އެފްއެސްއެމްގެ ތެޔޮ ބޯޓެއް ނިލަންދޫ ފަރަށް އަރާފައި--ފޮޓޯ: ނިލަންދޫ ކައުންސިލް
05 ޖެނުއަރީ 2025 - 10:04
ސަރުކާރުގެ ތެޔޮ ކުންފުނި، އެފްއެސްއެމްގެ ތެޔޮ ބޯޓެއް ގއ. ނިލަންދޫ ފަރަށް އަރައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނާސިހު "މިހާރު" އަށް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ތެޔޮ ބޯޓު ފަރަށް އެރީ ނިލަންދޫގެ ހުޅަނގު އުތުރު ފަރާތަށް ކަމަށެވެ.
އެއީ ތެޔޮ ހުރި ބޯޓަކަށް ވާތީ ގެއްލުމެއް ލިބި ނުވަތަ ދަށުން ފަޅައިގެން ގޮސްފައިވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތެލާ އެކީ ވީމާ އަޅުގަނޑުމެން މި ބަލަނީ ފަޅައިގެން ދިޔަތޯ،" އޭނާ ވިދާޅުވި އެވެ.
ނާސިހު ވިދާޅުވި ގޮތުގައި ބޯޓު ވަރަށް ބޮޑަށް ފަރު މައްޗަށް އަރާފައިވާތީ ފުން ކުރަން އުނދަގޫވާނެ އެވެ. އެކަމަކު، އެ މަސައްކަތް ނުފަށާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށާއި ނަމަވެސް އަދި އެއްވެސް ފަރާތަކުން އެ ސަރަހައްދުގައި ހަރަކާތްތެރި ނުވާ ކަމަށް ނާސިހު ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން އެފްއެސްއެމްގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހިނެއް
05 January 2025
ލަޑާ އަސްލު އުޅޭނީ ފަރުމަތީގަ އެހެންވެ ގޯހެއް ނެތް ތިޔަކަމުގަ
ސައިބޯނި
05 January 2025
މިހާރު ރާއްޖޭގަ ވެސް ދުއްވާ ތެޔޮ ބާރޖްތަށް ދެފޫލީ އުޅަނދުފަހަރަށް ބަދަލު ކުރަން ވެއްޖެ ތިމާވެއްޓޭ ކިޔައިގެން އަޑުގަދަ ކުރިއަސް މިކަން ހައްލެއް ނުވާނެ, ހަރުދަނާ ފިޔަވަޅު ތަކެއް އަޅަން ލަސްވެއްޖެ،,
ކަހެރުވައް
05 January 2025
ތިމާވެށީގެ ގާނޫނުގެ ދަށުން ބޯޓު ފަރަށް އެރުމުން ލިބުނު ގެއްލުމުގެ ބަދަލު ތިބޯޓުގަ ހުރި ތެޔޮ ވިއްކައިގެން ހޯދީމަ ހުންނާނީ ރަނގަޅަށް. އޭރަށް ވެންމަސް ވެނަށް ކާންދެވުނީ.
ޑރ ވާންޗޯ
05 January 2025
ތީތެޔޮބޯޓެއްނޫނެއްނު ތެޔޮގުރާބެއްނު، ބޮޑުކަންނެލި ދޯންޏަކަށްވެސް ތިޔަފުންކުރެވޭނެހެންހީވަނީ!!!.