ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު، ހިރިމަރަދޫ ބެލެހެއްޓުމާ މިހާރު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފި އެވެ.
ހިރިމަރަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމައި، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމަށް ދައުވަތެއް ދީފައިވާ ކަމަށެވެ.
ހަނިމާދޫ ކައުންސިލުން އިޝާރާތްކޮށްފައިވަނީ ހޯރަފުށީގެ ކުރީގެ ކައުންސިލްގެ ނިންމުމަކަށެވެ. އެއީ ކައުންސިލްގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް، މިދިޔަ މާޗް 27 ވަނަ ދުވަހު ނިންމާފައިވާ ނިންމުމެކެވެ.
އެ ނިންމުމާ އެކު ހޯރަފުށީ ކައުންސިލުން އޭރު ފޮނުވި ސިޓީއަކާ ހަވާލާދީ ހަނިމާދޫ ކައުންސިލުން ބުނީ ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ނަން ނޯޓުކުރަން ބޭނުންވާ މީހުން ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ) އަށް ނުވަތަ ހަނިމާދޫ ކައުންސިލަށް ހާޒިރުވެގެން ނަން ނޯޓުކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ކައުންސިލްގެ މެއިލް ނުވަތަ ފޯނު ނަމްބަރު 4002064 އަށް ގުޅައިގެން ވެސް ނަން ނޯޓުކުރެވޭނެ ކަމަށް ބުންޏެވެ.
ހޯރަފުށީ ކައުންސިލުން ބުނީ އެ ރަށަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުންނަށް ގޯތި ދޭން ނިންމީ ކުރީގެ ކައުންސިލުން ކަމަށް ވާއިރު އާ ކައުންސިލުން އެކަމާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ ރައްޔިތުންގެ އަދަދަށް ބަލައި އެއްބާރުލުން ދޭނެ ކަމަށެވެ.
އާބާދީ ކުޑަވުމުން، ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމައިފަ އެވެ. އަދި ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި މިދިޔަ މޭ 17 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވައި ހަނިމާދޫ ކައުންސިލް ދަށަށް ބަދަލުކޮށްފަ އެވެ.
ހިރިމަރަދުއަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ހިރިމަރަދޫގެ މީހުން އެހެން ރަށަކަށް ބަދަލުކުރަން ނިންމިޔަސް، އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.