ހަނިމާދޫގެ މަގުތަކުގައި ލައިޓް ހަރުކޮށްފައި --- ފޮޓޯ/ސައްތާރު
08 ޑިސެމްބަރ 2024 - 13:45
ހދ. ހަނިމާދޫގައި އިތުރު ބައްތި ހަރުކޮށް މަގުތައް އަލިކޮށްފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން މިއަދު ވިދާޅުވީ ދެ ފިޔަވައްސަކަށް ބަހާލައިގެން މުޅި ރަށުގައި އިތުރު 418 ބައްތި ހަރުކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު 268 ބައްތި ބަހައްޓަން 3.5 މިލިއަން ރުފިޔާ އަދި މި އަހަރު 150 ބައްތިއަށް މިލިއަނެއްހާ ރުފިޔާއާއެކު ޖުމްލަ 4.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ.
ސައްތާރު ވިދާޅުވީ ފުރަތަމަ އަހަރު ތަކެތި ގެނައުމާއި ބައްތި ހަރުކުރަން ދެ ކުންފުންޏަކާ ހަވާލުކުރުމުން މަސައްކަތް އަގުބޮޑުވި ކަމަށެވެ. އޭގެ ތަޖުރިބާގައި މި ފަހަރު އެކަން ހަވާލުކުރީ، ކުރިން ވެސް އެ ތަކެތި ހަރުކޮށްދިން މިނެޓް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
ހަނިމާދޫގައި ލައިޓު ހަރުކޮށްފައި.-- ފޮޓޯ: ސައްތާރު
އެ ކުންފުނިން ވަނީ ލައިޓާއި ކޭބަލް ގެނެސް، މިދިޔަ އަންގާރަ ދުވަހު ފަހު ސެގްމެންޓްގެ މަސައްކަތް ނިންމާލައިފަ އެވެ.
ސައްތާރު ވިދާޅުވީ ރަށުތެރެ އާއި ބަނދަރު ސަރަހައްދު އަނދިރިވުމުން އާއްމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށެވެ. އެހެންވެ، ކައުންސިލުން ހަރަދުކޮށްގެން އެ މައްސަލައަށް ހައްލެއް ގެނެސްދޭން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު މީހުން ދިރިއުޅޭ ސަރަހައްދާއި ބީޗް ފަދަ ތަންތަނުގައި ލައިޓުތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަށުގައި ކުރިން ސަރުކާރުން ހަވާލުކޮށްގެން ބައްތިތައް ޖަހާފައި ހުރީ ވަރަށް ދުރުގަ އެވެ.
ކައުންސިލުން ލައިޓުތައް ހަރުކުރީ 80-85 ފޫޓު ދުރުމިނުގަ އެވެ.
ސައްތާރު ވިދާޅުވީ އަލަށް ދޫކުރާ ގޯތިތައް ކައިރީގައި ވެސް އަންނަ އަހަރު ލައިޓް ހަރުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާން
08 December 2024
ވައިޓް ލައިޓަކީ ކަޑަ އެއްޗެއް! ބައެއް ބައެއް ގައުމުތަކުން މިލިއަނުން ޚަރަދު ކޮއްގެން ޗޭންޖްކުރި
ދަޅުކަން
08 December 2024
ކަޅުފޮއި ރޭރޭގެ ވިދުން ގަދަ ރީތި ޗާލު ތަރިތައް ހޯދަން ދާންޖެހޭނީ ތިޔަ ބައްތިތައް ނެތް ހިސާބަކަށް ދުރަށް... ނަމަވެސް ރޭގަނޑު މަގުތައް އަނދިރިވުމުގެ ސަބަބުން ލިބުނު ތުރާލަށް ލިބުނު ލުޔެއް...
އަދާލަތު
08 December 2024
ލައިޓް ހަރުކުރީމައި ތަރައްޤީވެ ނިމުނީ. ދުވާލަކު އެތައްސަތޭކަމީހުނ އަރާފައިބާ ރަސހެއްގެ ބަނދަރުގައި ޕޭޓޮއިލެޓެއްހަދާލައި، ހަޓްތަކެއްހަދާލަން ނުކެރުނު. ކައުންސިލް އަވަހާރަފުޅުގައި.