އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ޑިސެމްބަރ 2024 - 18:34
ހައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދިނުމަށް، މިހާރު އޮތް އުސޫލަށް ބަދަލުތައް ގެންނަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހައްޖާ ބެހޭ ގަވައިދު މިހާރު އޮންނަގޮތުން އެ އަޅުކަން އަދާކުރަން ކިތަންމެ ގިނައިން ވެސް ސައުދީއަށް ދެވޭނެ އެވެ. ނަމަވެސް އެ އުސޫލު އެ ގޮތަށް އޮތުމުން، ރާއްޖެއިން ހައްޖަށް ދިއުމަށް ލިބޭ މަދު ކޯޓާއިން ފުރުސަތު ނުލިބޭ ކަންބޮޑުވުން އަބަދު ވެސް އޮވެ އެވެ.
އެހެންވެ، ޝަހީމް ވަނީ އެ އުސޫލު ބަދަލުކުރުމާ މެދު އާއްމުންގެ ހިޔާލަށް ސޯޝަލް މީޑިއާގައި ހުޅުވާލައިފަ އެވެ.
އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފަރުޟު ހައްޖު އަދާކޮށްފައި ތިބޭ މީހުންނަށް ދެ ވަނަ ހައްޖެއް ލިބޭނީ، އެންމެ ފަހުން ހައްޖުކުރިތާ ފަސް އަހަރު ފަހުން ކަމަށް ބައެއް ގައުމުތަކުން އުސޫލުތައް ހަދާފައި އެބަހުރި ކަމަށެވެ.
ޝަހީމް "މިހާރު"އަށް ވިދާޅުވީ އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދިނުމާއި ފަސް އަހަރުން އެއް ފަހަރު ނޫނީ ދެ ފަހަރަށް ހައްޖު ނުކުރުމަށް އަދި 65 އަހަރުން މަތީގެ މީހުންނަށް އިސްކަންދޭނެ ތަރުބީތުތަކެއް ހެދުމަށް އުސޫލަށް ބަދަލުތައް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
އާއްމުންގެ ހިޔާލަށް ބެލުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅަށް ފޮނުއްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ފުރަތަމަ ހައްޖު ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ފަހިކުރުން [މީގެ ބޭނުމަކީ]،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ސައުދީގައި ވެސް ދެ ވަނަ ފަހަރަށް ހައްޖަށް ދެވެނީ ފަސް އަހަރު ފަހުން ކަމަށެވެ. މިސްރުގައި އެ ގަވައިދު އޮންނަނީ އުމުރުން އެއް ފަހަރު ހައްޖަށް ދެވޭ ގޮތަށެވެ.
"ރާއްޖޭގައި ވެސް ފަރުޟު ހައްޖު އަދާކުރުމަށް ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު އޮންނާނެ ގޮތަކަށް ކޯޓާ ބެހުމުގައި ނިޒާމީ އަދުލުވެރި ބަދަލެއް އޮންނަންޖެހޭ ކަމަށް ގަބޫލުކުރަން،"
އަމިއްލަ ބައެއް ކުންފުނިތަކުން ބޮޑު އަގުގައި ހައްޖަށް ގެންދާތީ ސަރުކާރުން ވަނީ، މި އަހަރުން ފެށިގެން ހައްޖުގެ ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފަ އެވެ. ނަމަވެސް، ސަރުކާރު ކުންފުނީގެ ހަވާލުގައި ހައްޖަށް ދިއުމަށް ކިއުގައި އެތައް އަހަރެއް ވަންދެން މަޑުކުރަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީތު
26 December 2024
ކުރަންވީ ކަމަކީ ސަރުކާރުން ސިޔާސީބޭނުމަށް މީހުން ގެންދިއުން ހުއްޓާލަންވީ. ލިބޭ ހުރިހާޖާގަ އެއް ކިއުއިން ގެންދަންވީ. ފަގީރުން ވެސް ހައްޖު ކިއުގަޖައްސަންވީ ގެންދަން ބޭނުމިއްޔާ.
ދެރަސޮރު
25 December 2024
އާދޭސް ކޮށްފަ ބުނަން ކޯޓާ އިން ވައްކަން ކުރުން ހުއްޓާލާ!! ކިއުގަ އިންނަވަރަށް ވުރެ ފަހަތަށް ގޮތް ނަހަދާ ! 2024 4 ފަހަރު 6 ޖާގަ ކުރިޔަށް އެރި، މި މަހު 160 ޖާގަ ފަހަތަށް ދިޔައީ، ވަރަށް ސަލާމް، އެހެން ބަޔަކަށް ކިޔޫގެ ކުރިޔަށް އެރޭގޮތަށް ހެދުމަކީ އިންސާފެއް ނޫނެވެ. އިސްކަންދޭންވާނީ ކިޔޫގައި ތިބި މީހުންގެ ތެރެއިން ދޯ . އޭގެ ބޭރުން ދައުލަތުން ހިލޭފޮނުވާ ބަޔަކުވެސް ޖެހޭނީ ކިޔުމަށް އަރުވާށެވެ. ހިލޭ ފޮނުވާ މީހުންވީމާ ވަގުތުން ފުރޭކަށް ނުޖެހޭނެއެވެ.
އަންޕޮޕިއުލަރ އޮޕިނިއަން
25 December 2024
(މަ ކާ ނުލާތި މިހެން ބުނީމަ، އެކަމަކު) ލިބޭ މަދު ކޯޓާގެ ތެރެއިން، ދައުލަތުގެ ޚަރަދުގައި ފަގީރުން (ހައްޖު ފަރުޟު ނުވާ މީހުން) ހައްޖަށް ފޮނުވުން ވެސް ހުއްޓާލަން ޖެހޭ. ޙައްޖު ފަރުޟުވަނީ ކުޅަދާނަކަން ލިބުމުން. އެހެންވީމާ މާލީ ފުދުންތެރިކަންނެތް ބަޔަކު (ފަރުޟު ނުވާ ބަޔަކު) ފޮނުވުމުން، އަނެއްކާވެސް އެ މަދުވަނީ ޙައްޖު ފަރުޟުވެފަ ތިބި މީހުންނަށް ދިއުމަށް ލިބޭ ފުރުޞަތައް. އެއީވެސް ގޯހެއް.
ޖާބެ ދަރި
25 December 2024
ކޮންމެ ގޮތަކުންބނަމަވެސް އޭނަޔަށް ހައްޖަށް ދެވޭނެ ފުރުސަތު ފަހިވުމަކީ އޭނަ އެކަމަށް ކެރިކުޅަދާނަވުން.
ކޮރަޕްސަން
25 December 2024
ކިއު ފެޅުމަށްވެސް ހައްލެއް ހޯދާ. ކިއު ތަރުތީބު ފެންނަށް ހުންނަން ޖެހޭ އެބަ. އެހެން ނޫނީ ތިތާތެރެއިން ހިންގަނީ ކޮރަޕްޝަން. 2026ގަ އިނދެފަ 2029 އަށް ފަހަތަށް ޖެހުމަކީ ކިހިނެތްވާ ކަމެއް. އެކްސްޕްލެއިންކޮށްދީބަލަ މިކަން. ނޫސްވެރިންވެސް ތިބެނީވިއްޔަ މި ސުވާލުތައް ނުކުރޭ. ދެން މިކަމާހެދި މުއިއްޒުއަށް ސިޓީ ފޮނުވީމަ ބުނާނެ ސިޓީއެއް ނުލިބެޔޭ ލިބުންނަމަ ފިޔަވަޅުއެޅީމުހޭ!
