ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާ އެ އަތޮޅު ހިރިމަރަދޫ މީހުންނަށް އެ ރަށު ކައުންސިލްގެ ހުއްދަ ނެތި ބިން ދޭން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވަން މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.

ފުލުހުން ބުނީ ހަނިމާދޫން ބިން ދޫކުރުމާ ގުޅޭ ގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތަކެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުން އެއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުން ހުރި ކަމެއް ކަމެއް ކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުގައި، އެކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާ ކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. 

އެ މައްސަލައިގައި މަދަނީ ހައްލެއް ހޯދަން ފުލުހުން ވަނީ އިރުޝާދު ދީފަ އެވެ. 

ހަނިމާދޫ ކައުންސިލްގެ މެމްބަރު ފިރާގް މުހައްމަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމަށް އެ ރަށުން ބިން ދޫކުރުމުގެ މަސައްކަތް ކުރަނީ ކައުންސިލްގެ ހުއްދަ ނެތި ކަމަށެވެ.

އަދި ރައްޔިތުންގެ ރުއްގަހާއި ބަންޑާރަ ރުއްގަހުގެ ބަދަލު ނުދޭއިރު އެކަން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ވެސް ފުރިހަމަ ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި ކޯޓު އަމުރެއްގެ ދަށުން ބަނޑާރަ ގެއަކަށް ބަދަލު ދީފައި އޮތް ތަނަކުން ފެށިގެން މި މަސައްކަތް ކުރާތީ މިކަން ވަނީ ހުއްޓާލަން އަނގައިފަ އެވެ. އަދި މިކަން ކުރަމުން ދަނީ ލޭންޑް ޔޫސް ޕްލޭނާ ވެސް ހިލާފަށެވެ. އަދި ރައްޔިތުންގެ ނިންމުމާ ވެސް ހިލާފަށެވެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ހަނިމާދޫ ބަޔަކު ވަނީ އެ ރަށުގައި މިހާރު ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ހިރިމަރަދޫ ރައްޔިތުންނަށް ގޯތިދޭތީ އެކަމާ ކަންބޮޑުވުންފާޅުކޮށް މުޒާހަރާ ވެސް ކޮށްފަ އެވެ.

އެ މީހުން ގޮވާލީ ހަނިމާދޫ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއް ގޮތަށް އެ ބިމުން 600 ގޯތި ކަންތައް ހަމަޖެއްސުމަށް ފަހު ނޫނީ އެހެން ބަޔަކަށް ގޯތި ނުދިނުމަށެވެ. ހިރިމަރަދޫ ރައްޔިތުންނަށް ދޭން ނިންމާފައި ވަނީ 200 ގޯއްޗެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ހިރިމަދުއަަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފަ އެވެ.

އޭރު ރައީސް ވިދާޅުވެފައި ވަނީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެތަންތަނުގެ މަސައްކަތް ނިންމައި، ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީހުން ބަދަލުކުރަން ނިންމާފައި އޮތުމުން، ހިރިމަރަދޫން ގޯތި ދޫކުރުން ވެސް ފަހުން އޮތީ ހުއްޓުވައިފަ އެވެ.

ހިރިމަރަދޫ އަކީ ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.