އަންނަ އަހަރު އިސްކަންދޭނީ ފަށާފައިވާ މަޝްރޫއުތައް ނިންމަން ކަމަށާއި މިދިޔަ އަހަރަށް ވުރެ ކުޑަކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅާފައި އޮތީ ވެސް ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ކަަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ތައްޔާރު ކޮށްފައި ވަނީ ފަށާފައި ހުރި ޕްރޮޖެކްޓްތައް ނިންމަން ކަމަށާއި އެހެންވީމާ މަޝްރޫއުތައް ނިންމަން ފަސޭހަވާނެ ކަމަށެވެ. ފަށާފައި ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކަށް އިސްކަންދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

"މި އަންނަ އަހަރުގެ ބަޖެޓް ކުޑަވެފައި އޮތް ނަމަވެސް އަންނަ އަހަރު އާ ޕްރޮޖެކްޓްތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ. އަންނަ އަހަރުގެ ބަޖެޓް ފަރުމާކުރެވިފައި ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް،" މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު މި މޭރުމުން ވާހަކަ ދެއްކެވީ ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ  މަސައްކަތް ހުއްޓިފައި އޮތުމުން އެ މަސައްކަތް ފެށޭނެ ދުވަހަކާ ބެހޭ ގޮތުން މެންބަރު ޝާކިރު ސުވާލު ކުރެއްވުމުންނެވެ. 

މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ރައްުޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ރައްުޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޕްރޮޖެކްޓްތައް ހުއްޓާލާފައި އާ ޕްރޮޖެކްޓްތައް ފެށުމުގެ ފުރުުސަތު މި ސަރުކާރަށް އޮތެވެ. އެކަމަކު، އެ ގޮތަށްް ކަންތައް ކުރުމުގެ ބަދަލުގައި އެ ޕްރޮޖެކްޓްތައް ވެސް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ މި ސަރުކާރު އައި އިރު ފެށިފައި، ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފައި މި ސަރުކާރުގެ އެޖެންޑާއާއިގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅެވެން އޮތޭ. އެހެން ނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުަގައި އަޅުގަނޑުމެންގެ ވެސް އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރީ،" މުއްތަލިބް ވިދާޅުވި އެވެ.

ފެނާއިނަރުދަމާގެ ގިނަ ޕްރޮޖެކްޓްތައް ކުރީގެ ސަރުކާރުން ހަވާލުކޮށްފައި އޮތީ ފެނަކަ ކޯޕަރޭޝަނާ ކަަމަށާއި އެކަމަށް ބޭނުންވާ ފައިސާ ނުލިބުމުން އެ މަސައްކަތްތައް ފަހުން ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ އާމްދަނީ ލިބޭ ކުންފުންޏަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެމްޑަބްލިއުއެސްސީއަށް ވެސް ފައިސާ ހޯދުމުގައި ފުރަތަމަ ދަތިތަކާ ކުރިމަތިވި ކަމަށާއި މިހާރު އެކަމަކު މަސައްކަތްތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.