08 ޖެނުއަރީ 2025 - 10:06
އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގައި ޑިޑިއާ ޑިޝޯމްޕްސް ދެމި ނުހުންނާނެ ކަމަށް އޭއެފްޕީ އިން ރިޕޯޓްކޮށްފި އެވެ.
ފްރާންސްގެ ކޯޗުކަމާ 2012 ވަނަ އަހަރު ހަވާލުވި ޑިޝޯމްޕްސް ވަނީ އެ ޓީމަށް 2018 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދީފަ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން އާޖެންޓީނާ އަތުން ބަލިވުމުން ގިނަ ބަޔަކު ވަނީ އިސްތިއުފާ އަށް ގޮވާލައިފަ އެވެ.
ނަމަވެސް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން އޭނާގެ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖުލައި އަށް އިތުރުކުރީ އެވެ. އެކަމަކު އޭނާ މިހާރު ވަނީ ކޮންޓްރެކްޓް އިތުރަށް އާނުކުރަން ނިންމައިފަ އެވެ. އެކަން މިއަދު ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ދުވަހު ކޯޗުކޮށްދިނުމުގެ ރެކޯޑް އޮތް ޑިޝޯމްޕްސް އަކީ ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ތިން ކޯޗުންގެ ތެރެއިން އެކެކެވެ.
ފްރާންސްގެ އާ ކޯޗަކަށް ވާނެ ކަމަށް ބެލެވެނީ ޑިޝޯމްޕްސްއާ އެކު 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޒައިނުއްދީން ޒިދާނެވެ. އޭނާ ހުރީ ރެއާލް މެޑްރިޑުގެ ކާމިޔާބު ދުވަސްތަކަށް ފަހު ވަޒީފާއެއް ނެތި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy