ރަސްމާލެ ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް ޓީޖީއެސްޓީ މެދުވެރިކޮށް ލިބޭ އާމްދަނީ އާންމުކޮށް ރިސޯޓު ތަރައްގީ ކުރަން ދޫކުރާ ފަޅަކުން ލިބޭ ޓީޖީއެސްޓީއަށް ވުރެ އަށް ގުނަ އިތުރުވާނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އެކައުންޓިން ފޯރަމްގެ ގެސްޓް ސްޕީކާއެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި ހިމެނޭ ރަސްމާލެ މަޝްރޫއުއިން އަހަރެއްގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި 340 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ ކަމަށެވެ. އެއީ ހެކްޓަރަކުން އަހަރަކު ގާތްގަނޑަކަށް 680،000 ޑޮލަރެވެ.

ރަސްމާލެއިން ދޫކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ރަސްމާލެ ސަރަހައްދުގެ 500 ހެލްޓަރުގެ ބިމުގައި 8،800 ޕްރޮޕަޓީ ތަރައްގީ ކުރާނެ އެވެ. 

މުއްތަލިބު ވިދާޅުވި ގޮތުގައި، ޓޫރިޒަމް ގާނޫނުގެ ތެރެއިން ދައުލަތަށް 99 އަހަރުން  ރިސޯޓަކުން ވަންނާނެ ކަމަށް ލަފާކުރަނީ 75 މިލިއަން ޑޮލަރާއި 316 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. އެކަމަކު ރަސްމާލެ މޮޑެލްގެ ދަށުން ދައުލަތަށް 10 އަހަރުން ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އޭނާ ވިދާޅުވު އެވެ. 

މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގައި ތަފާތު ދެ ބާވަތެއްގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާނެ ކަމަށެވެ. އެގޮތުން ސާފުކުރުމާއި މެއިންޓަނެންސް މަސައްކަތްތަކާއި ޕްރޮޕަޓީ މެނޭޖް ކުރުމާއި ކާބޯތަކެތީގެ ވިޔަފާރިތަކާއި ރީޓެއިލް އަދި ރެސްޓޯރެންޓް ވިޔަފާރިތަކަށް ވެސް ފުރުސަތުތައް ފަހިވާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ. ދެވަނަ ބާވަތަކީ އޭނާ ވިދާޅުވި ގޮތުގައި، ފައިނޭންޝަލް އެންޑް ޕްރޮޕެޝަނަލް  ސާވިސްތަކާއި އެކައުންޓިން އާއި ޑިޖިޓަލް، މެރިން، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ވިޔަފާރިތަކެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލެ ފަދަ ޕްރޮޖެކްޓެއް އައި ނަމަވެސް، ރާއްޖޭގެ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓްގައި ތަރައްގީ ކުރާ ޓޫރިޒަމްގެ ވިޔަފާރިތައް ވެސް އެ ގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެފަދަ ވިޔަފާރިތަކަށް ރައްކާތެރިކަން ދޭނެ ކަމަށެވެ.

މެރީނާ ޕްރޮޖެކްޓް ނިމުމުން ރަސްމާލެ އޮންނާނެ ގޮތް ތަސައްވުރުކޮަށް، އީގަލްހިލްސްގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ކުރެހުމެއް.
މެރީނާ ޕްރޮޖެކްޓް ނިމުމުން ރަސްމާލެ އޮންނާނެ ގޮތް ތަސައްވުރުކޮަށް، އީގަލްހިލްސްގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ކުރެހުމެއް.

"ވަން އައިލެންޑް، ވަން ރިސޯޓަކީ ރާއްޖޭގެ ޓޫރިޒަމްގެ ފައުންޑޭޝަން. އެ ކޮންސެޕްޓާ ހެދި ރާއްޖޭގެ އަގު އެހާ ބޮޑަށް އުފުލިގެން ދިޔައީ. އެހެންވެ، އެ ވިޔަފާރިތައް ރައްކާތެރި ކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ، ރިއަލް އެސްޓޭޓް ވިޔަފާރިއާ ހެދި، ރާއްޖޭގައި ފެށުނީއްސުރެ، ކުރިއަށް ގެންދާ ރިސޯޓު ޓޫރިޒަމެއް ނުހުއްޓޭނެ ކަމަށެވެ. ރަސްމާލެއަކީ ވަން އައިލެންޑް ވަން ރިސޯޓުގެ އިތުރަށް ރާއްޖޭގެ ޓޫރިޒަމް ޑައިވާސިފައި ވުމަށް ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން ޔޫއޭއީގެ އީގަލް ހިލްސްއިން ތަރައްގީ ކުރުމުގެ ލީގަލް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގަ އެވެ. އެތަނުގައި ތަރައްގީ ކުރަން ނިންމާފައިވަނީ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއެކެވެ. އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.