ގުޅިފަޅުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރަން އެމްޓީސީސީ އާއި ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސްއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދޭ "އަހާ" ފޯރަމްގައި މުއްތަލިބް ވިދާޅުވީ ހިއްކާފައި ހުރި ތަންތަނުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ގާއިމްކުރުމަކީ ހިއްކަން ދިޔަ ހަރަދަށް ވުރެ މާ ބޮޑު ހަރަދެއް ހިނގާ ކަންކަން ކަމަށެވެ.
"މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ ގުޅިފަޅުގައި މިދެންނެވި ހުރިހާ ހިދުމަތްތަކެއް ގާއިމްކޮށް މަގު ހެދުމަށްޓަކައި 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދާ ކަމަށް ބެލެވިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ މަސައްކަތް ނުފެށި ލަސްވަމުންދާތީ، ސަރުކާރުން މިހާރު ނިންމާފައި ވަނީ އެމްޓީސީސީ އާއި މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސްއާ ގުޅިގެން ގުޅިފަޅުގައި ވީހާ ވެސް އަވަހަކަށް ފެނާއި ނަރުދަމާއަށް ބޭނުންވާ ނެޓްވޯކް މަސައްކަތް ފެށުން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ މާލެ ސަރަހައްދުން އާންމުންނަށް ދޫކޮށްފައި ހުރި ބިންތައް ހަވާލުކުރުމާ އެއްކޮށް، އެ ތަންތަނުގައި އާބާދު ވެވޭނެ އަވަސް މަގެއް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދޭ"
މުއްލަތިބް ވިދާޅުވީ ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުން މާލޭ ރައްޔިތުން ބިން ދީފައި ހުރި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކާ ނުނިމި އޮތްއިރު، އަދި މި ސަރުކާރު އައިސް އޭރު ދިމާވެފައި ހުރި އިގުތިސާދީ ދަތިތަކާ އެއްކޮށް ވެސް އެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ. ކުރީގެ ސަރުކާރުން އެ ބިންތައް ހިއްކަން ހަވާލުކޮށްފައި ހުރީ ހުޅުމާލެ 3 އާއި ތިލަފުށީގެ ބިމުން ބައެއް އެ ތަންތަން ހިއްކާ ފަރާތަށް ލިބޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ހިއްކާ ފަރާތަށް ލިބޭ ގޮތަށް ހުރި ބިންތަކަކީ ވަރަށް މުހިންމު ސަރަހައްދުތަކެއްގައި ހުރި ބިންތަކަކަށް ވެފައި، އެކިއެކި ބޭނުންތަކަށް އެ ބިންތައް ބޭނުންކުރަންޖެހޭތީ މި ސަރުކާރުން ނިންމީ އެމްއޭސީއެލް މެދުވެރިކޮށް ކޮންޓްރެކްޓަރުން ހޯދައިގެން ބިން ހިއްކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިރާވަރު ފަޅުގެ މަސައްކަތް ސަތޭކަ ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކިފައި މަސައްކަތް މަޑުޖެހިފައި އޮތީ މެދުއިރުމަތީގެ ދިމާވި ހާދިސާއާ ގުޅިގެން ތެލަށް އައި ބަދަލާ އެއްކޮށް، މަސައްކަތް ހުއްޓިގެން ދިޔަ. އެހެން ނަމަވެސް، މިހާރު ތިޔަބޭފުޅުންނަށް ޚަބަރުތަކުން ފެނިވަޑައިގަންނަވާނެ މަސައްކަތް ފަށައިގެން ކުރިޔަށް އެބަދޭ،" މުއްތަލިބް ވިދާޅުވި އެވެ.
ގިރާވަރު ފަޅުގެ ބާކީ އޮތް ބައި ހިއްކާ ނިމެންވާއިރަށް ސާވޭގެ މަސައްކަތް ވެސް ފަށައި އެތަނުން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ ގުޅިފަޅާއި ހުޅުމާލެ 3 އިން ދީފައި ހުރި ގޯތިތަކުގައި ވަށާފާރު ރޭނުމާއި އެހެން ކަންތައްތައް ކުރުމުގެ ހުއްދަ އެޗްޑީސީ މެދުވެރިކޮށް ދެވޭނެ އިންތިޒާމުތައް ވެސް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށެވެ.