މީދޫގެ ތިން ލަނޑު ވެސް، ޖެހި އިމްރާން އުފާފާޅު ކުރަނީ: އައްޑުއާ ދެކޮޅަށް އޭނާ ޖެހީ މޮޅު ލަނޑުތަކެއް --- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ޑިސެމްބަރ 2024 - 18:28
ދ. މީދޫގެ އިބްރާހިމް އިމްރާން (އިއްމި) ގެ ހެޓްރިކުން 3-3 ން މެޗު އެއްވަރުވެ އައްޑު އަތުން ލީޑް ދޫވެގެން ހިނގައްޖެ އެވެ.
މެޗުގައި އައްޑޫން ދެ ފަހަރު ލީޑް ނެގުމުން ވެސް އިމްރާން ވަނީ މީދު އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ރާއްޖޭގެ 20 އަހަރުންދަށުގެ ގައުމީ ޓީމަށް ވެސް ކުޅުނު އިމްރާން މެޗުގައި ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ހިތްގައިމު ދެ ލަނޑެވެ އެނާގެ ފަހު ދެ ލަނޑަކީ މޮޅު ދެ ގޯލެވެ. މީދޫގެ ފުރަތަމަ ލަނޑު އޭނާ ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
އައްޑޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، މީދޫއަށް ނަތީޖާ ހަމަހަމަކޮށް ދޭން އޭނާ ޖެހި ލަނޑަކީ އައްޑުގެ ހާފުގެ ތެރެއިން ޓަޗްލައިބިނާ ދިމާލުން މެދު ރޮނގު ކައިރިން ފޮނުވާލައިގެން ގޯލްގެ ތެރެއަށް ވައްދާލި ލަނޑެކެވެ. އައްޑޫގެ ހާފުގެ މެދުރޮނާގާ ކައިން އޭނާ އަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ދުރުން ފޮނުވާލި ބޯޅަ ކީޕަރު ބޯމަތިން އޮހިގެން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ. މެދުރޮނގާ ކައިރީގައި ހުރެފައި ގޯލްގެ ތެރެއަށް އޭނާ ބޯޅަ ފޮނުވާލަފާނެ ކަމެއް އައްޑޫގެ އެއްވެސް ކުޅުންތެރިޔަކު ހީވެސް ނުކުރެ އެވެ. ކީޕަރު އަހްމަދު އަޝްފާގް ވެސް ކުރިއަށް ނުކުމެ ހުރުމުން ބޯޅަ އޮހިގެން ދިޔައީ އޭނާގެ ބޯމަތިންނެވެ.
އޭގެ ފަހުން އަލީ ނާފިއު (ކަޅޭ) އަނެއްކާ ވެސް އައްޑުއަށް ލީޑް ނަގައި ދިނެވެ. ނަތީޖާ 3-2 ގައި އޮވެގެން އައްޑޫ މޮޅުވާނެ ކަމަށް ބެލެވުނުނެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި އައްޑޫގެ އޭރިއާބޭރުން ލިބުނު ހިލޭ ޖހުން އިމްރާން ވައްދާލީ ގޯލްގެ މަތީ ކަނަށް އަމާޒުކޮށެވެ.
މެޗަށް އައްޑޫ ނުކުތީ، އެ ޓީމުގެ ޓީމު ލިސްޓްގައި ޖަހާފައިވާ ކްލަބް އީގަލްސްގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ހިމަނައިގެންނެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި އޭނާ އަށް ކުޅެވޭ ގޮތް ނުވީ އީގަލްސްއިން ރިލީޒް ނުދިނުމުންނެވެ.
އުފަން އަތޮޅުގެ ޓީމަށް ކުޅުވަން، އައްޑޫން ވަނީ އޭނާގެ ރިލީޒް ފީގެ ގޮތުގައި ކްލަބް އީގަލްސް އަށް 100،000ރ. ދީފަ އެވެ.
އައްޑޫގެ ޖޯޒީގައި އޭނާ ފުރަތަމަ ފަހަރަށް ކުޅެން ނުކުމެ ފަސް މިނެޓްތެރޭގައި ލަނޑު ޖެހި އެވެ. ފުރަތަމަ ހާފު ނިމުނީ އެ ލަނޑާ އެކު 1-0 ން އައްޑޫ ލީޑްގައި އޮވެގެންނެވެ.
އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ އިސްމާއީލް އީސާ (މެސީ) އެވެ. ރ. ދުވާފަރަށް ނިސްބަތްވާ އީސަ، އައްޑޫ ޓީމަށް ކުޅެނީ ރަށުން ބޭރު ދެ ކުޅުންތެރިންނަށް ކަނޑައަޅާފައިވާ ޖާގައިގަ އެވެ. އެ ޖާގައިގައި އައްޑޫ ޓީމަށް ދެން ކުޅެނީ، ހދ. ނޮޅިވަރަމްފަރުގެ އިބްރާހިމް ވަހީދު ހަސަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންދޫ
10 December 2024
އިއްމި އަކީ އދ.މަންދޫ ކުއްޖެއް ދ.މީދޫއަށް ކުޅެދިނީ
ގަލަމް
10 December 2024
ސަބަހޭ ދ.މީދޫޓީމަށް. ޒުވާންޓީމެއް ނިކުމެ އައްޑޫ ވެޓަރަންސް ޓީމު ލަދުގަންނަވާލި! އުއްމީދީ ޒުވާން ކުޅުންތެރިން ދ.މީދޫއިން ފެނިގެންދިއަ