކޮށްފައި --- ފޮޓޯ/ދިރާގު
09 ސެޕްޓެމްބަރ 2024 - 14:05
ބީސީސީގެ ދަށުން ހިންގާ ސީޑްއާއެކު ދިރާގުން ގާއިމް ކޮށްފައިވާ ޕާޓްނާޝިޕް އެއްބަސްވުން އާ ކޮށްފި އެވެ.
"ސީޑް" އަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްތައް ކުރާ ފްރީލާންސަރުންނަށް މަސައްކަތްތައް ކުރުމަށް ހަދާފައިވާ ވޯކް ސްޕޭސްއެކެވެ. މިތަނުން އެކި ކަހަލަ މަސައްކަތްތައް ކުރަން ބޭނުންވާ ގިނަ ވަސީލަތްތައް ހުރެ އެވެ. ދިރާގާއި ސީޑްއާ ދެމެދު ގާއިމް ކޮށްފައިވާ ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން އެތަނަށް ދިރާގުން ދަނީ ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އެ ޕާޓްނާޝިޕް އެއްބަސްވުން އަނެއްކާވެސް މިހާރު ވަނީ އާ ކޮށްފަ އެވެ.
ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ މިއީ ރާއްޖޭގައި ކުދި ވިޔަފާރިތައް ކުރިއަރުވައި، އަމިއްލަ ވިޔަފާރިތައް ކުރާ ފަރާތްތައް ބިނާކުރުމުގެ ގޮތުން އެ ކުންފުނިން ގާއިމުކުރި ޕާޓްނާޝިޕެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕުގެ ސަބަބުން ރާއްޖޭގެ ބިޒްނަސް އިކޯސިސްޓަމް އިތުރަށް ވަރުގަދަވެ، ފުޅާވެގެން ދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވި އެވެ.
"ސީޑް"ގެ ޑިރެކްޓާ ކޮމާޝަލް މުހައްމަދު ޖައުޝަން ވިދާޅުވީ އެ ކުންފުނިން އެސްއެމްއީތައް ކުރިއެރުވުމުގެ މަސައްކަތް ދިރާގު ފަދަ ކުންފުނިތަކުގެ ސަޕޯޓާއި އެކު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ދިރާގާ އެކު ކުދި ވިޔަފާރިތަކުން ސީޑްގެ ވޯކް ސްޕޭސްގައި ތިބެގެން، މަސައްކަތް ކުރުން ފަސޭހަވެފައިވާ ކަމަށް ވިދާޅުވި އެވެ.
ދިރާގަކީ ސީއެސްއާރުގެ ދަށުން މިފަދަ އެކި ފަރާތްތަކަށް ބޭނުންވާ ޑިޖިޓަލް ކަނެކްޓިވިޓީ ސަޕޯޓް ފޯރުކޮށް ދެމުންދާ ކުންފުންޏެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy