ހދ. ހަނިމާދޫގެ ކައުންސިލަށް ސަރުކާރުން އަންނަ މަހު ބަޖެޓު ދޫކުރާނީ އެ އަތޮޅު ހިރިމަރަދު އަށް ކަނޑައަޅާ ބަޖެޓު ހިމަނައިގެން ކަމަށާއި މިހާތަނަށް ނުލިބި ހުރި ފައިސާ ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އިއްޔެ ވިދާޅުވެއްޖެ އެވެ. 

އާބާދީ ކުޑަވުމުން، ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރަން ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު ނިންމައިފަ އެވެ. އެހެންވެ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހިރިމަރަދު އަށް ކައުންސިލަރުން ނުހޮވަ އެވެ.

ހިރިމަރަދޫގެ މީހުން އެހެން ރަށަކަށް ބަދަލުކުރަން ނިންމިޔަސް، އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހިރިމަރަދޫ ކައުންސިލް އުވާލައި އެ ރަށުގެ ހުރިހާ ކަމެއް ހަނިމާދޫ ކައުންސިލާ ހަވާލުކޮށްފައިވީ ނަމަވެސް ރަށު ރައްޔިތުން ވާނުވާގައި ތިބުމުން ހަނިމާދޫ ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ އެ ހިރިމަރަދު އަށް ޒިޔާރަތެއް ކޮށްފަ އެވެ.

ހަނިމާދޫ ކައުންސިލް ރައީސް އަލީ އަހުމަދު "މިހާރު" އަށް ވިދާޅުވީ އާ ކައުންސިލް ހުވާ ކުރުމަށް ފަހު މިވީ މަސް ދުވަހު އެ ރަށަށް ސަރުކާރުން ބަޖެޓެއް ނުދޭ ކަމަށެވެ. 

"އެ ރަށު ކައުންސިލުން ޕްރީ ސްކޫލު ހިންގާނެ. ގޭސް ވިއްކާނެ. ގުރުއާން ކްލާސް ހިންގާނެ. މިއީ ހުސް ލާރި ބޭނުންވާ ކަންކަން. އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ ބަޖެޓާ އެއްޗެހި ހަމަޖެހި ހުރިހާ ކަމެއް ހަމަޖެހެންދެން،" އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހަނިމާދޫ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހަނިމާދޫ ކައުންސިލާ ހުރިހާ ކަމެއް ހަވާލުކޮށްފައި އޮތް ނަމަވެސް ބަޖެޓު ނެތުމުން ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ހިރިމަރަދޫގެ ރައްޔިތުންނަށް ހަރަދުކުރަން ޖެހިފައިވާ ކަމަށް ވެސް ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެގޮތުން ހިރިމަރަދޫ ކައުންސިލްގައި ތިބި އިދާރީ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ދިނީ ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ކަމަށާއި މަސް ނިމުނުއިރު އެ ރަށަށް އައުޓްސޯސް ކޮށްގެން މަސައްކަތް ކޮށްފައި ހުރި ބައިވަރު މަސައްކަތްތަކުގެ ފައިސާ ވެސް އެ ރަށު ކައުންސިލުން ހަވާލުވާން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުނި އުކުމާއި ކުނި ކެހުމާއި ގޮނޑު ބެލެހެއްޓުން ފަދަ މިއިން ކޮންމެ ކަހަލަ ކަންކަމަކަށް ލާރި ދޭން ޖެހޭ. ދެން އަޅުގަނޑުމެން ބެލިއިރު އެ މަސައްކަތް ނަގައިގެން އުޅޭ މީހުން އެބަ ގެންގުޅޭ 18 ވަރަކަށް މުވައްޒަފުން ކޮންމެ ކަމަކަށް. އަނެއްކާ މި ފައިސާ ދެވޭނެ ގޮތެއް ނުވި، އެހެންވެ ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ފައިސާ ދޭން ޖެހެނީ،" ކައުންސިލް ރައީސް ވިދާޅުވި އެވެ. 

