ކުޅިވަރު / ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ބޫޓާނުގެ ފުރަތަމަ ކްރިކެޓް މުބާރާތުގައި ރާއްޖެ ވާދަކުރަނީ

17 އޮކްޓޯބަރ 2024 - 10:32

ބޫޓާނުގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ކްރިކެޓް މުބާރާތުގައި ރާއްޖޭން ބައިވެރިވާއިރު، ޓީމު މިހާރު ވަނީ އެ ގައުމަށް ފުރައިފި އެވެ.

މިއަހަރުގެ ކުރީކޮޅު ހުޅުވި ބޫޓާންގެ ފުރަތަމަ ބައިނަލްއަގުވާމީ ކްރިކެޓް ސްޓޭޑިއަމްގައި ކުރިއަށް ގެންދާ މި ކުއަޑްރަންގިއުލާ މުބާރާތުގައި، ރާއްޖެ އާއި ބޫޓާންގެ އިތުރުން ދެން ވާދަ ކުރަނީ ތައިލެންޑާއި އިންޑޮނޭޝިއާ އެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލާއި އޭޝިއަން ކްރިކެޓް ކައުންސިލްގެ ވެސް އެހީއާ އެކު ބޫޓާންގެ ކްރިކެޓް ކައުންސިލުން މި ސްޓޭޑިއަމް ތަރައްގީކޮށްފައި ވަނީ އެގައުމުގައި ކްރިކެޓް ކުޅެން ބޭނުން ކުރަމުން އައި ވިނަ ދަނޑު ކަމަށްވާ ގެލެޕޫ އިންޓަނޭޝަނަލް ކްރިކެޓް ގްރައުންޑްގަ އެވެ. މި އަހަރު ސްޓޭޑިއަމްގެ މަސައްކަތް ނިންމާލުމަށް ފަހު ފެބްރުއަރީ މަހު ބޫޓަންގެ ކްރިކެޓް ބޯޑުން ވަނީ އެ ގައުމުގެ ކްލަބްތަކާއި އިންޑިއާގެ ކްލަބްތައް ބައިވެރިކޮށްގެން މުބާރާތެއް ބާއްވައިފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ފަށާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި، އެ ދުވަހު މެންދުރު އިންޑޮނޭޝިއާއާ ދެކޮޅަށް ނުކުންނާނެ އެވެ. އާދިއްތަ ދުވަހުގެ ހެނދުނު ބޫޓާނާ ދެކޮޅަށް ކުޅުމަށް ފަހު ތައިލެންޑާ ދެކޮޅަށް ކުޅޭނީ އަންގާރަ ދުވަހުގެ ހެނދުނު އެވެ.

ބުދަ ދުވަހު މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، ތިން ވަނަ ހޮވާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 25 ވާ ހުކުރު ދުވަހު އެވެ.

ރާއްޖޭގެ ޓީ20 ގައުމީ ޓީމުގެ ކެޕްޓަނަކީ ޔޫސުފް އަޒްޔާން ފަރުހަތެވެ. އަދި ވައިސް ކެޕްޓަނަކީ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. ޓީމުގައި ދެން ހިމެނެނީ ލީމް ޝަފީގް، މުހައްމަދު މިއުވާން ޝިފާއު، މަބްސަރު އަބްދުﷲ އިބްރާހިމް، އަހުމަދު އަމީލް މައުރޫފް، އިސްމާއިލް އަލީ، ހަސަން އިބްރާހިމް، އިބްރާހިމް ޝައުފް ހަސަން، އިބްރާހިމް ރިޒާން،އައްޒާމް މުހައްމަދު، އިބްރާހިމް ނަޝާތު އަދި ހަސަން ހާޒިގް ރަޝީދެވެ.

ރާއްޖޭގެ ޓީމުގެ ކޯޗިން ޓީމުގައި ހަރަކާތްތެރިވާނީ އިސްމާއިލް ނިހާދާއި އަހުމަދު ނީޝަމް ނާސިރެވެ.

ދެހާސް ތިން ވަނަ އަހަރު ބައިނަލްއަގުވާމީ ކްރިކެޓް ކުޅެން ފެށި ބޫޓާނުން ފުރަތަމަ މެޗު ކުޅުނީ ވެސް ރާއްޖެއާ ދެކޮޅަށެވެ. އެމާޖިން ނޭޝަންސް ކަޕް ނަމުގައި ކުރިއަށް ގެންދިޔަ ޓްރިއޭންގިއުލާ މުބާރާތުގައި ކުޅުނު އެ މެޗު ރާއްޖޭން ފަސޭހަ ކަމާއެކު ކާމިޔާބު ކުރި އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެ މެޗުގައި ހަތަރު އޯވަރުން ތިން ވިކެޓު ނެގި ނީޝަމް ނާސިރެވެ. އޭނާ އުކި ހަތަރު އޯވަރުން އެ މެޗުގައި ބޫޓާނަށް ހެދުނީ ޖުމްލަ ފަސް ލަނޑެވެ.

ބޫޓާނުން ފުރަތަމަ ޓީ20 އިންޓަނޭޝަނަލް މެޗެއް ކުޅުނީ 2019 ވަނަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ މުބާރާތުގައި ރާއްޖޭން ވަނީ އަށް ވިކެޓުން ބޫޓާން ބަލިކޮށްފަ އެވެ.

ބޫޓާނުން އެންމެ ފަހުން ޓީ20 މެޗެއް ކުޅުނީ ވެސް ރާއްޖެއާ ދެކޮޅަށެވެ. ފެބްރުއަރީ މަހު ތައިލެންޑުގައި އޮތް އޭސީސީ ޓީ20 ޗެލެންޖާ ކަޕާއި އެއަށް ފަހު އެ ގައުމުގައި އޮތް ކުއަޑްރަންގިއުލާ މުބާރާތުގައި ވެސް ދެ ޓީމު ބައްދަލުކޮށްފައިވެ އެވެ. ޗެލެންޖާ ކަޕާއި ކުއަޑްރަންގިއުލާ މުބާރާުގެ ލީގު ބުރުގައި ރާއްޖޭން ބޫޓާން ބަލިކުރި ނަމަވެސް، ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ ހޮވި މެޗުން ބޫޓާން ވަނީ ރާއްޖެ ބަލިކޮށްފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454