ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑަށް އިންވެސްޓްމަންޓް ފަންޑު ލައިސަންސް ހަވާލުކުރަނީ -- ފޮޓޯ: ފަސްޓް ނޭޝަނަލް
11 އޮކްޓޯބަރ 2024 - 09:24
ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓަރު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން "ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑް" އިންވެސްޓްމަންޓް ފަންޑު ލައިސަންސް ހަވާލުކޮށްފި އެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ މި ފަންޑަކީ އިންވެސްޓަރުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އޭނާ ވިދާޅުވީ، ހުރިހާ ފަންތިއެއްގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރެވޭ އެ ފަންޑަށް އެންމެ މަދުވެގެން 10،000ރ. އިން އިންވެސްޓް ކުރެވޭނެ ކަމަށެވެ.
"މި ފަންޑަކީ އެކި ފަންތީގެ އިންވެސްޓަރުންނަށް ސަބްސްކްރައިބް ކުރެވޭނެ ފަންޑެއް، އެންމެ މަދުވެގެން 10،000 ރުފިޔާއިން އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ފަރުދުންނަށް ވެސް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެ ފަންޑުގެ ސަބަބުން ރާއްޖޭގެ އެންމެ ފައިދާ ހުރި އެއް ދާއިރާ ކަމަށްވާ ރިއަލް އެސްޓޭޓް އަދި ހޮސްޕިޓާލިޓީ ދާއިރާގައި ބައިވެރިވުމުގެ ފުރުސަތު އިންވެސްޓަރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަސްޓަ ނޭޝަނަލް ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑުގެ ސަބްސްކްރިޕްޝަނަށް އޮކްޓޫބަރު މަހު ހުޅުވާލަން ވަނީ ނިންމާފަ އެވެ.
ފަސްޓް ނޭޝަނަލް ގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓާ އާ ހަރުފަތަކަށް ގެންގޮސް ރާއްޖޭގެ އިގްތިސާދު ބައިނަލްއަގުވާމީ މާލީ ނިޒާމާއި ގުޅުވާލުން ކަމަށް އެކުންފުނިން ބުނެފައިވެ އެވެ. އެކުންފުނިން އަންނަނީ ސްޓޮކް އާއި ބޮންޑާއި ސުކޫކް އިޝޫ ކުރުމުގައި ކުންފުނިތަކަށް އެހީވުމާއި ފަންޑް މެނޭޖްކޮށްދިނުމާއި ވެލްތު މެނޭޖް ކުރުމުގެ ހިދުމަތްތައް ދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy