15 އޮކްޓޯބަރ 2024 - 12:10
ބާސެލޯނާ (އޮކްޓޯބަރު 15) – ދެވަނަ ލިއޮނެލް މެސީގެ ގޮތުގައި ބާސެލޯނާގެ ސަޕޯޓަރުން މަޝްހޫރު ކުރި އަންސޫމާން ފާޓީ އަންނަ ޓްރާންސްފާ ޕީރިއަޑްގައި ކްލަބް ބަދަލު ކުރަން ނިންމައިފި އެވެ.
ބާސެލޯނާއިން 2019 ގައި ސީނިއާ ކެރިއާ ފަށައިގެން ރަނގަޅު ކުޅުމެއް އޭނާ ދެއްކި އެވެ. އޭގެ ދެ އަހަރު ފަހުން މެސީ އެ ކްލަބް ދޫކޮށްލުމުން އޭނާ ބޭނުން ކުރި 10 ނަންބަރު ޖޯޒީ ވެސް ފާޓީ އަށް ދިނެވެ. ބާސާގެ ސަޕޯޓަރުން އޭނާ މަޝްހޫރު ކުރީ ދެވަނަ މެސީގެ ނަމުގަ އެވެ.
ނަމަވެސް އޭނާ އަށް ކުރިމަތިވި ބޮޑު އަނިޔާއިން ރަނގަޅު ވެގެން އައިނަމަވެސް ކުރީގެ ކުޅުން އޭނާ އަށް ނުދެއްކުނެވެ. މިދިޔަ ސީޒަނުގެ ބައެއް ލޯނު އުސޫލުން އޭނާ ހޭދަ ކުރީ ބްރައިޓޮންގަ އެވެ.
ބާސެލޯނާއިން މި ސީޒަންގައި އޭނާ އަލުން ޓީމަށް ގެނައީ ހެންސީ ފްލިކްގެ ޓީމުގައި މުހިންމު ދައުރެއް އޭނާ އަށް އަދާކުރެވޭނެ ކަމުގެ އުއްމީދުގަ އެވެ.
އެކަމަކު ފްލިކްގެ ޓީމުގައި މި ސީޒަނުގައި އޭނާ ކުޅުނީ އެންމެ 28 މިނެޓެވެ.
ބާސާއިން މިހާރު ނިންމާފައި ވަނީ ޖެނުއަރީ ޓްރާންސްފާގައި ލޯނު އުސޫލުގެދަށުން ސެވިއްޔާ އަށް އޭނާ ދޫކޮށްލުމަށެވެ. މި ސީޒަނުގައި އެއްވެސް ކުޅުންތެރިޔަކު ނުވިއްކަން އެ ކްލަބުން ވަނީ ނިންމައިފަ އެވެ.
މި ސީޒަން ނިމުމަށް ފަހު ދާއީމީކޮށް އެހެން ކްލަބަކަށް އޭނާ ވިއްކާލާނެ ކަމަށް ބެލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy