ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެސެއްގައި މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ސެޕްޓެމްބަރ 2024 - 12:21
މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަންތަނަށް ހެދޭނެ ކަމަށާއި އެންމެން ގުޅިގެން އެކަން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.
އެކްސިޑެންޓުތައް ގިނަވެ، އާއްމުންގެ ކަންބޮޑުވުމާއި ޝަކުވާތައް ބޮޑުވެފައި ވަނިކޮށް، މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މާލޭ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ރަނގަޅުކުރުމަކީ ޓެކްނިކަލީ ކުރެވިދާނެ ކަމެއް ކަމަށެވެ.
އެކަން ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"އެންމެން ގުޅިގެން އެންމެންނަށް ވެސް ރައްކާތެރި މަގުތަކެއް ހެދިދާނެ. ކުރިއަށް ދާން ހިނގާ- ތިޔަބޭފުޅުންގެ އެއްބާރުލުން މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި މި ފަހުން ހިނގި އެކްސިޑެންޓުތަކެއްގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އަދި މިދިޔަ ހަފުތާގައި ހިނގި އެހެން އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 20 އަހަރުގެ ޒުވާނަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.
ފުލުހުންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖޭގައި 1،900 އަށްވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގައިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ރާއްޖޭގައި ހިނގާފައިވަނީ 1،476 އެކްސިޑެންޓެވެ. އޭގެ ތެރެއިން ގިނަ އެކްސިޑެންޓު މާލެ ސަރަހައްދުގައި ހިނގިއިރު 125 މީހަކަށް އަނިޔާވެ، ފަސް މީހަކު މަރުވި އެވެ.
މި އަހަރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ މާޗު މަހު އެވެ. އެ މަހު އެކަނި 300 އަށް ވުރެ ގިނަ އެކްސިޑެންޓެއް ރާއްޖޭގައި ހިނގި އެވެ. އެހެން މަސްތަކުގައި އެވްރެޖްކޮށް 200 އަށް ވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރާ އަލީ
12 September 2024
އަމީން ބުންޔަށް މިއީ ރަނގަޅު ވާހަކައެއް. މިކަން ވާނީ އަހަރުމެން އެއްމެން ގުޅިގެން.
ހިޝާން އަފޫރް
12 September 2024
އަމީންމެން ޓަފް އިނގޭ ހިންގާލާ ގޮތް. މިހާރު އެބަ ކަންކަން ރަނގަޅު ވާ ތަން އެބަ ފެނޭ
ރާއްޕެ
12 September 2024
ޓެކްނިކަލީ ކީއްވެ ނުވާންވީ. މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ރަނގަޅުކުރުމަށް މިހާރު ކުރެވެން އޮތް ހުރިހާ ކަމެއް ކުރަންވީ. ހުޅުމާލެ ޓްރެފިކް އިން ގޮތް މިހާރު އެއްވަނަ. މީހުން ތަންކޮޅެއް ވިސްނައިން ދުއްވީމަ ހިނގާ މީހުންނަށްވެސް ފަސޭހަ ވާނީ.
ލަސީމާ
11 September 2024
ފުރަތަމަ ފުލުހުން، ދައުލަތުގެ ވެރިން ނަމޫނާ ދައްކަބަލަ. ބައެއް މަގުތަކުގައި ކޯން (ޕާކު ނުކުުރުމަށް) މަސް ދުވަސް ކުރިން ހަފުލާއަކާއި ގުޅިގެން ޖަހާފަ ފަރުވާކުޑަ ކަމުން ނުގެންގޮސް ހުރޭ. ވަޒީރުންގެ އަދި އެނޫންވެސް ދައުލަތުގެ ކާރުތަށް ދުވާރުމައްޗަށް އަރާ ގިނަ އިރު އޮވޭ. ފުލުހުން ވަންވޭ އިން ވަންނަން ނުޖެހޭ ހާލަތުގައިވެސް ވަދެގެން ދޭ.
އަޝްރަފް ސައީދް
11 September 2024
ގާނޫނާ ގަވައިދާ އެއްގޮތަށް އުޅޭ ނަމަ ހުރިހާ ކަމެއްވެސް އޯކޭ ވާނެ. ފަސޭހަ ގޮތް ދިވެހިން ބޭނުން ވަނީ. އެކަމަކު ގަވައިދުތަކަށް ބޯ ލެނބުމެއް ނޯވޭ
ޑޭވް
11 September 2024
ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދަނީ. ދެން އޮތީ ރައްޔިތުންގެ ހިއްސާ މިކަމުގަ. ގުޅިގެން ވާނީ. މައްސަލައަކީ ކިތަންމެ ރަނގަޅު ކަމެއް ކުރަން އުޅުނަސް އިދިކޮޅު މީހުން އޭތި ގޯސް ކުރާތީ. އެހެންވެ މިބުނީ އެންމެން ރުއްސައިގެން ކަންކަމެއް ނުވާނެ
ފަހޭ
11 September 2024
މިނިސްޓަރ އަމީންމެން ތަފާތު ދައްކާނެ. މިހާރުވެސް މަގުތައް ހަމަޔަކަށް އަޅުވަން ކުރާ މަސައްކަތް އެބަ ފެނޭ އަހަރުންނަށް
މާހިދް ޝާހް
11 September 2024
އެކްސިޑެންޓްތައް ގިނަ ވަނީ ސަރުކާރުގެ މައްސައަކުން ނޫން. އެކްސިޑެންޓްތައް ގިނަ ވަނީ ރައްޔިތުން އުޅޭ ވައްތަރުން. ބަލަން ޖެހޭ ވަރަށް ނުބެލެނީ ދުއްވާ އިރު
އައްޔަަ
11 September 2024
ޓްރެފިކް ގަވައިދު ހަދާފަ ހުންނަނީ އެޔަށް ތަބާ ވާން. ހިންހަމަ ޖެހުނަސް ނުޖެހުނަސް ގަވައިދާ އެއްގޮތަށް އަމަލު ކުރަން ވާނެ
ހުމާމް
11 September 2024
ސަރުކާރުން ގަވާއިދާ ހިލާފައް އުޅޭ މީހުންނާ މެދުގަ ފިޔަވަޅު އެޅީމަ އެއްބަޔަކު މިކަން އެބަ ސިޔާސީކުރޭ.. މިކަހަލަ ކަންކަމަކީ ސިޔާސީ ކުރާވަރުގެ ކަންތަކެއްނޫން. އެންމެން ގުޅިގެން މެނުވީ ހައްލެއްނުވާނެ
އަރުހަމް
11 September 2024
ތިވާހަކަ މި ދައްކަނީ. ހުރިހާ ކަމެއް ސިޔާސީ ނުކުރާށޭ މި ކިޔަނީ. ހަމަ ކަމެއް ވާ އިރަށް ސަރުކާރޭ ސަރުކާރޭ ނުކިޔާށޭ. ރައްޔިތުން ވީ ހޭލުންތެރިވާން. ދެން މިހެން ބުނީމަ މަ ކާލާ