ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި ފަހުން މުޅިން ވެސް އައްޑޫ ބަހުރުވައިން މަޖިލީހުގައި ވާހަކަދައްކަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)، އެ ބަހުރުވައިން ސުވާލު ކުރެއްވުމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހުވަދޫ ބަހުރުވައިން މިއަދު ޖަވާބު ދެއްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ސޯބެ އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން ސުވާލު އެނގިވަޑައިނުގަންނަވާ ކަމަށް މީގެކުރިން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވި އެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާއަށް އެކަމާ ގުޅިގެން ފާޑުކިޔުން ވެސް އަމާޒުކުރި އެވެ. 

މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުއްތަލިބާ ވެސް ސޯބެ ސުވާލުކުރެއްވީ އައްޑޫ ބަހުރުވައިންނެވެ. އޭނާ ސުވާލު ކުރެއްވީ އައްޑޫގެ ބޯފެނުގެ ނިޒާމަށް މައްސަލަ ޖެހިފައިވާތީ އެކަމާ ގުޅޭ ގޮތުންނެެވެ. އޭނާގެ ކަންބޮޑުވުމަކީ ސާފު ބޯފެން ލިބުމުގައި ދަތިތައް އޮތުމެވެ. 

އެ ސުވާލު ކުރެއްވުމާ އެކު މިނިސްޓަރު ވިދާޅުވީ "އައްޑޫ ބަހުން ވާހަކަ ދެއްކެވީމާ އަޅުގަނޑު ޖަވާބު ދޭންވީ ހުވަދޫ ބަހުންތޯ އެވެ؟" 

ހުވަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓަރު ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވަމުން ވިދާޅުވީ ބޯފެނުގެ ނިޒާމަށް ކުރިމަތިވެފައި އޮތް މައްސަލައަށް ސޯބެ ވެސް ޒިންމާ ނަންގަވަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ އޭނާ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު މަގު ހެދުމުގެ މަޝްރޫއު ހިންގިއިރު އެ ތަނުގައި ހޮޅި އަޅަން ނުޖެހޭ ކަމަށް އަންގަވާފައި އޮތުމުންނެވެ.

މުއްތަލިބު ވިދާޅުވީ މިހާރު އަނެއްކާވެސް ޖެހެނީ ވަކިން ހޮޅި އަޅަން ކަމަށެވެ.  

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަށް ފެނުގެ ނިޒާމުގެ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.