ދާދި
25 December 2024
އެކަމުވެސް ލިސްޓް ކޮރަޕްޝަން ހިނގާ ކަމަކަށް އެއްބަހެއްނުވާނެ. މިދިޔަ އަހަރު އެވާހަކަ އެވަރަށް ދެކެވުނީމަވެސް އެކަމަށް އެއްބަހެއްނުވި
މަހިތުން
25 December 2024
މަ ހިތުން މިގޮތަށް ރާއްޖޭގައި ގަވާއިދު އޮންނަނީ. އިސްކަން ދޭން ޖެހޭނީ އުމުރުން 1 ފަހަރުވެސް ހައްޖު ނުވާ މީހުންނަށް. ފައިސާ ހުރި މީހުނަށް ކޮންމެ އަހަރަކު ދެވެންޏާ ދެން ވާޖިބުވެފަ ތިބި މީހުން މަރުވެގެން ދާއިރުވެސް ވެއިޓިން ލިސްޓުގަ!
ޜަދުން
25 December 2024
ކޮންމެ އަހަރަކު އާގޭމެއް ޖައްސައިގެން ލިސްޓް އެެބަ އޮޅާލާ،، މިހާރު މިއަހަރަށް އޮޅާލުމުގެ ސްޓަންޓެއް ޖައްސަނީ ކުންފުނި ތަކާއި މުއައްސަސާ ތަކަށް ޅިޔަން ފަހަރިން ލާހެން މިކަންވެސް
ތިމާވެށި
25 December 2024
ތިޔައީ ވިސްނަން ޖެހޭ ކަމެއް ނޫނެވެ. ތިޔަކަން ކުރަން މާލަސްވެއްޖެ އެވެ. މި އަހަރުވެސް ތިޔަ ކަން ކުރަން ވީ އެވެ. ވާޖިބް ވަނީ އުމުރުން 1 ފަހަރު އެވެ .
ކަތްދައްތަ
25 December 2024
ހައްޖު ކޯޓާއިން ކުރާ ވައްކަން ހުއްޓުވުމަކީ މާ މުހިންމު ކަމެކެވެ. އެކިއެކި ކުންފުނިތަކަށް ކޯޓާއިން ބައެއް ބޮޑު އަގުގައި ވިއްކުމާއި، ސިޔާސީ ބޭނުމަށް ހައްޖުގެ ވާޖިބު ނުވާމީހުން ހައްޖަށް ފޮނުވުމާއި ފަގީރުންނޭ ކިޔައިގެން ތަނަވަސްމީހުން ހައްޖަށް ފޮނުވުމާއި މިބާވަތުގެ ކަންކަމަކީ ހުއްޓަންޖެހޭ ކަންކަން. މިއީ ދީނީ ކަމެއް. ފަރުޞުހައްޖު ނުވާމީހުންނަށޭ ކިޔާފަ ކޯޓާ އަތުލާފަ ސިޔާސީ ގޮތުން ކޯޓާ ބަހާލީމާ ކަމަކު ނުދާނެ.
ށސ11
25 December 2024
5 އަހަރު ކަމަކު ނުދޭ . ނަންނޯޓުކޮށް ފައިސާ ދައްކައިގެން އަލަށް ހައްޖައްދާ މީހުނަށްވެސް ލައްވާލަނީ 7 ވަރަކަށް އަހަރުފަހުން. އެހެންވީމަ ދެވަނަފަހަރަށް ނޫނީ އެއަށްވުރެ ގިނަފަހަރު ހައްޖުވެފަ ތިބޭ މީހުނަށް 10 އަހަރުފަހުން ދެވޭގޮތަށް ހަދާ
ރަގަޅަށް
25 December 2024
ވަރަށް ތާއީދު ތިކަމަށް. 5 އަހަރުވީމަ ކަމަކުނުދޭ
އަމީން އަބްދުﷲ
25 December 2024
ބަރާބަރު ނިންމުމެއް. މިކަން އަބަދުވެސް އޮންނަން ވާނީ މިހެން. މަގޭ ވިސްނުން.