މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރި ނަމަވެސް އެ ދިމާލުން ނެރަށް ވަންނަ ކަނޑު އުޅަނދުތަކަށް ދަތި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަގު ފުޅާކުރުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ފައިދާތައް ލިބިގެންދާނެ ކަމަށެވެ. އަދި އެ މަގުގެ ތޮއްޖެހުމަށް މަޝްރޫއު ނިމުމާ އެކު ފަސޭހަކަން ލިބިގެންދާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

ނަމަވެސް، އެ މަގު ފުޅާކޮށްފައިވަނީ ފަޅުން ބައެއް ހިއްކައިގެން ކަމަށްވާތީ އެކަމުގެ ތަކުލީފު އެ ސަރަހައްދަށް ވަންނަ ކަނޑު އުޅަނދުތަކަށް ކުރާނެ ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ސުވާލު ކުރެއްވި އެވެ. 

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުއި ފަސޭހައަކަށް މާލެއަށް ނިސްބަތްވާ މެންބަރަކު ދެކޮޅު ހައްދަވާތީ ހައިރާންވާން ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ މަގު ތަރައްގީކޮށްފައިވާ ގޮތުން ކުރިއަށް ވުރެ ކީވޯލްގެ ދިގުމިން މިހާރު އިތުރުވާނެ ކަމަށެވެ. އެއީ ފަޅުގެ ބައެއް ހިއްކައިގެން ހެދި ޕާކިން ސަރަަހައްދުގެ ވަށައިގެން ވެސް ލޯންޗް ފަހަރު އެޅޭނެ ގޮތް ހަދާފައިވާތީކަން މިނިސްޓަރު ފާހަަގަކުރެއްވި އެވެ. 

"އެ ތިން ފަރާތަށް ވެސް ލޯންޗު ކައިރި ކުރެވޭ ގޮތަށް ހަދާފައި އިންނާނީ. އެހެންވީމަ އޭގެ ސަބަބުން އެތަނަށް ވަދެ ނުކުމެ އުޅޭ ފަރާތްތަކަށް އުނދަގޫވެ އެކަހަލަ ކަމެއް ނުހިނގާނެ. މިއަކީ ބޮޑެތި އާގުބޯޓު ފަހަރު މަސް ދޯނި ފަހަރު ވައްދާކަށް ހަދާ ތަނެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ. 

"އެހެންވީމަ ފަޅު ހަނިވެގެން އޮޑިފަހަރު ބޭނުންކުރާ ފަރާތްތަކަށް ދައްޗެއް ވާނެ ކަމަކަށް ގަބޫލެއް ނުކުރަން. އޭގެ ބަދަލުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ." އޭނާ ވިދާޅުވި އެވެ.

 

މިނިސްޓަރު އެހެން ވިދާޅުވުމުން ކުޑޫ ވަނީ މަގު ފުޅާކޮށްގެން މާލޭގެ ތޮއްޖެހުމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. 

ރައްދުގައި މިނިސްޓަރު ވިދާޅުވީ އެންމެ ބާރުބޮޑުވާ ވަގުތު ބާޒާރުމައްޗަށް މެންބަރު ވަޑައިގެން، މަގު ފުޅާވުމުގެ ސަބަބުން ވާ ފަސޭހަ ބަލަންޖެހޭ ކަމަށެވެ. އަދި އެކަމުން ފަަސޭހަ ނުވާނަމަ، މަގު ހެދުމުގެ މަސައްކަތް ޖެހޭނީ ހުއްޓާލަން ކަމަށް އޭނާ ވިދާޅުވި އެވެ. 

ބޮޑުތަކުރުފާނުގެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ. އަދި ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ނިމުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމަށް މަގު ފުޅާކޮށްފައި --- ފޮޓޯ/އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމަށް މަގު ފުޅާކޮށްފައި --- ފޮޓޯ/އެމްޓީސީސީ

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ބަންދުކޮށް، އެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އެމްޓީސީސީން ބުނެފައިވާ ގޮތުގައި މިމަހުގެ 26 ގެ ކުރިން އެ މަގުގެ މަސައްކަތް އެއްކޮށް ނިންމައި، ހުޅުވާލާނެ އެވެ. 

ގިނަ އަދަދެއްގެ މިނިސްޓްރީތަކާއި އޮފީސްތައް ވެސް ހިންގަމުންދާ އެ ސަރަހައްދުގެ މަގު ކުރިން އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެގޮތުން އަޑިގުޑަންތައް ވެސް ގިނަ އެ މަގުގައި ޕާކުކުރުމުގެ ދަތިކަން ވެސް އިންތިހާއަށް އޮތެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު ދަނީ ބޭނުން ކުރަމުންނެވެ. އަދި އެ މަގު ފުޅާ ކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް ލުޔެއް ވަނީ ލިބިފަ އެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެއީ 455 ދުވަސް ތެރޭ ނިންމަންޖެހޭ މަޝްރޫއުއެކެވެ.