އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ހިރިމަރަދޫ މީހުން ވޯޓުލާނެ އިންތިހާބީ ދާއިރާއަކީ ހދ. ހަނިމާދޫ ކައުންސިލް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފި އެވެ.

އާބާދީ މަދުވުމުގެ ސަބަބުން ހިރިމަރަދޫ މީހުން ހަނިމާދު އަށް ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ބަދަލުކުރަން ނިންމަވައި ރައީސް އެކަން އިއުލާން ކުރެއްވީ މިދިޔަ އޯގަސްޓް މަހު އެވެ.

ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު މިހާރު އަޕްޑޭޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިސްލާހު ކުރި ލިސްޓަށް އަމަލުކުރާނީ ހިރިމަރަދޫ މީހުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާ އެކު، އެކަން ސަރުކާރުން އާންމުކޮށް އަންގައި އިއުލާންކުރާ ތާރީހުން ފެށިގެން ކަމަށް ގަރާރުގައިވެ އެވެ.

ގަރާރުގައި ބުނީ ހިރިމަރަދުއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް މި ވަގުތައް ކަނޑައެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަނީ ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ މަރުހަލާގެ ތެރޭގައި ކަމަށް ވާތީ އެވެ.

އެގޮތަށް ކަނޑައެޅުއްވީ، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އެކުލަވާލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިހާބީ ދާއިރާ ކަމުގައި ބަލަން ޖެހޭނީ އެ މީހުން އަލަށް ބަދަލުވި ރަށް ކަމަށް އިންތިހާބާ ބެހޭ ގާނޫނުގައި ބުނާތީ ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.

އެހެންކަމުން، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނީ ހަނިމާދޫ ކައުންސިލްގެ މެމްބަރުން ހޮވުމަށެވެ.

ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އޮގަސްޓް މަހު ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ހިރިމަދު އަަށް ވަޑައިގެން، ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށާއި އަދި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެތަންތަނުގެ މަސައްކަތް ނިންމައި، ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ.

މީހުން ބަދަލުކުރަން ނިންމާފައި އޮތުމުން، ހިރިމަރަދޫން ގޯތި ދޫކުރުން ވެސް ފަހުން އޮތީ ހުއްޓުވައިފަ އެވެ.

ހައުސިން މިނިސްޓްރީން މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ނެރުނު އިއުލާނުގައި ބުނީ ހިރިމަރަދޫން އެ މަހުގެ 24 ގެ ނިޔަލަށް ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ ކަމަށެވެ. އެހެންވެ، ގޭގެ ރަޖިސްޓްރީ ބަދަލުކުރުން ފަދަ ކަންކަން ނުކުރަން ވަނީ އަންގައިފަ އެވެ.

ހިރިމަރަދުއަކީ ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން 2022 ގައި ބޭއްވި ބޯހިމެނުމުން އެނގޭ ގޮތުގައި އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.