އަޕްގްރޭޑު ކޮށްފައިވާ ޕޯޓަލް ތައާރަފްކޮށްދެއްވައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވާހަކަ ދައްކަވަނީ.
30 ޑިސެމްބަރ 2024 - 15:21
ސަރުކާރުގެ ފަރާތުން ފެނުގެ ހިދުމަތް ދޭ މައި ކުންފުނި، އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލްގެ ހިދުމަތްތައް އަޕްގްރޭޑުކޮށް، އާ ބައިތަކެއް ހިމަނައިގެން މިއަދު ލޯންޗުކޮށްފި އެވެ.
އާ ފީޗާތަކާ އެކު އަޕްގްރޭޑް ކޮށްފައިވާ ޕޯޓަލް ތައާރަފްކޮށް ދެއްވީ އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދާއި މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
އެމްޑީ މަތީން ވިދާޅުވީ، އެ ޕޯޓަލަށް ގެނައީ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ވީހާ ވެސް ލުއިފަސޭހަ ކަމާ އެކު، ހިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމަށެވެ. އަލަށް ގެނައި ބަދަލުތަކާ އެކު އީ-ޕޯޓަލް ބޭނުންކުރުމުގައި ކަސްޓަމަރުނަނަށް އިތުރަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
MWSC ePortal
އެމްޑަބްލިއުއެސްއީގެ ޕޯޓަލް
ފެން ކުންފުނީގެ އީޕޯޓަލް ގެނައި އަޕްގްރޭޑުތަކުގެ ތެރޭގައި އީ-ފާސް ބޭނުންކޮށްގެން ހިދުމަތްތަކަށް އެދި ހުށަހެޅުމާއި އޮންލައިންކޮށް އެޕްލިކޭޝަން ފުރުމާއި އެޕްލިކޭޝަންތަކުގެ އެކި މަރުޙަލާތަކުގެ އަޕްޑޭޓް ބެލުމާއި އެޕްލިކޭޝަންތަކުގެ މަރުހަލާތައް ބަދަލުވަމުންދާ ސްޓޭޓަސް އެސްއެމްއެސް މެދުވެރިކޮށް ހޯދުން ހިމެނެ އެވެ.
އޮންލައިން ހިދުމަތް ބޭނުންކޮށް، ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މައުލޫމާތު އެއްތަނަކުން ބެލުމާއި އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށް ވުރެ ގިނަ ބިލްތަކަށް އެއްފަހަރާ ފައިސާ ދައްކައި އަދި އެކި އެކައުންޓުތަކުގެ ބިލުތަކަށް އެއްފަހާރާ ފައިސާ ދެއްކޭނެ ނިޒާމު ވެސް އާ އަޕްގްރޭޑްގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.
އެމްޑަބްލިއުއެސްސީގެ ޕޯޓަލްގެ އަނެއް އަޕްޑޭޓަކީ އެ ކުންފުނިން ފެނުގެ ހިދުމަތް ދޭ ރަށްރަށުގެ ގޭގެތަކަށް ގުޅާފައިވާ ފެން މީޓަރުތައް ސްމާޓް މީޓަރުތަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، އެ މީޓަރު ހުންނަ ގޭބިސީތަކުގެ ކަސްޓަމަރުންނަށް ވަކިވަކި މީޓަރުތަކުން ފެންބޭނުން ކުރެވިފައިވާ ގޮތުގެ ތަފްސީލުތައް ބެލުމުގެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމެވެ. ފެން މީޓަރުގެ ރީޑިން ވެސް އަދި ފެންބިލްތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ ބިލްތަކާއި ބިލްތަކުގެ ތަޕްސީލު ފަސޭހަކަމާ އެކު ބަލާލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމާނީ
30 December 2024
ކިތަންމެ ޒަމާނީ ވިޔަސް ފެންބިލް ދަނީ މައްޗަށް. އެއަށް ޒަމާނީ ހައްލެއް ގެނެސްދީބަލަ.