އެ ފައިސާ ހިރިމަރަދޫ ރައްޔިތުންނަށް ދެވޭނެ ގޮތެއް ނުވުމުން އެ ރަށު ތެރޭގައި ކަންބޮޑުވުން އުފެދި ހަނިމާދޫ ކައުންސިލަށް ވެސް އެކަން ހުށަހެޅުމުން ކަމުގެ ހަގީގަތް އޮޅުން ފިލުވައިދިނުމަށް އެ ރަށަށް ދިޔައީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ ކައުންސިލު ބަޖެޓުން ހިރިމަރަދު އަށް ކޮށްފައިވާ ހަރަދުގެ ތަފާސްހިސާބު

ހަނިމާދޫ ކައުންސިލުން ވަނީ މިދިޔަ މޭ މަހު ހިރިމަރަދޫ އަވަށު އޮފީހުގެ ބޭނުންތަކަށް ހަނިމާދޫގެ ބަޖެޓުން ކުރި ހަރަދުތަކުގެ ތަފްސީލް ވެސް އާންމުކޮށްފަ އެވެ. އެގޮތުން ޖުމްލަ 267،789.43ރ. ހަނިމާދޫ ބަޖެޓުން ވަނީ ހަރަދުކޮށްފަ އެވެ.

  • މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް: 160,419.94ރ. 
  • އިޖުތިމާއީ ސަރަހައްދު ސާފުކުރުން: 21،000ރ.
  • ގުރުއާން ކްލާސް ހިންގުން: 15،000ރ. 
  • ކައުންސިލްގެ ސެކިއުރިޓީ  ބެލެހެއްޓުން: 6،600ރ.
  • އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެލަވަންސް: 5،866.56ރ.
  • އިންޓަނެޓާއި ފޯނު ބިލުތައް: 3،093.93ރ.
ހދ. ހިރިމަރަދޫ ރައްޔިތުންތަކެއް.-- ފޮޓޯ: ރައީސް އޮފީސް
ހދ. ހިރިމަރަދޫ ރައްޔިތުންތަކެއް.-- ފޮޓޯ: ރައީސް އޮފީސް

"އެލްޖީއޭއިން ނިންމާފައި ވަނީ އެ ރަށު ކައުންސިލް އިދާރީ މުވައްޒަފުންގެ މުސާރަ އާއި ކަރަންޓު ބިލްތައް ދައްކާލެވޭނެ ބަޖެއް. އެކަމަކު އެ ރަށުގައި ވެސް އެބަހުރި އެހެން ކަންކަން. އަދި ހަތަރު ފަސް އަހަރު ވާނެ މި ރަށަށް ބަދަލުވާން،" އަލީ ވިދާޅުވި އެވެ.

ހިރިމަރަދު އަށް ކުރި ޒިޔާރަތަށް ފަހު، ހަނިމާދޫ ކައުންސިލުން ނިންމާފައި ވަނީ އެ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ކޮށްދިނުމަށެވެ. އެގޮތުން ހަނިމާދޫ ނޫން އެހެން ރަށްރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓު ދިނުން ލަސްވާ ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މުންދު ވިދާޅުވީ ބަޖެޓު ދިނުމުގައި ލަސްތަކެއް އުޅޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އަންނަ މަހު ހަނިމާދޫ ކައުންސިލަށް ބަޖެޓު ދޭއިރު ހިރިމަރަދޫ ބަޖެޓު އިތުރުކޮށް، ކުރިން ނުދެވި ހުރި ބަޖެޓު ފައިސާ ވެސް ހިމަނާނެ ކަމަށް ފިނޭންސް މިނިސްޓްރީއާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

"ބަޖެޓު މައްސަލައެއް މި ދިމާވީ އަސްލު ކުއްލިއަކަށް އެކަން ކޮށްފައި އޭގެ ތެރެއިން އޮނިގަނޑަށް ބަދަލު ގެންނަން ޖެހޭތީ. އަނެއްކާ އެލްޖީއޭ އަށް މި އައި ބަދަލާ ވެސް އެކު. ދެން އެ މައްސަލައެއް ދިމައެއް ނުވާނެ. އަންނަ މަހުން ފެށިގެން ހަނިމާދޫ ކައުންސިލަށް އެ އަވަށު އޮފީހުގެ ބަޖެޓު ވެސް ލިބޭނެ،" މުންދު ވިދާޅުވި އެވެ.

ހިރިމަރަދުއަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.

ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން ނިންމި އިރު، މ. ރަތްމަންދޫގެ ގިނަ ބަޔަކު ވެސް ވަނީ އެ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދިފަ އެވެ.