ކުޅިވަރު / އަބްދުﷲ ރާފިއު (ސްޕޯޓްސް މިނިސްޓަރު)

ކުޅިވަރުގެ ޕްރޮޖެކްޓަކަށް ކޮމަންވެލްތު ގޭމްސްގެ ފެޑެރޭޝަނުން އެހީ ދޭނެކަމުގެ އިޝާރާތެއް

ސީޖީއެފްގެ ރައީސް ކްރިސް ޖެންކިންސް (ކ) އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، މިއަދު ބައްދަލުވުމުގައި --- ފޮޓޯ: އެމްއޯސީ

ރާއްޖޭގެ ކުޅިވަރުގެ ޕްރޮޖެކްޓަކަށް، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ގެ އެހީ ފޯރުކޮށްދޭނެ ކަމުގެ އިޝާރާތް، އެ ފެޑްރޭޝަންގެ ރައީސް ކްރިސް ޖެންކިންސް ދެއްވާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިއަދު ފެށި، ސީޖީއެފް އޭޝިއާ އޯޝޭނިއާ ދެ ބައްރުގެ ގައުމުތަކުގެ ސަރައްހައްދީ ބައްދަލުވުން ފެށުމުގެ ހަވާސާގައި، ރާފިއު ވަނީ ޖެންކިންސްއާ ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރުގެ ޕްރޮޖެކްޓަކަށް ސީޖީއެފްގެ އެހީ ދޭނެ ކަމުގެ އިޝާރާތެއް ވޭލްސް އަށް ނިސްބަތްވާ ޖެންކިންސް ދެއްވި ކަމަށް ރާފިއު ވިދާޅުވި އެވެ.

ސީޖީއެފްގެ ސަރަހައްދީ ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރާފިއު ވަނީ ސްޕޯޓްސް މިނިސްޓްރީން ފ. އަތޮޅުގައި ފަށައިފައިވާ "ޕްލޭއިން ވިތު ކޮރަލްސް" ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. ޕްރެޒެންޓޭޝަނެއް ހުށަހަޅައިގެން އެ ޕްރޮޖެކްޓާ ބެހޭގޮތުން ތަފުސީލީ ވާހަކަތަކެއް، އޭނާގެ ތަގުރީރުގައި ފާހަގަ ކުރި އެވެ.

އޭނާގެ ވާހަކައިގެ ބޮޑު ބައެއް ހޭދަ ކުރެއްވީ ވެސް އެ ޕްރޮޖެކްޓާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށެވެ.

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރައީސް ކްރިސް ޖެންކިންސް މިއަދު ރާއްޖޭގައި ފެށި އެ ޖަމިއްޔާގެ އޭޝިއާ އޯޝޭނިއާ ބައްދަލުވުމުގައި ވާހަކަ ދައްކަނީ: އެއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ބައްދަލުވުން --- ފޮޓޯ: އެމްއޯސީ

ސޛީއެފްގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެ ޕްރޮޖެކްޓާ ބެހޭގޮތުން އެހާ ތަފްސީލުކޮށް ވާހަކަ ދެއްކެވި ސަބަބަކީ، ރާފިއު ވިދާޅުވި ގޮތުގައި އެފަދަ އެހެން ޕްރޮޖެކްޓްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ހިންގަން މަގުފަހި ކުރުމެވެ.

"އޭގެ ބޭނުމަކީ މިފަދަ ޕްރޮޖެކްޓްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުން،" ރާފިއު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ ކުޅިވަރުގެ ތެރެއިން އެހެން ހުނަރުތައް ވެސް ދަސްކޮށް ދީގެން ކުރިއަށް ގެންދިއުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ޖެންކިންސް އާ އެކު ބޭއްވި ބައްދަލުވުމުގައި، އެފަދަ އެހެން ޕްރޮޖެކްޓަކަށް އެހީ ހޯދުމާ ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެކެވުނު ވާހަކަތަކުގެ ތެރެއިން އަޅުގަނޑުމެން މިސާލު ނެގީ ކުޅީގެގޮތުގައި އަޅުގަނޑުމެންގެ ރާއްޖޭގައި އެބަހުރި ކާބަން ސީކިން އޭރިއާތައް. އެ ކުޅިތައް ދަމަހައްޓައި ރައްކާތެރި ކުރުމަށްޓަކައި (ކުޅިވަރުގެ ޕްރޮޖެކްޓެއްގެ ތެރެއިން) ކުރަން ޖެހޭ މަސައްކަތާ ބެހޭގޮތުން،" ރާފިއު ވިދާޅުވި އެވެ.

ސީޖީއެފް ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ރާފިއު ވާހަކަ ދައްކަވަނީ --- ފޮޓޯ: އެމްއޯސީ

އޭނާ ވިދާޅުވީ ވަކި ހިސާބަކުން ކުޅިވަރު ދޫކޮށްލިޔަސް، ކުޅިވަރުގެ އެ ޕްރޮޖެކްޓްގައި ތަމްރީނުވާ ކުދިންނަކީ މުޖުތަމައުއަށް ބޭނުންތެރި ކުދިންނަށް ހެދޭނެ ކަމަށެވެ.

"މިކަހަލަ ޕްރޮގްރާމްތަކަކީ އަޅުގަނޑުމެންނަށް އޮފާ ކުރެވެން ހުރި ޕްރޮގްރާމްތަކެއްގެ ވާހަކަ އަޅުގަނޑު ސީޖީއެފްގެ ރައީސަށް ދެންނެވީ. ވަރަށް ޕޮޒިޓިވްކޮށް ވަރަށް އުއްމީދީ ޖަވާބުތަކެއް ދެއްވި،" ރާފިއު ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގެ އިތުރުން، ކުޅިވަރިގެ ބައިނަލްއަގްވާމީ ބައްދަލުވުންތައް ވެސް ރާއްޖޭގައި ބޭއްވުމުގެ ވާހަކަތައް މީގެ ކުރިން ރާފިއު ދެއްކެވި އެވެ. އޭނާ ވިދާޅުވީ މިއަދަކީ އެކަން ހާސިލުވި ދުވަސް ކަމަށެވެ. އޭނާ ވިދާޅުވީ ސީޖީއެފްގެ ބައްދަލުވުން ރާއްޖޭގައި ބޭއްވޭތީ ރާއްޖޭގެ ކުޅިވަރަށް ގިނަ ކަންތައްތަކެއް ފަހިވެގެންދާނެ ކަމަށެވެ.

"މީގެ ސަބަބުން އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކުޅިވަރު ކުރިއަރުވުމުގެ ތެރެއިން ކުރަން ހުރި ކަންތައްތަކަށް ވަރަށް ގިނަ ކަންކަން ފަހިވެގެންދާނެ،" ރާފިއު ވިދާޅުވި އެވެ.

އޭޝިއާ އަދި އޯޝޭނިއާ ދެ ބައްރުގެ ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ކުޅިވަރުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާ، މި ބއްދަލުވުމަކީ މީހާތަނަށް ރާއްޖޭގ ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި މިއީ އޭޝިއާގައި ވެސް މި ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ. އަންގާރަ ދުވަހުގެ ނިޔަލަށް މި ބައްދަލުވުން ކުރިއަށްދާނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތާއަބަދު އައިސީޔޫގައި

22 September 2024

ގައުމުގެ ކުޅިވަރު އޮތީ ހަމަ މަރުމަތީގައި. ބޯޅަގަނޑަށް ވައިޖެެހެން އޮތީވެސް އެހީއެއް ލިބިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454