ރާއްޖޭގެ ޓީމް ރެޑްބުލް ހާފްކޯޓް ވޯލްޑް ފައިނަލްސްގައި.-- ފޮޓޯ: އަންރޭންކްޑް ބީސީ
23 އޮކްޓޯބަރ 2024 - 07:57
އެމެރިކާގެ ނިއު ޔޯކް ސިޓީގައި ބޭއްވި ރެޑްބުލް ހާފްކޯޓް ވޯލްޑް ފައިނަލްސް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޗެމްޕިއަން "އަންރޭކްޑް" އެ ޓީމުން މުބާރާތަށް ކަނޑައެޅި އަމާޒަށް ވާސިލްވެއްޖެ އެވެ.
ދުނިޔޭގެ 20 ގައުމެއްގެ ޗެމްޕިއަނުންނާ އެކު ކުރިއަށް ގެންދިޔަ ފައިނަލްސްގައި ރާއްޖެ ހިމެނުނީ މޯލްޑޯވާ އާއި ބެލްޖިއަމް އަދި އެމެރިކާއާ އެއް ގުރޫޕެއްގަ އެވެ. މީގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ މޮލްޑޯވާ ބަލިކޮށް މިދިޔަ އަހަރަށް ވުރެ ނަތީޖާ ރަނގަޅުކޮށްފަ އެވެ.
މޮލްޑޯވާއާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވީ 12-9 ޕޮއިންޓުންނެވެ. ބެލްޖިއަމްއާ ވާދަކޮށް 21-4 އިން ބަލިވި އިރު އެމެރިކާއާ ވާދަކޮށް ބަލިވީ 21-7 އިންނެވެ.
ފައިނަލްގައި އެމެރިކާ ބަލިކޮށް މިއަހަރު ވެސް ޗެމްޕިއަންކަން ހޯދީ ސާބިއާ އެވެ.
ނިއު ޔޯކް ސިޓީގެ ބްރޫކްލީން ބްރިޖް ޕާކްގައި މިމަހުގެ 19 އިން 20 އަށް ކުރިއަށް ގެންދިޔަ ފައިނަލްސްގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނުނީ މަފާޒް މުހައްމަދު، 31، އާއި އިސްމާއިލް ފަރުހާން، 30، އަދި އިބްރާހިމް ނަސީމް، 29، ގެ އިތުރުން މުހައްމަދު ސަބީހް ތައުފީގް، 26، އެވެ.
ގުރޫޕް ސްޓޭގުގެ މެޗަކުން މޮޅުވުމުގެ އަމާޒުގައި މުބާރާތާ ކުރިމަތިލީ ޓީމުން އިންޑިވިޖުއަލް ޓާގެޓެއް ވެސް ކަނޑައެޅި އެވެ. އެއީ ތުރީ ޕޮއިންޓް ކޮންޓެސްޓުގައި ބައިވެރިވެ، ވަނަ އެއް ހޯދުމެވެ. ރާއްޖޭގެ މަފާޒް ވަނީ މި ބައިގައި ވާދަކޮށް ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.
އަންރޭންކްޑް އެނބުރި ރާއްޖެ އަންނާނީ ސްޕޮންސަރުންގެ އެހީއާ އެކު ހަމަޖައްސާފައިވާ 10 ދުވަހުގެ ޓްރޭނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy