ޝައްފާނާއި މުންސިފްގެ ޕެއާ ކުރިން ކުޅުނު މެޗެއްގެ ތެރެއިން: އޭޝިއަން ޗެމްޕިއަންޝިޕުގައި އެ ޕެއާއިން ވަނީ އިރާންގެ ޕެއާ ބަލިކޮށްފަ --- ފައިލް ފޮޓޯ: ސުއާދު އަބްދުސައްތާރު | އެމްއޯސީ
10 އޮކްޓޯބަރ 2024 - 14:47
އޭޝިއަން ޗެމްޕިއަންޝިޕުގެ ޑަބަލްސް ބައިގައި އިރާންގެ ޒުވާން ޕެއާ ބަލިކޮށް ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއީލާއި މޫސާ މުންސިފް އަހްމަދުގެ ޕެއާ އަނެއް ބުރަށް ދަތުރު ކޮށްފި އެވެ.
އިރާނުގެ 14 އަހަރުގެ ކުޅުންތެރިޔާ ބިންޔާމީން ފަރާޖީ އާއި 21 އަހަރުގެ މުހައްމަދު ޖާވިދު ސޮހްރާބީގެ މައްޗަށް މުންސިފާއި ޝައްފާންގެ ޕެއާ ކާމިޔާބު ހޯދީ 3-2 ގޭމުންނެވެ. އެ މެޗުން މޮޅުވެ އެ ޕެއާ ވަނީ ޑަބަލްސް ބައިގެ ރައުންޑް 32 އަށް ދަތުރުކޮށްފަ އެވެ.
މުބާރާތުގެ ސިންގަލްސް އިވެންޓްގައި ބިންޔާމީން ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ، ޗައިނާގެ ވަންގް ޗޫކިން ބަލިކޮށްފަ އެވެ. ވަންގް ވަނީ މި އަހަރުގެ އޮލިމްޕިކްސްގައި މިކްސްޑް ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދުމުގައި ހިއްސާ ވެފަ އެވެ.
މުންސިފާއި ޝައްފާންގެ މެޗު ކާމިޔާބު ކުރީ ފަހަތުން އަރަ އެވެ. ފުރަތަމަ ދެ ސެޓް ފަރާޖީ އާއި ސޮހްރާބީ ކާމިޔާބު ކުރީ 12-14 އަދި 11-7 ންނެވެ.
އަނެއް ތިން ސެޓް ޝައްފާނާއި މުންސިފްގެގެ ޕެއާ ގެންދިޔައީ، 11-9، 11-7، 11-7 ނެ ނެވެ.
އަންހެން ބައިގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމް ވަނީ މޮންގޯލިއާގެ ޕެއާގެ މައްޗަށް ކާމިޔާބު ހޯދައި ރައުންޑް 32 އަށް ދަތުރުކޮށްފަ އެވެ.
މޮންގޯލިއާގެ އުވްގަންބާގްޑް ބަލްޖިންޔަމް އާއި ބެޓް-އެރްޑެން އެގްޝިގްލެންއާ ދެކޮޅަށް ކުޅެ ރަފާ އާއި ދީމާ މެޗު ކާމިޔާބު ކުރީ 3-1 ން ގޭމުންނެވެ.
ފުރަތަމަ ދެ ސެޓް 11-7، 11-9 ން ކާމިޔާބު ކުރި އެވެ. ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކުރެވިދާނެ ކަމަށް ބެލެވުނު ނަމަވެސް އެ ސެޓުން ރާއްޖޭގެ ޕެއާ ބަލިވީ 11-9 ންނެވެ. ފަހު ސެޓް 11-7 ން ކާމިޔާބުކޮށް ދީމާ އާއި ރަފާ މެޗު ކާމިޔާބު ކުރި އެވެ.
ފިރިހެން ޑަބަލްސް އިވެންޓުން އަޚްޔާރު އަހްމަދު ހާލިދާއި ޒީކް ހަސަން ލަތީފުގެ ޕެއާ ބަލިވީ އެވެ. ރައުންޑް 32 ގެ އަންހެން ބައިގައި ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހިމާއި ލައިސާ ފަތުހުﷲގެ ޕެއާ ވެސް ނުކުންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy