ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރައީސް ކްރިސް ޖެންކިންސް މިއަދު ރާއްޖޭގައި ފެށި އެ ޖަމިއްޔާގެ އޭޝިއާ އޯޝޭނިއާ ބައްދަލުވުމުގައި ވާހަކަ ދައްކަނީ: އެއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ބައްދަލުވުން --- ފޮޓޯ: އެމްއޯސީ
22 ސެޕްޓެމްބަރ 2024 - 12:50
ކޮމަން ވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ގެ އޭޝިއާ އޯޝޭނިއާ ދެ ބައްރުގެ އާންމު ބައްދަލުވުން، މިއަދު ފަށައިފަ އެވެ.
ކްރޮސް ރޯޑްގައި ކުރިއަށްދާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުސައްތާރު ވިދާޅުވީ، މި ބައްދަލުވުމަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ބައްދަލުވުން ކަމަށެވެ.
އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ބައްދަލުވުމުގައި ދެ ބައްރުގެ ގައުމުތަކުގެ ތެރެއިން ކޮމަންވެލްތަށް ނިސްބަތްވާ މެންބަރު ގައުމުތަކުގެ މަންދޫބުން ބައިވެރި ވެ އެވެ.
ސައްތާރު ވިދާޅުވީ، ކޮމަންވެލްތު ގޭމްސްގެ އޭޝިއާ އޯޝޭނިއާ ބައްދަލުވުން ބާއްވާ އޭޝިއާގެ ފުރަތަމަ ގައުމަކީ ވެސް ރާއްޖެ ކަމަށެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުސައްތާރު: އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރުގައި ތާރީހީ ވަގުތެއް ކަމަށް --- ފޮޓޯ: އެމްއޯސީ
"އަޅުގަނޑުމެންގެ މި ސަރަހައްދަށް ވެސް ވަރަށް ތާރީހީ ކަމަކަށް މިކަން ވެދާނެ،" ސައްތާރު ވިދާޅުވި އެވެ.
މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދޭން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން ފުރުސަތު ދެއްވުމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ، އެ ފެޑެރޭޝަންގެ ރައީސް ކްރިސް ޖެންކިންސް އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ އެކަން ތާރީހީ ފޮތްތަކުގައި ލިޔެވޭނެ ކަމެކެވެ.
ސީޖީއެފްގެ ރައީސް ކްރިސް ޖެންކިންސް (ކ) އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، މިއަދު ބައްދަލުވުމުގައި --- ފޮޓޯ: އެމްއޯސީ
"ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނަކީ ކުޅިވަރުގައި ރާއްޖެ އަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ދޭ ޖަމިއްޔާއެއް. އޭގެ ސަބަބުން އަޅުގަނޑުމެންނާ ސީޖީއެފްއާ އޮންނަ ގުޅުން ވެސް ބަދަހިކޮށްދޭ. އަދި އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކާ ވެސް ކުޅިވަރުގެ ރޮނގުން ބަދަހި ގުޅުމެއް އުފައްދައިދޭ،" ރާފިއު ވިދާޅުވި އެވެ.
ކްރިސް ޖެންކިންސް ވިދާޅުވީ ރާއްޖޭގައި ފެށި ބައްދަލުވުން ކުރިއަށްއޮތްތަނުގައި ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން ބައްޓަން ވެގެންދާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.
"ތިޔަ ހުރިހާ މަންދޫބުންގެ ހިޔާލުތައް ވެސް ވަރަށް ސަމާލުކަން ދީގެ އަޅުގަނޑުމެން އަޑުއަހާނަން،" ވޭލްސް އަށް ނިސްބަތްވާ ޖެންކިންސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުކްތޫރް
22 September 2024
ކޮންކުޅިވަރެއްކުޅޭކަށް؟ ލާރިއެއްނެތް. ހުރިހާތަނަކަށްގޮސް ސަލާންޖެހުން.
ކުލުނުންނާ
22 September 2024
ކޮމަންވެލްތު ފަދަ ތަންތަނުން މާލީ އެހީއާއި ފަންނީ އެހީ ފޯރުކޮށްދިންނަމަވެސް ރާއްޖޭގެ ރާއްޖެވަންތަކަން ގެއްލުވާލައި ހުޅަގުނގެ ކުޑަ ވިލެޖެކަށް ރާއްޖެ ހެދުމުގައި އެމީހުންގެ ދައުރު ބޮޑެވެ.