ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން ތަށި އުފުލާލަނީ: މި އަހަރުގެ މުބާރާތް ބާއްވާނީ ހޯމް އެންޑް އަވޭ ފޯމެޓަށް --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
09 ޖެނުއަރީ 2025 - 09:23
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން، ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ޖަމިއްޔާ ސާފް އިން އިއްޔެ ނިންމައިފި އެވެ.
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވި ސާފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ އެއްވެސް މައްސަލައެއް ކުރިމަތިނުވާ ހިނދެއްގައި ހޯމް އެންޑް އަވޭ ފޯމެޓަށް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށެވެ.
އެކަމަކު ސިޔާސީ ގޮތުން ސަރަހައްދުގެ ބޮޑު ދެ ބާރުގެ ގޮތުގައި އޮތް އިންޑިއާ އާއި ޕާކިސްތާނު ބައްދަލުކުރާ ދެ މެޗު ވެސް ކުޅުމަށް ހަމަޖައްސާފައި ވަނީ ނިއުޓްރަލް ވެނޫއެއްގައި ކަމަށް ސާފްގެ ސެކްރެޓަރީ ޖެނަރަލް ބަންގްލަދޭޝްގެ އަންވާރުލް ހައްގު ހިލާލް ވިދާޅުވި އެވެ.
"މުބާރާތް (ހޯމް އެންޑް އަވޭ ފޯމެޓަށް) ބާއްވަން އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ މުބާރާތް ބާއްވާނީ ސެންޓްރަލައިޒްކޮށް. އަދި މި އާ ފޯމެޓްގެ ދަށުން އިންޑިއާ އާއި ޕާކިސްތާނު ބައްދަލުކުރާ މެޗުތައް ކުޅޭނީ ނިއުޓްރަލް ވެނޫއެއްގައި،" އަންވާރުލް ހައްގު ވިދާޅުވި އެވެ.
ކޮންގްރެސްގައި ނިންމި އަނެއް ނިންމުމަކީ ސާފް ކްލަބް މުބާރާތް އަންނަ އަހަރު ބޭއްވުމަށެވެ. އަދި މުޅިން އަލަށް ދެ މުބާރާތެއް ވެސް އިއުލާން ކުރި އެވެ. އެއީ މިއަހަރު ސާފްގެ 23 އަހަރުން ދަށުގެ މުބާރާތް ބޭއްވުމަށެވެ. އެކަމަކު މި އަހަރު އެ މުބާރާތް ބޭއްވިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. ސަބަބަކީ ސާފް ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓް ހާއްސަ ކުރާނީ 23 އަހަރުންދަށުގެ އުމުރުފުރާ އަށް ކަމަށް ވުމުންނެވެ.
ސާފް ގޭމްސް މި އަހަރު ބޭއްވުމަށް، އެ ގޭމްސް ހޯސްޓް ކުރާ ޕާކިސްތާނުން ދަނީ މަސައްކަތް ކުރަމުންނެވެ.
ދެން އިއުލާން ކުރި އަނެއް މުބާރާތަކީ ސާފް އަންހެން ކްލަބް މުބާރާތެވެ. އެ މުބާރާތް ބާއްވާނީ އަންނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
09 January 2025
ތިއީ ސަޅިކަމަކަށްވާނެއެވެ. އެހެންނަމަވެސް އިންޑިއާ ނަގާފައި ސަރަޙައްދުގައި އެންމެ ކާމިޔާބު އަދި ފުޓުބޯޅައަށް މަރުދޭ ދިވެހިރާއްޖޭގައި އެފަދަ މުބާރާތެއް ބާއްވާ ފެންވަރުގެ ދަނޑެއް ނެތުމީ ދިވެހިރާއްޖެއަށްލިބޭ ހުތުރެކެވެ.