ހދ. ހިރިމަރަދޫ ރައްޔިތުން ބަދަލުކުރަން އެ އަތޮޅު ހަނިމާދޫގައި ހިންގަން ސަރުކާރުން މަސައްކަތް ކުރާ ހައުސިން މަޝްރޫއުއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ، ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ހިރިމަރަދުއަަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ ރަށު މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. ނަމަވެސް، މިހާތަނަށް ވެސް އެކަމުގެ އަމަލީ މަސައްކަތެއް ނުފެށެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވަނީ އެ މަޝްރޫއުއާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.
މެންބަރު އެ ސުވާލު ކުރެއްވުމާ އެކު މިނިސްޓަރު ވިދާޅުވީ ފަޅުރަށެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ހިރިމަރަދޫގެ ރައްޔިތުންނަށް ހަނިމާދޫގައި ފްލެޓް އަޅަން މެންބަރުގެ ފަރާތުން ވެސް އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ މަޝްރޫއުއަށް ހަނިމާދޫ ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުންނަށް ހިންގާ ހައުސިން މަޝްރޫއުއަކީ ވަކި މަޝްރޫއުއެއް ކަމަށާއި ހަނިމާދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިން މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
"ހިރިމަރަދޫ ރައްޔިތުންނަށް މި އަޅާ ބޯހިޔަވާހިކަމާއި ހަނިމާދޫގައި އަޅާ ބޯހިޔާވަހިކަމާ ގުޅުވާނުލާށޭ. އަޅުގަނޑުމެން ދެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްދޭނަމޭ. އެހެންވީމާ ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކައި އެ މަސައްކަތް އަވަހަށް ފެށިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"އެ މަސައްކަތަށް ރަށު ކައުންސިލްގެ އަދި ރަށު ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ ވަރަށް ބޮޑަށް."
ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށް ކަމަށްވާ ހިރިމަރަދޫގައި މި ވަގުތު ކައުންސިލެއް ނެތެވެ. އެ ރަށު ރައްޔިތުން އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވޯޓުލާފައިވަނީ ހަނިމާދޫ ކައުންސިލަށެވެ. ހިރިމަރަދޫ ކައުންސިލް އުވާލައި އެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވެސް ހަވާލުކޮށްފައިވަނީ ހަނިމާދޫ ކައުންސިލާ އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނިކޮށް ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު، ހިރިމަރަދޫ ބެލެހެއްޓުމާ މިހާރު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން ހުޅުވާލާފައިވެ އެވެ.